20 ފެބުރުއަރީ 2019 - 07:27

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތާ މެދު ބައެއް މީހުންނަށް ޝައްކެއް ނެތް އެއް ކަމަކީ ޓޫރިޒަމަށް ދޫކުރި އެ ރަށްތަކާއި ފަޅުތައް އަނބުރާ ދައުލަތަށް ނަގަން ޖެހޭނެ ކަމެވެ. އެކަމަކު ނުއަގުގައި އަދި ކޮރަޕްޝަންގެ ތެރެއިން ދީފައި ހުއްޓަސް، އެ ތަންތަން އަނބުރާ ރައްޔިތުންނަށް ލިބިދާނެތޯ ނުވަތަ ސަރުކާރުން އެކަން ކުރަން އުޅެފާނެތޯ ވެސް އެއީ ސުވާލެކެވެ.

މިހާރު ބައެއް ތަންތަނުގައި ރިސޯޓު ހަދައި ހުޅުވައިފި އެވެ. ބައެއް ތަންތަން ދަނީ ހަދަމުންނެވެ. ބައެއް ތަންތަން ހުރީ އެހެން ފަރާތަކަށް ދީފަ އެވެ.
ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތާ ގުޅިފައިވާ އެތައް ކަމަކަށް އާއްމުންގެ ސަމާލުކަން ހުއްޓިފައިވާ މި ދަނޑިވަޅުގައި، ޚިޔާނާތުގެ ރަށްތައް އަނބުރާ ސަރުކާރަށް ނަގަން ގޮވާލާ އެއް ފަރާތަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އެވެ.
"މި ޖަމްއިއްޔާ އިން ދައުލަތަށް ގޮވާލާ އަނެއް ކަމަކީ މި ޚިޔާނާތުގެ ދަށުން ނަގާފައިވާ ރައްޔިތުންގެ މުދާ އެ ފަރާތްތަކުން އަތުލައި ދައުލަތުގެ ބެލުމުގެ ދަށަށް އެ ތަންތަން މިހާރުން މިހާރަށް ނެގުމެވެ،" އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި ޚިޔާނާތުގެ ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރުމާ ގުޅިގެން ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ވެ އެވެ.
ރަށްތައް އަތުލަން ޖެހޭނެ ކަމަށް ކުރީގެ އޮޑިޓަ ޖެނެރަލް، ނިޔާޒް އިބްރާހީމް ވެސް ގަބޫލުކުރައްވަ އެވެ. ކުރީގެ ސަރުކާރުން ހިންގި ހިޔާނާތެއް ފަޅާއަރުވާލި އޮޑިޓް ރިޕޯޓް ނެރުއްވުމުން އޭރުގެ ސަރުކާރުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މަގާމު ގެއްލުވާލި ކުރީގެ އޮޑިޓަ ޖެނެރަލް ވިދާޅުވަނީ އެމްއެމްޕީއާރުސީގެ ޑީލްތަކުގައި ރަށްތައް ހޯދާފައި ވަނީ ސައްހަކޮށް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.
"ނުހައްގު ގޮތުގައި ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް އަދި އޭގެ ތެރޭގައި ކޮރަޕްޝަން ހިމެނޭ ގޮތަށް، ދައުލަތުގެ އިސް ވަޒީރަކަށް ރިޝްވަތު ދީގެން ނަގާފައި ހުރި ރަށްތައް އޭގެ ތެރެއިން ގިނަ ރަށްތަކަކީ. އެހެންވީމާ އެއީ ސައްހަ މުއާމަލާތްތަކެއް ކަމަކަށް އަޅުގަނޑަކަށް ނުވިސްނޭ،" ނިޔާޒު ވިދާޅުވި އެވެ.
"އެހެން ކަމަށް ވެއްޖެއްޔާ އެ ރަށްތައް ދިވެހި ދައުލަތަށް ނެގެން ޖެހޭނެ. އެ އެއްޗެއްސަކީ ދިވެހި ރައްޔިތުންގެ މުދާ."
އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާއި އެ ރަށްތައް ލިބުނު މީހުން އޭސީސީގެ ރިޕޯޓުން އެނގެން އޮތް އިރު، މި ޚިޔާނާތުގައި އެ ފަރާތްތައް ވެސް ކުށްވެރިވާ ކަމަށް ޓްރާންސްޕޭރެންސީން ދެކެ އެވެ.
"ކޮރަޕްޝަންގެ މި އަމަލު ހިންގުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި އެއް ބަޔަކީ ރާއްޖޭގެ ރަށްތަކާއި ފަޅުތައް ނުއަގުގައި ހޯދި ކުންފުނިތަކާއި އެ ކުންފުނިތަކުގެ ހިއްސާދާރުންނެވެ،" އެ ޖަމްއިއްޔާގެ ބަޔާނުގައިވެ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އެ ފަރާތްތަކުގެ ދައުރު އޮތް ކަމަށް ނިޔާޒު ވެސް ދެކެވަޑައިގަންނަވަ އެވެ.
"ރަށްތައް ހޯދި މީހުންނަށް ވެސް އެނގޭނެ ރަނގަޅަކަށް ނޫންކަން އެކަން ދިޔައީ. [ޚިޔާނާތުގެ މުގުލުގައި ހުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނާއިބު ރައީސް އަހުމަދު] އަދީބަށް ނުވަތަ ދައުލަތުގެ އެހެން ވަޒީރަކަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ އަށް ބައި އަޅާކަށް ނުޖެހޭނެކަން، ހައްގު ގޮތުގައި ހިނގާ މުއާމަލާތެއްގައި. ހައްގު މުއާމަލާތެއް ވެއްޖެއްޔާ އޯޕަން މާކެޓެއްގައި އޯޕަން ޕްރޮސެސްއެއްގެ ތެރެއިންކަން ކަންކަން ހިނގާނީ. އަދި ފައިސާ ވަންނަން ޖެހޭނީ ވެސް ދިވެހި ރައްޔިތުންގެ މާލިއްޔާ އަށް ކަން އެނގެން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
"ގޯހުން ހިނގާ ކަމެއްކަން ކަނޑައެޅިގެން އެ ފަރާތްތަކަށް ވެސް އެނގި ތިބެ، އެހެން ނަމަވެސް އެ ބޭފުޅުންގެ ޒާތީ މަންފާ އަށް ޓަކައި އެ ބޭފުޅުން އެކަމާ އަޅާނުލާ ތިބީ ނޫންތޯ، ރަށްތައް ލިބޭތީ؟"
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަދު ތޮލާލް ވެސް ފާހަގަކުރައްވާ ގޮތުގައި ރަށް ލިބުނީ ކޮރަޕްޝަންގެ ތެރެއިންކަން، ހޯދި ފަރާތަށް ނޭނގިއެއް ނޯންނާނެ އެވެ. އޭނާ ވިދާޅުވީ ރަށްތަކެއް ދޫކުރަން ހުރީމާ ހޯދީއޭ ބުނެ ރެކެވެން ނޯންނާނެ ކަމަށާއި އެއީ ސާފު މުއާމަލާތެއްކަން ކަށަވަރުކުރުމުގެ ޒިންމާ އޮންނާނެ ކަމަށެވެ.
"މިސާލަކަށް، މީހަކު ވަރަށް އަގު ބޮޑު މޮބައިލް ފޯނެއް 100 ރުފިޔާ އަށް ވިއްކަންޏާ އެހާ އަގު ބޮޑު އާ ފޯނެއް 100 ރުފިޔާ އަށް ވިއްކަނީ ކީއްވެގެންތޯ ބަލަން ޖެހޭނެ. ވަގަށް ނަގާފައި އޮތް އެއްޗެއް ވިއްކާ އިރު، ގަންނަ މީހާގެ ވެސް ޒިންމާއެއް އޮވޭ، ޑިއު ޑިލިޖެންސް ހެދުމަށް. މިއީ ވަރަށް ކުޑަ މިސާލެއް،" ތޮލާލް ވިދާޅުވި އެވެ.
