20 ފެބުރުއަރީ 2019 - 11:20

ވަގުތީ ގޮތުން މިނިސްޓްރީއެއް ހިންގެވުމުގެ ޒިންމާތައް ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާ މިނިސްޓަރުން އާއްމުގޮތެއްގައި ކަންކަން ހިނގަމުން އަންނަ ގޮތް ބައްލަވާލައްވަނީ އެވެ. އެކަމަކު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމުގެ ތުހުމަތާ ގުޅިގެން ސްޕޯޓްސް މިނިސްޓަރު މަހުލޫފް ގޭގައި މަޑުކުރަން ރައީސް އެންގެވުމުން، އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެންނެވި ޓޫރިޒަމް އަލީ ވަހީދު ފެންނަނީ ތަފާތުކޮށެވެ.
"އެއްވެސް ކަމެއް ހުއްޓިފައި އޮންނަން ބޭނުންނުވާ" ކަމަށް ވިދާޅުވެ ހަވާލުވިތާ ދެ ވަނަ ރޭ ރާއްޖޭގެ ހުރިހާ އެސޯސިއޭޝަނަކާ ބައްދަލުކުރައްވައި، ދަތިތައް ހައްލުކޮށްދެއްވަން މިވަނީ މަސައްކަތް ފަށްޓަވައިފަ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ އެސޯސިއޭޝަންތަކާ އެކު ބޭއްވި ބައްދަލުވުމުގައި ފާޅުކުރި ކަންބޮޑުވުންތަކާ އެކު، އަންނަ ހަފުތާގައި އެސޯސިއޭޝަންތަކުގެ ކުޅިވަރު ވަސީލަތްތައް ހުރި ނެތް ގޮތް ބައްލަވާނެ ކަމަށެވެ. ބައެއް އެސޯސިއޭޝަންތައް ވަންނާނެ ތަނެއް ވެސް ނެތް ކަމަށާއި ޗޭންޖިން ރޫމެއް ނެތް ކުޅިވަރު ވަސީލަތްތައް ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.
"ވަގުތީ ގޮތުން ގެނެވެން ހުރި ބަދަލުތައް ވަގުތީ ގޮތުން ގެނެސްފައި، ލޯންގް ޓާމްކޮށް އެސޯސިއޭޝަންތަކާ އެކު އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ ކުޅިވަރަށް ބަދަލުތަކެއް ގެންނަން އަޅުގަނޑުމެންގެ މެނިފެސްޓޯއާ އެއްގޮތަށް،" ނިއު ރޭޑިއަންޓުގެ ޗެއާމަންކަމާއި ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ކުރައްވާފައި އަލީ ވަހީދު ވިދާޅުވި އެވެ.
އިންތިހާބީ ބޯޑެއް ނެތި ނެޓްބޯޅަ އެސޯސިއޭޝަން އޮތީ ވާގިނެތިފައި ކަމަށާއި މިހާރު ނެގިފައިވާ އިންޓަރިމް ކޮމިޓީއާ އެކު އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އިދާރީ ކަންކަން ފުރިހަމަކުރުމަށް ފަހު މާޗު 15 ގެ ކުރިން އެތަނަށް ބޯޑެއް އިންތިހާބުކުރެވޭނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
"ރައީސްގެ ވައުދުތަކާ އެއްގޮތަށް 100 ދުވަހުގެ ތެރޭގައި ވެސް ހިމެނޭ ކަންތައްތައް އެޗީވްކުރަން ވަރަށް ރަނގަޅަށް (މަސައްކަތް ފެށިފައިވަނީ). އަޅުގަނޑުމެންގެ މިވަގުތުގެ ވެސް މިނިސްޓަރު، މިނިސްޓަރު މަހުލޫފުގެ ކުރައްވާފައި ހުރި މަސައްކަތްތައް ސަބްސިޓިއިޓް ޕްލެޔަރެއްގެ ގޮތުގައި (އަޅުގަނޑު މި) ކޮންޓިނިއުކުރަނީ،" އަލީ ވަހީދު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ މިވަގުތު ކޯޅުމެއްގެ ތެރޭގައި އޮތް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބްތައް އިއްޔެ އެއް މޭޒަކަށް ގެންނަވައިފަ އެވެ. އެ ބައްދަލުވުމުގައި އަލީ ވަހީދު ވަނީ ނިއު ރޭޑިއަންޓުގެ ސަސްޕެންޝަން އުވާލައި، އެފްއޭއެމްގެ ވެރިންނާ ދެކޮޅަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ ވޯޓާ ކުރިމަތިލައްވަން އެފްއޭއެމްގައި އެދިވަޑައިގެންފަ އެވެ.
ކުޅުންތެރިންނަށް މުސާރަ ނުދީ އޮތުމުން އެފްއޭއެމުން ނިއު ސަސްޕެންޑްކުރި ނަމަވެސް، މިނިސްޓަރު ވަނީ ސަސްޕެންޑްކުރީ އިތުބާރު ނެތްކަމުގެ މައްސަލަ ނިއު އިން ހުށަހަޅަން އުޅޭތީ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ އެ ސަސްޕެންޝަން އުވާލައި އަދި ފަހުން ވިކްޓްރީން ހުށަހެޅި އެ މައްސަލައަ ކުރިމަތިލައްވައި ކްލަބްތަކުގެ އިތުބާރު ހޯއްދަވަން އެފްއޭއެމަށް ގޮވާލެއްވި އެވެ.
ކްލަބްތަކުގެ އެ މަސައްކަތުގައި މިނިސްޓަރު މަހުލޫފު އުޅުއްވާ ކަމަށް ތުހުމަތުކޮށް އެފްއޭއެމުން ވަނީ ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަންނަ ނަމަ އެ މައްސަލަ ފީފާ އަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. އެހެންވެއްޖެ ނަމަ ރާއްޖެ އަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމުގެ އިންޒާރު ފީފާ އިން ދީފައިވާ ކަމަށް އެފްއޭއެމުން ބުނެ އެވެ.
އެކަމަކު އަލީ ވަހީދު ވިދާޅުވީ އޭނާ ވެސް ވާހަކަދައްކަނީ ފީފާގެ ގަވާއިދުތަކާއި އަދި ދުނިޔެޔަވީ ހަމަޔާ އުސޫލުގެ މަތިން ކަމަށް ކަމަށާއި ކްލަބަކާ ދެކޮޅަށް އެޅި ފިޔަވަޅެއް އުވާލާށާއި ވޯޓާ ކުރިމަތިލާން އެދުމަކީ ނުފޫޒު ފޯރުވުން ނޫން ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރުން އެސޯސިއޭޝަންތަކުގެ ތެރެއަށް ނުވަންނާނަން. (އެކަމަކު) އަޅުގަނޑުމެން ކަށަވަރުކުރާނަން މި ގައުމުގައި (ފުޓްބޯޅައިގެ ކަންކަން ދަނީ) ފީފާގެ ސްޓެޓިއުސްޓްސްތަކާ އެއްގޮތަށް (ކަމާއި އަދި) މި ގައުމުގެ ގާނޫނީ އަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ރޫލް އޮފް ލޯ ހިނގަންޖެހޭކަން." އަލީ ވަހީދު ވިދާޅުވި އެވެ.