އިންޑިއާގެ ދެ ޖެޓް ވައިގެ ތެރޭގައި ޖެހި ޕައިލެޓަކު މަރުވެއްޖެ
އިންޑިއާގެ ދެ ޖެޓް ވައިގެ ތެރޭގައި ޖެހި ޕައިލެޓަކު މަރުވެއްޖެ

ބެންގަލޫރު (ފެބްރުއަރީ 19) - އިންޑިއާގެ ހަނގުރާމަ މަތީ ދެ ޖެޓް ބެންގަލޫރުގެ އުތުރުން އޮންނަ ވައިގެ މަރުކަޒެއް ހިމެނޭ ސަރަހައްދުގައި ވައިގެ ތެރޭގައި ޖެހި ޕައިލެޓަކު މަރުވެއްޖެ އެވެ.

މި އެކްސިޑެންޓުގައި ދެ ޕައިލެޓަކު ވަނީ ވައި ކުޑައިގައި ބޯޓުން ފުންމާލައިފަ އެވެ. އެ ދެ ޕައިލެޓުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ދެ ޖެޓް ޖެހިފައި ވަނީ މާދަމާ ބެންގަލޫރުގައި އޮންނަ އެއަރޯ އިންޑިއާ ޝޯ އަށް ރިހާސަލް ބާއްވަމުން ދަނިކޮށެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ދެ ބޯޓު ޖެހި އެނބުރެމުން ކަހަލަ ގޮތަކަށް ވެއްޓެން ދިޔަ އިރު ދެ ޕައިލެޓަކު ވަނީ ވައިކުޑައިގައި ފުންމާލައިފަ އެވެ.

ދެ ޖެޓް ވެއްޓުނު ސަރަހައްދަށް ޑިފެންސް މިނިސްޓަރު ނިރްމަލާ ސިތާރާމް ވަނީ ވަޑައިގެންފަ އެވެ.

އެއަރޯ އިންޑިއާ ޝޯ އަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ބެންގަލޫރުގައި ބާއްވާ ޝޯއެކެވެ. މި ޝޯ ބަލަން ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު ދެ އެވެ. މި ޝޯ ބާއްވަން ފަށާފައި ވަނީ 1996 ވަނަ އަހަރު އެވެ.