20 ފެބުރުއަރީ 2019 - 07:26

އަމީތާބް ބައްޗަން ވަރުގަދަ ރޯލަކުން ފެނިގެންދާ ފިލްމު "ޖުންދު" އަންނަ އަންނަ ސެޕްޓެމްބަރު މަހުގެ 20 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
މި ފިލްމަކީ 2016 ގައި ރިލީޒް ކުރި ކާމިޔާބު މަރާޓީ ފިލްމު "ސައިރާތު" ގެ ޑައިރެކްޓަރު ނާގްރާޖް މަންޖުލޭ ޑައިރެކްޓް ކުރާ ފިލްމެކެވެ.
"ޖުންދް" އަކީ އިންޑިއާގެ ސްލަމް ސޮކާސްގެ ބާނީގެ ގޮތުގައި މަޝްހޫރުވި ޕްރޮފެސަރު ވިޖޭ ބަރްސޭގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
އޭނާއަކީ ނާގްޕޫރްގެ މަގުމަތީގައި ފުޓްބޯޅަ ކުޅެން އުޅުނު ކުދިންތަކެއް ނަގައިގެން ވަރުގަދަ ފުޓްބޯޅަ ޓީމެއް އެކުލަވައިލި މީހެކެވެ.
"ޖުންދު" އަކީ ބުޝަން ކުމާރްގެ ޓީ ސީރީޒް ހިއްސާވެގެން ހަދާ ފިލްމެކެވެ.
މި އަހަރު ރިލީޒްވާން ހުރި އަމީތާބްގެ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ މަހުގެ 8 ގައި ރިލީޒް ކުރާ ތުރިލާ "ބަދުލާ" އެވެ.
ސަލްމާން ހާން ޕްރޮޑިއުސްކޮށް އަންނަ މަހުގެ 29 ވަނަ ދުވަހު ރިލީޒް ކުރަން ނިންމާފައިވާ ފިލްމު "ނޯޓްބުކް" ގައި ހިމެނޭ ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ކިޔާފައިވާ ލަވައެއް ފިލްމުން އުނިކޮށްފި އެވެ.
ޕިންކްވިލާ އިން ބުނީ އާތިފްގެ ލަވަ ފިލްމުގައި ނުހިމަނަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު ޕާކިސްތާނުގެ ޓެރަރިސްޓުންތަކެއް އިންޑިއާގެ އަސްކަރީ އޮފިސަރުންތަކެއް މަރާލައިފައިވާތީ ދެ ގައުމުގެ ދޭތެރޭގައި އުފެދިފައިވާ ހޫނުގަނޑުގެ ތެރެއިން ޕާކިސްތާނުގެ އާޓިސްޓުންނަށް އިންޑިއާ އިން ދޭ އަބަދެއްގެ ގޮތުގަ އެވެ.
ނިތިން ކައްކަރު ޑައިރެކްޓްކޮށްފައިވާ "ނޯޓްބުކް" ގެ ޓްރެއިލާ މި މަހުގެ 17 ވަނަ ދުވަހު ރިލީޒް ކުރަން ނިންމާފައި ވަނިކޮށް ޕާކިސްތާނުން އިންޑިއާ އަށް ދިން ހަމަލާގައި ލިބުނު ހިތާމައިގައި ޓްރެއިލާ ރިލީޒް ކުރުން ވެސް ވަނީ މަޑުޖައްސާލައިފަ އެވެ.
"ނޯޓްބުކް" އަކީ އެކްޓަރު މޯނިޝް ބޭލްގެ އަންހެން ދަރިފުޅު ޕްރަނޫޓާން ބޭލް އާއި ސަލްމާންގެ ޒަމާންވީ އެކުވެރިއެއްގެ ދަރިއެއް ކަމަށްވާޤ ޒަހީރު އިގްބާލް ބޮލީވުޑަށް ތައާރަފު ކުރާ ފިލްމެވެ.
ހުކުރު ދުވަހު ރިލީޒް ކުރާ "ޓޯޓަލް ދަމާލް" ޕާކިސްތާނުގައި ނުދައްކަން ނިންމާފައި ވަނިކޮށް، ބޮލީވުޑްގެ އިތުރު ދެ ފިލްމެއް އެ ގައުމުގައި ރިލީޒް ނުކުރަން ނިންމައިފި އެވެ.
އެ ދެ ފިލްމަކީ މިދިޔަ އަހަރު "އިސްތިރީ" ގެނެސް ދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ ފިލްމު ކުންފުނި މެޑޮކްސް އިން އަންނަ މަހުގެ 1 ގައި ރިލީޒް ކުރާ "ލުއްކާ ޗުއްޕީ" އާއި މެއި 3 ގައި ރިލީޒް ކުރާ "އަރުޖުން ޕަޓިއާލާ" އެވެ.
އެ ދެ ފިލްމު ވެސް ޕާކިސްތާނުގައި ނުދައްކަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު ޕާކިސްތާނުގެ ޓެރަރިސްޓުންތަކެއް އިންޑިއާގެ އަސްކަރީ އޮފިސަރުންތަކެއް މަރާލާފައިވާތީ އެވެ.
"ލުއްކާ ޗުއްޕީ" އަކީ ކާތިކް އާރިޔަން އާއި ކްރިތީ ސެނަން ލީޑް ރޯލް ކުޅެފައިވާ ފިލްމެކެވެ. "އަރުޖުން ޕަޓިއާލާ" ގެ ތަރިންނަކީ ކްރިތީ، ދިލްޖީތު ދޮސަންޖް އަދި ވަރުން ޝަރުމާ އެވެ.
ކަރަން ޖޯހަރު މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ފިލްމު "ތަހުތު" ގެ ކާސްޓުންގެ ތެރެއިން އިން އެންމެ ފުރަތަމަ ފިލްމުގެ ސްކްރިޕްޓް ކީ މީހަކީ ރަންވީރު ސިންގް ކަމަށް ކަރަން ބުނެފި އެވެ.
ރަންވީރަށް ތައުރީފު ކުރަމުން ކަރަން ބުނީ އޭނާގެ ފިލްމެއްގައި ރަންވީރާ އެކު މަސައްކަތް ކުރެވޭތީ ވަރަށް އުފަލުން ހުރި ކަމަށެވެ. ކަރަން ބުނި ގޮތުގައި ރަންވީރަކީ އާދަޔާހިލާފު މޮޅު އެކްޓަރެކެވެ. އަދި "ތަހުތު" އިން ވެސް ރަންވީރުގެ ވަރުގަދަ ރޯލެއް ފެނިގެން ދާނެ ކަމަށް ބުންޏެވެ.
ރަންވީރު ބުނެފައިވާ ގޮތުގައި "ތަހުތު" އަކީ އޭނާ މިހާތަނަށް ކީ ސްކްރިޕްޓްތަކުގެ ތެރެއިން އެންމެ މޮޅު އެއް ސްކްރިޕްޓެވެ. އަދި ފިލްމުގެ މަސައްކަތް ފަށަން ކެތްމަދުވެފައި ހުރި ކަމަށް ބުންޏެވެ. މުގާލް ރަސްކަމުގެ ޒަމާނުގެ ވާހަކައެއް ކިޔައިދޭ އެ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ސުމިތު ރޯއި އެވެ.
އަންނަ އަހަރު ރިލީޒް ކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ކަރީނާ ކަޕޫރެް، ވިކީ ކޯޝަލް، އާލިއާ ބަޓް، އަނިލް ކަޕޫރް، ޖާންވީ ކަޕޫރް އަދި ބޫމީ ޕެޑްނޭކަރު ހިމެނެ އެވެ.