"އެހެންވީމާ އަދި އަމުދުން މި ކަހަލަ ހާލަތެއްގައި އަޅުގަނޑަކަށް ހިއެއް ނުވޭ އެއްވެސް މީހަކު ގަބޫލުކުރާނެ ހެނެއް، މި ޑީލްތައް ހިނގާފައި ހުންނާނީ [ރަށްތައް ލިބުނު މީހުންނަށް] މިކަން ނޭނގިއެކޭ."
މި ސަބަބަށްޓަކައި، ތޮލާލް އާއި ނިޔާޒު ވެސް އެބަސްވެވަޑައިގަންނަވާ ގޮތުގައި، ދޫކުރި ރަށްތަކަށް ވިޔަފާރިވެރިން އިންވެސްޓްކޮށް އެ ރަށްތައް ހަދާފައި ހުރުމަކީ އަތުނުލާން ދެއްކެން އޮތް ހުއްޖަތެއް ނޫނެވެ.
"މިސާލަކަށް، މީހަކު ދިވެހި ދައުލަތުން ނުހައްގުން ފައިސާ ނެގީއޯ. އޭނާ އެ ބޭނުންކުރީއޯ. އެ ބޭނުންކޮށްފައި މިހާތަނަށް ވާތީ، ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު އޭނާގެ އަތުން އަނބުރާ ހޯދާކަށް ނުޖެހޭނެތޯ؟ ނޫނީ އެ ފައިސާ އިން އޭނާ ގެއެއް ހަދައިގެން އެ ގޭގައި ދިރިއުޅޭތީ އެ ހިސާބުން އެ މީހާ ހަމަ ދޫކޮށްލަންވީތޯ؟" ނިޔާޒު ސުވާލުކުރެއްވި އެވެ.
ރަށްތައް އަތުލަން ޖެހޭ ސަބަބު ސާފުކޮށް އެނގޭ ފަރާތްތަކަށް ވެސް ކިޔައިދޭން އުނދަގޫ ވަނީ އެކަން ކުރާނެ ގޮތެކެވެ. ގާނޫނީ ގޮތުންނާއި ސިޔާސީ ގޮތުން ސަރުކާރަށް ކުރިމަތިވާ ހުރަސްތަކަކާ ހެދި އެކަން ނުކުރުން އެކަށީގެންވާ ކަމަށް އެންމެން ވެސް ގަބޫލުކުރެ އެވެ.
ގާނޫނީ ބައެއް މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި މި ޚިޔާނާތުގައި ދޫކުރި ރަށްތައް އަނބުރާ ދައުލަތަށް ނެގިދާނެ އެވެ. އެކަމަކު އެކަން ވާނީ ބޮޑު ގޮންޖެހުމަކަށެވެ.
"ފަސޭހައެއް ނުވާނެ، ގާނޫނީ ގޮތުން ވެސް ހައްލެއް ހޯދާކަށް. އަދި ޕްރެކްޓިކަލީ ވެސް އަދި ސިޔާސީ ގޮތުން ވެސް ފަސޭހަ ނޫން ކަންތައްތަކެއް ހުންނާނެ،" ކުރިން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްކަން ކުރައްވާފައިވާ ވަކީލު ހުސައިން ޝަމީމް ވިދާޅުވި އެވެ.
