27 އޯގަސްޓް 2016 - 07:46

މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތަށް ބިނާކޮށް ރާޖް ކުމާރު ހިރާނީ ޑައިރެކްޓްކުރާ ފިލްމުގައި ރަންބީރު ކަޕޫރުގެ ބައްޕަގެ ރޯލު އާމިރު ޚާން ކުޅެފާނެ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނަން ފަށައިފި އެވެ.
މިއީ ފިލްމަށް އޮތް ސަމާލުކަން އިތުރަށް ބޮޑުވެދާނެ ސަބަބެއް ކަމަށް ވަނީ ބެލެވިފަ އެވެ. މި މިފިލްމަކީ "މުންނާބާއީ" ސިލްސިލާގެ ފިލްމުތަކާއި "ތުރީ އިޑިއަޓްސް" އަދި "ޕީކޫ" ފަދަ މަޖާ މޮޅު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ހީރާނީގެ ފިލްމަކަށް ވުމާއި ހިރާނީގެ ފިލްމުތަކުގައި އަބަދުވެސް އުޅޭނީ އެ ވަގުތަކު ބޮލީވުޑްގައި ތިބި އެންމެ ހުނަރުވެރި އެކްޓަރުންނަށް ވުމީ ވެސް ފިލްމާ މެދު ކުރާ އުންމީދު ބޮޑުވެފައިވާ ސަބަބުތަކެވެ.
އެގޮތުން މި ފިލްމުގެ ބަތަލަކީ ހުނަރާއި ރީތިކަމުގެ ދެ ވަނަ އެއް ނެތް ރަންބީރު ކަޕޫރެވެ. ފިލްމުގައި ސަންޖޭ ދަތުގެ ބައި އަދާކުރާނީ ރަންބީރެވެ. ސަންޖޭ ދަތުގެ ބައްޕައަކީ އޭނާގެ ހަޔާތުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރި މީހަކަށް ވާއިރު އެ ބައި ކުޅެން އާމިރު ޚާންގެ ކިބައިން އެދިފައިވާ ކަމަށް ބައެއް ނޫސްތަކުން ބުނެ އެވެ.
ބުނެވޭ ގޮތުގައި ފިލްމުގެ ސްކްރީންޕްލޭ އާއި އޭނާ ކުޅެންޖެހޭ ރޯލާ ދޭތެރޭ އާމިރު ވަނީ ވަރަށް ހިތްހަމަޖެހިފަ އެވެ. ނަމަވެސް އަދި ފިލްމު ކުޅެން އޭނާ ސޮއެއް ނުކުރެ އެވެ.
އާމިރު ޚާން މިހާރު ކުޅެމުންދާ "ޑަންގަލް"ގައި ވެސް އޭނާ ކުޅެނީ ބޮޑެތިވެފައިވާ ދެ އަންހެންކުދިންގެ ބައްޕައެއްގެ ރޯލެވެ. އެހެންކަމުން ސަންޖޭ ދަތުގެ ބައްޕަގެ ރޯލު ކުޅެން އާމިރު ފަސް ނުޖެހޭނެކަމަށް ގިނަ ބަޔަކު ލަފާ ކުރެ އެވެ.