22 ފެބުރުއަރީ 2019 - 07:27

ހިތްހަމަޖެހޭ ވަރުގެ ސްކްރިޕްޓެއް ލިބިއްޖެ ނަމަ ފިލްމެއް ޑައިރެކްޓްކުރަން ޝައުގުވެރިވާ ކަމަށް އެކްޓަރު އަރުޖުން ރާމްޕާލް ބުނެފި އެވެ.
ބޮލީވުޑުން މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ލިބިފައިނުވާ އެކްޓަރުގެ ފުރަތަމަ ވެބް ސީރީޒް "ދަ ފައިނަލް ކޯލް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އަރުޖުން ބުނީ ފިލްމީ ދާއިރާގެ ހުރިހާ ކަމެއް އޭނާ ތަޖުރިބާކޮށްލަން ބޭނުންވާ ކަމަށެވެ.
"އެގޮތުން ޑައިރެކްޝަަނަކީ އަހަރެންގެ ޝައުގުވެރިކަން ހުރި ކަމެއް. ހިތްހަމަޖެހޭ ކަހަލަ ސްކްރިޕްޓެއް ލިބިެއްޖެ ނަމަ ބޭނުންވާ އެކަން ތަޖުރިބާކޮށްލަން،" މިދިޔަ އަހަރު ރިލީޒް ކުރި "ޕަލްޓާން" ގައި މުހިއްމު ރޯލެއް ކުޅުނު އެކްޓަރު ބުންޏެވެ. "ފިލްމީ މަސައްކަތަކީ އަބަދުވެސް އަހަރެން ވަރަށް ޝައުގުވެރިވާ ކަމެއް. ހަމައެކަނި އެކްޓް ކުރުމެއް ނޫން. ފިލްމީ މަސައްކަތްތަކާ ގުޅުން ހުރި ހުރިހާ ކަމަކީ އަހަރެން އަމިއްލަ އަށް ތަޖުރިބާ ވެސް ކޮށްލަން ބޭނުންވާ ކަންކަން."
އަލަތު ކައިވެންޏަށް ލިބުނު ދެ އަންހެން ދަރިން ފުރާވަރަށް އަރާފައި ވަނިކޮށް ކައިވެނި ރޫޅި މިހާރު ދެކުނު އެފްރިކާގެ މޮޑެލްއަކާ ރައްޓެހިވެގެން އުޅޭ އަރުޖުން ވަނީ "ޑެޑީ" ގެ ކިޔާ ފިލްމެއް 2017 ގައި ޕްރޮޑިއުސްކޮށް އޭގައި އެކްޓް ވެސްކޮށްފަ އެވެ.
މިހާރު ކުޅޭނެ މާ ރަނގަޅު ފިލްމުތަކެއް ނުލިބޭ އަރުޖުން، 46، ބޮލީވުޑަށް ނުކުތީ 2001 ގެ ފިލްމު "ޕިޔާރް އިޝްގް އޯރް މުހައްބަތު" އިންނެވެ. އޭނާ މިހާތަނަށް ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ 2008 ގެ "ރޮކް އޯން" އެވެ.
އެ ފިލްމުން އެ އަހަރު އަރުޖުން އަށް ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބިފަ އެވެ.