އެގޮތުން ކުރިމަތިވެދާނެ ބައެއް ހުރަސްތަކުގެ ތެރޭގައި، ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމުން ދޭން ޖެހުނު ފަދަ ބޮޑެތި ބަދަލުތަކެއް ސަރުކާރުން ދޭން ޖެހުމާއި ތިންވަނަ ފަރާތަކުން ހޯދާފައި ހުރި ރަށްތައް އަތުލަން ވަކިން ބޮޑަށް އުނދަގޫވުން ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"ތިން ވަނަ ފަރާތުން ކުރާނެ ކަމެއް ނޫން، ސަރުކާރުގެ މީހާ ލާރި ނެގުމަކީ. އެކަމަކު ތިން ވަނަ ފަރާތް ބައިވެރިވެފައި އޮތިއްޔާ އެއީ މައްސަލައެއް. ދެން މި ކަން އިތުރަށް ކޮމްޕްލިކޭޓްވާ ހިސާބަކީ އަދި އިތުރު ބަޔަކަށް ވިއްކާފައި ހުރިއްޔާ. މިސާލަކަށް އަދީބަށް ލާރި ދީގެން ޕްރޮޖެކްޓް ނެގި މީހާ އަދި އެހެން މީހަކަށް އޭތި ވިއްކާފައި އޮތިއްޔާ އަދި މާ އުނދަގޫވާނެ،" އޭނާ ވިދާޅުވި އެވެ.
ރަށްތައް އަތުލާނެ ގޮތެއް ސަރުކާރުން ކަނޑައަޅައި ދުރާލާ އިއުލާންކޮށްގެން އެކަން ކުރެވިދާނެ ކަމަށް ޝަމީމް ގަބޫލުކުރައްވަ އެވެ. ދެން އޮތް ގޮތަކީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، މުޅި މައްސަލައިގެ ގާނޫނީ ހުރިހާ މަރުހަލާތަކެއް ފުރިހަމަކުރުމަށް ފަހު އެ ކަމަށް މަސައްކަތް ފެށުމެވެ.
"މާނައަކީ ކޮރަޕްޝަންގެ މައްސަލަ ބަލައި، ފިޔަވަޅު އަޅަން ޖެހޭ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅައި އަދި އެ ޑީލްއަކީ ކޮރަޕްޝަންގެ ތެރެއިން ދިޔަ ޑީލްއެއް ކަމަށް ވެސް ކޯޓުން ކަނޑައަޅައި އޭތި ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ނިންމުން. އެއީ ވަރަށް ދިގު ޕްރޮސެސްއަކަށް ވާނީ،" އޭނާ ފާހަގަކުރެއްވި އެވެ.
ރަށްތައް އަތުލުމުގެ ޝައުގުވެރިކަމެއް ސަރުކާރަށް ނޯވެދާނެ އިތުރު ބައެއް ސަބަބުތައް ވެސް ޝަމީމް ފާހަގަކުރެއްވި އެވެ. އެއް ކަމަކީ އިންވެސްޓްކޮށް، ސަރުކާރަށް ކުއްޔާއި ޓެކްސް ދައްކަމުންދާ ބަޔަކަށް "އުނދަގޫ ކުރަން" ބޭނުން ނުވުމެވެ. އަނެއް ކަމަކީ ދެން އަންނަން ތިބި އިންވެސްޓަރުންނަށް ރާއްޖެއާ މެދު އިތުބާރު ގެއްލިދާނެ ކަމުގެ ބިރެވެ.
ޚިޔާނާތުގެ ތެރެއިން ޓޫރިޒަމަށް ދޫކުރި ރަށްތަކެއް އަނބުރާ ދައުލަތަށް ނެގުމަކީ ރާއްޖެއާ މެދު އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ ކަމެއް ކަމަކަށް ނިޔާޒު ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެކަން ވާނީ ރަނގަޅަކަށެވެ.
