21 ފެބުރުއަރީ 2019 - 07:39

ކެރިއަރުގެ ކުރީކޮޅު ކުޅުނު ގިނަ ފިލްމުތަކަކީ ފިލާވަޅެއް ކަމަށާއި މިހާރު އާދެވިފައި ހުރި ހިސާބަށް އާދެވުނީ އެ ފިލްމުތަކުން އިބުރަތް ހާސިލު ކުރުމުން ކަމަށް ބަތަލާ ސޮނާކްޝީ ސިންހާ ބުނެފި އެވެ.
ފިލްމު "ދަބަންގް" އިން 2010 ގައި ބޮލީވުޑަށް ނުކުތް 31 އަހަރުގެ ބަތަލާގެ ކެރިއަރުގައި މިހާތަނަށް ކުޅެފައިވާ ގިނަ ފިލްމުތަކަށް ބަލާ އިރު، އޭގެ ތެރޭގައި ގިނަ އިން ހުރީ މާ ބޮޑު އޮއްޓަރެއް ނެތް އަދި ބަތަލާ އެއް ފަރާތްކޮށްލެވިފައިވާ ކަހަލަ ރޯލްތައް ހިމެނޭ ފިލްމުތަކެވެ.
އޭގެ ތެރޭގައި "ރައުޑީ ރާތޯޑް"، "އާރް...ރާޖްކުމާރް"، "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ ދޮބާ"، "ސަން އޮފް ސަރުދާރު"، "ބުލެޓް ރާޖާ"، "ހޮލިޑޭ: އަ ސޯލްޖާ އިޒް ނެވާ އޮގް ޑިއުޓީ" އަދި "އެކްޝަން ޖެކްސަން" ފަދަ ފިލްމުތައް ހިމެނެ އެވެ.
ސޮނާކްޝީ ބުނީ ގޮތުގައި ކުރިން އޭނާ އަށް މާ ވަރުގަދަ ރޯލްތަކެއް ކުޅެން ނުލިބުނަސް، ކުޅެވުނު ފިލްމުތަކާ ދޭތެރޭ މާޔޫސްއެއް ނުވެ އެވެ. އަދި ކުރެވުނު މަސައްކަތްތަކާ ދޭތެރޭ ފަހުރުވެރި އެވެ. ސޮނާކްޝީ ކުޅެން ނަގާ ރޯލްތައް ކަމުނުދާތީ ވަރަށް ގިނަ ބަޔަކު ކުރިން އޭނާ އަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔާފައިވެ އެވެ.
އެކަމަކު މި ފަހުން އޭނާ ވަނީ ބަތަލާގެ މަސައްކަތް ފާހަގަ ކުރެވޭ ކަހަލަ ރޯލްތަކެއް ވެސް ކުޅެފަ އެވެ. އޭގެ ތެރޭގައި "އަކީރާ"، "ލުޓޭރާ"، "އިއްތިފާގް" އަދި "ހެޕީ ޕިރް ބާގް ޖާއޭގީ" ހިމެނެ އެވެ.
"ކުރިން ކުޅެވުނު ފިލްމުތަކަކީ ފިލާވަޅެއް ކަމަށް އަހަރެން ދެކެނީ. އެހެންވީމާ މިހާރު ރިސްކް ނަގާކަށް ވެސް ޖެހިލުމެއް ނުވޭ. އަދި ވަރަށް ރަނގަޅު ރޯލްތައް ބަތަލާއިންނަށް މިހާރު ކުޅެން ވެސް ލިބޭ. އަހަރެން އުފާ ކުރަން އެކަހަލަ ރޯލްތައް މިހާރު ލިބޭތީ ވެސް،" އަންނަ އެޕްރީލްގައި ރިލީޒް ކުރާ ބޮޑު ކާސްޓެއް ހިމެނޭ ފިލްމު "ކަލަންކް" ގެ ބަތަލާ ބުންޏެވެ. "އަހަރެން މިހާރު ފިލްމަކަށް އެއްބަސް ވަނީ ވަރަށް ބޮޑަށް ބަލާފައި. އަހަރެންގެ ޗޮއިސް ހަގީގަތުގައި މިހާރު ބަދަލުވެއްޖެ. ބޭނުންވޭ ތަފާތު އެކި ކަހަލަ ރޯލްތައް ކުޅެން."
ޓީ ސީރީޒުން މިހާރު ހަދަމުން އަންނަ ފެމިލީ ކޮމެޑީއެއްގެ މަސައްކަތް ކުރަމުން އަންނަ ސޮނާކްޝީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "މިޝަން މަންގަލް" އަދި "ދަބަންގް 3" ހިމެނެ އެވެ.
ހުކުރު ދުވަހު ރިލީޒް ކުރާ ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" ގެ ލަވައަކުން ވެސް އޭނާ ފެނިގެން ދާނެ އެވެ.