ކަރަން ޖޯހަރު ބުނަނީ އާލިއާ ބަޓާ އެކު "ގަލީ ގާލް" ހަދަން ޖެހޭ ކަމަށް
ކަރަން ޖޯހަރު ބުނަނީ އާލިއާ ބަޓާ އެކު "ގަލީ ގާލް" ހަދަން ޖެހޭ ކަމަށް

ބޮކްސް އޮފީހުގައި މިހާރު ވަރަށް ކާމިޔާބުކޮށް ހިނގަމުން އަންނަ ފިލްމު "ގަލީ ބޯއި" ގައި އާލިއާ ބަޓް ކުޅެފައިވާ ސަފީނާގެ ރޯލަކީ ވަރަށް ޝައުގުވެރި ކެރެކްޓާއެއް ކަމަށާއި އެ ކެރެކްޓާއިން ކުރިފަޅުވައިގެން "ގަލީ ގާލް" ގެ ނަމުގައި ފިލްމެއް ހަދަން ޖެހޭ ކަމަށް ކަރަން ޖޯހަރު ބުނެފި އެވެ.

ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ" އިން 2012 ގައި އާލިއާ ބޮލީވުޑަށް ނެރެދިން ޑައިރެކްޓަރު އިންސްޓަގްރާމްގައި "ގަލީ ބޯއި" އަށް ތައުރީފު އޮއްސާލާފައިވާ އިރު، އޭނާ ބުނީ އާލިއާއަކީ އެކްޓިންގެ މައިދާނުގައި ހުއްޓުވޭނެ ފަންނާނެއް ނޫން ކަމަށެވެ. އަދި އޭނާ ކުޅެފައިވާ ރޯލް ވަރަށް ފުރިހަމަ ކަމަށާއި ޒުވާން ބަތަލާގެ އެކްޓިން ވެސް އެހާ މޮޅު ކަމަށް ކަރަން ބުންޏެވެ.

ޒޯޔާ އަހްތަރު ޑައިރެކްޓް ކުރި "ގަލީ ބޯއި" ގައި އާލިއާ ކުޅެފައި ވަނީ ޑޮކްޓަރަށް ވާން މަސައްކަތް ކުރާ ސަފީނާ ފިރުދައުސް ކިޔާ މުސްލިމް އަންހެނެއްގެ ރޯލެވެ. އަދި އޭނާ ހުންނަނީ ބުރުގާ ވެސް އަޅައިފަ އެވެ. ސަފީނާއަކީ ކާމިޔާބު ރެޕަކަށް ވާން މަސައްކަތް ކުރާ ލޯބިވެރިޔާ މުރާދު ޝެއިހް (ރަންވީރު ސިންގް) އަށް ޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްލަން ފަސްނުޖެހޭ އަންހެނެކެވެ.

ކަރަން ފިލްމަށް ތައުރީފު ކުރަމުން ރަންވީރާއި ފިލްމުގެ އެހެން ތަރިންނާއި ޒޯޔާ އަށް ވެސް ވަރަށް ބޮޑަށް ސަނާ ކިޔާފައިވެ އެވެ. އެގޮތުން ޒޯޔާއަކީ އޭނާގެ އެންމެ ގަޔާވާ ޑައިރެކްޓަރު ކަމަށް ވެސް ބުންޏެވެ.

އާލިއާގެ ކުރިއަށް އޮތް ފިލްމަކީ ކަރަން ޕްރޮޑިއުސްކޮށް، އަންނަ އެޕްރީލް މަހުގެ 19 ގައި ރިލީޒް ކުރާ ތާރީހީ ފިލްމު "ކަލަންކް" އެވެ. އަދި ކަރަން އަންނަ އަހަރު ގެނެސްދޭ ތާރީހީ ލޯބީގެ ފިލްމު "ތަހުތު" ގެ ކާސްޓުންގެ ތެރޭގައި ވެސް އާލިއާ އާއި ރަންވީރު ހިމެނެ އެވެ.

މި އަހަރު ރިލީޒް ވާން ހުރި އާލިއާގެ ފިލްމުތަކުގެ ތެރޭގައި ކަރަން ޕްރޮޑިއުސްކޮށްފައިވާ ފެންޓަސީ އެޑްވެންޗަ ފިލްމު "ބުރައްމަސްތުރާ" ވެސް ހިމެނެ އެވެ. އެ ފިލްމު ރިލީޒް ކުރާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.