ވީބީ ހަސަންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ބަލައެއް ނުގަތް
ވީބީ ހަސަންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ބަލައެއް ނުގަތް

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މެދު ހެންވޭރު ދާއިރާ އަށް ވާދަކުރެއްވުމަށް ވީބީ ބްރަދާސްގެ މެނޭޖިން ޑަައިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) ހުށަހެޅުއްވި ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) ން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

އެ ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހު ހުށަހެޅުއްވި ހަސަންގެ ފޯމު ބަލައިނުގަތީ ސިވިލް ކޯޓުގައި މައްސަލަތަކެއް އުޅޭތީ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ހަސަންގެ މައްޗަށް ވަނީ ދަރަނިތަކެއް ސާބިތުވެފަ އެވެ. އެކަމަކު، އެއީ ކުންފުނީގެ އެކި އިސްވެރިންގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއްގެ ތެރެއިން ހަސަން ދައްކަވަންޖެހޭ ފައިސާތަކެކެވެ.

ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ދަރަނި އަދާނުކުރާ ނަމަ ރައްޔިތުންގެ މަޖިލިހުގެ މެންބަރަކަށް ވުމުގެ ޝަރުތު ހަމައެއް ނުވާނެ އެވެ.

އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކުރިމަތިލައްވާކަން އިއުލާން ކުރެއްވުމަށް ފަހު ހަސަން ވިދާޅުވެފައި ވަނީ މަގާމަށް ކުރިމަތިލައްވާފައި ވަނީ ދާއިރާގެ މީހުންގެ އެދުމުގެ މަތިން ކަމަށެވެ.