ޖަޕާނުގައި ޕޮކެމޮން ކުޅެމުން ދިޔަ ޑްރައިވަރެއްގެ އަތުން ޖެހި އަންހެނަކު މަރުވެއްޖެ
ޖަޕާނުގައި ޕޮކެމޮން ކުޅެމުން ދިޔަ ޑްރައިވަރެއްގެ އަތުން ޖެހި އަންހެނަކު މަރުވެއްޖެ

ޓޯކިޔޯ (އޮގަސްޓް 25) - ޖަޕާނުގައި ޕޯކެމޮން ގޯ ކުޅެމުން ދިޔަ ޑްރައިވަރެއްގެ އަތުން ޖެހި ދުވާރު މަތިން ހިނގާފައި ދިޔަ އަންހެނަކު މަރުވެއްޖެ އެވެ.

އުމުރުން 39 އަހަރުގެ ޓްރަކް ޑްރައިވަރުގެ އަތުން ޖެހުނީ ޓޮކުޝިމާ ސިޓީގައި ހިނގާފައި ދިޔަ ދެ އަންހެނުންގެ ގައިގަ އެވެ. ޓްރަކުން ޖެހުނު ދެ ވަނަ އަންހެން މީހާ އަށް ވެސް ވަނީ ސީރިއަސް ޒަޚަމްތައް ލިބިފަ އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޑްރައިވަރު މިހާރު ވަނީ ޕޮކެމޮން ކުޅެމުން ދިއުމުން އޭނާ އަށް ރަނގަޅަށް މަގުމަތި ނުބެލެވުނު ކަމަށް އެއްބަސްވެފަ އެވެ.

ޖަޕާން ފުލުހުން ބުނީ މިއީ ޕޮކެމުން ގޯ ގޭމް ކުޅުމުގެ ތެރޭގައި އެ ގައުމުން މީހަކު މަރުވި ފުރަތަމަ ފަހަރު ކަމަށެވެ. ޕޯކެމޮން ގޯގެ ސޮފްޓްވެއާ އުފެއްދި ނިއަންޓިކް އިން ވަނީ މަރުވި އަންހެން މީހާގެ އާއިލާ އަށް ތައުޒިޔާ ކިޔައިފަ އެވެ.

ޖަޕާނުގެ ނިންޓެންޑޯ ކުންފުނިން ޖުލައި ފަހު ޕޮކެމޮން ގޯ ރިލީޒްކުރި ފަހުން ވަރަށް ގިނަ ގައުމުތަކުގައި މި ގޭމުގެ މަގްބޫލްކަން ވަނީ ބޮޑުވެފަ އެވެ. ނަމަވެސް ގިނަ ގައުމުތަކުގެ މުހިންމު ހިސާބުތަކުގައި އެ ގޭމް ކުޅުން ވަނީ މަނާކޮށްފަ އެވެ. އަދި ފަހުގެ ހިސާބުތައް ދައްކާ ގޮތުގައި ގޭމް ރިލީޒް ކުރި ފަހުން ދުވާލަކު ގާތްގަނޑަކަށް 45 މިލިއަން މީހުން ކުޅެމުން ދިޔަ ގޭމުގެ މަގްބޫލްކަން މިހާރު ވަނީ ދަށަށް ދާން ފަށައިފަ އެވެ. މި މަހު އެކަނިވެސް ވަނީ ގޭމް ކުޅެމުން ދިޔަ މީހުންގެ ތެރޭން 10 މިލިއަން މަދުވެފަ އެވެ.