"ޖެނުއިންކޮށް އިންވެސްޓްކުރަން ހުރި ފަރާތެއް ވެއްޖެއްޔާ އެ ބޭފުޅުންނަށް އިތުބާރު ބޮޑު ވާނީ. އެއީ ނުހައްގު ގޮތުގައި، ނުސީދާކޮށް ދިވެހި ދައުލަތުން ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން އެ ފަރާތްތަކަށް ލިބޭނީ. އެކަމަކު ހައްގު ނޫން ގޮތުގައި، އަޑިއަޑިން، ދިވެހި ރައްޔިތުންގެ މިލްކިއްޔާތުގައި ހުރި ރަށްތައް ހޯދަން ޝައުގުވެރިވާ ފަރާތްތަކަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް އަންނާނެ. އެ ބޭފުޅުންގެ ކޮންފިޑެންސް ހަމަ ރަނގަޅަށް ވެސް ގެއްލޭނެ،" ނިޔާޒު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ރަށްތައް އަތުލާ އިރު ބަދަލު ދޭން ޖެހޭނެތޯ ނޫންތޯ އެއީ ގާނޫނީ ސުވާލެކެވެ. ކުރިމަތިވެދާނެ ހުރަސްތަކަށް ބަލާ އިރު، މިހާ ހިސާބުން ރައްޔިތުންނަށް ފައިދާ ބޮޑުވާނީ ރަށްތައް އަނބުރާ ނެގުންތޯ ނުވަތަ ނޫންތޯ ވިސްނަން ޖެހިފައި އޮތް އިރު، ނިޔާޒު ވިދާޅުވީ "ރަށްތައް ނަގައިގެން ދައުލަތަށް ވާނީ ގެއްލުންތޯ، ފައިދާތޯ އެއެއް ޖެހޭނީ އެނަލައިޒްކޮށް ބަލަން" ކަމަށެވެ. އެކަމަކު ރަށްތައް އަތުލަން ޖެހޭ ކަމާ މެދު އޭނާ އަށް ޝައްކެއް ނެތެވެ.
"ސަރުކާރުން އެކަން ކުރާނެތޯ ނުކުރާނެތޯ އެއީ ސުވާލެއް. އެކަމަކު އިންސާފު ގާއިމްކުރި ކަމަށް ވާނީ އޭރުން،" ނިޔާޒު ވިދާޅުވި އެވެ.
ތޮލާލް ވިދާޅުވި ގޮތުގައި ޓްރާންސްޕޭރެންސީން އަންނަނީ އޭސީސީގެ ރިޕޯޓު އިތުރަށް ދިރާސާކޮށްގެން، ފިޔަވަޅުތައް އަޅަންވީ ކިހިނެއްކަން ދެނެގަންނަން މަސައްކަތްކުރަމުންނެވެ. އޭނާ ވިދާޅުވީ، ނުއަގުގައި ޚިޔާނާތުގެ ތެރެއިން ހޯދާފައި ހުރި ރަށްތައް ލިބުނު މީހުންނަށް އެ ތަންތަން ހައްގު ނޫންކަން ސާފުވާ އިރު، އެ މީހުންނަށް އެކަށީގެންވާ އަދަބު ލިބެން ޖޭހެނެ ކަމަށެވެ.
"ރަށްތައް އަނބުރާ ހޯދާފައި ރައްޔިތުންގެ މުދާ އެ ގޮތަށް ނުނެގޭނެކަން ޔަގީން ނުކުރާ ކަމަށް ވަންޏާ ހަމަ އަނެއްކާވެސް މި ގޮތަށް ކަން ހިނގާނީ. އަނެއްކޮޅުން، މި ކަމުގައި އެއް ބަޔަކަށް އަދަބު ވެސް ލިބޭނީ. ވިޔަފާރިވެރިން މި ޕްރޮސެސްގެ ތެރެއިން ނަގާފައި ހުރި އެއްވެސް ފައިދާއަކަށް، މެނިޕިއުލޭޓްކޮށްފައި ހުރި އެއްވެސް ކުރުމަކަށް ފިޔަވަޅެއް ނޭޅޭނެ،" ތޮލާލް ވިދާޅުވި އެވެ.