19 ފެބުރުއަރީ 2019 - 13:53

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" އިފްތިތާހުކޮށްފި އެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ފާއިތުވި ދެ އަހަރު ބީއެމްއެލް އިން ވަނީ މުޖުތަމައަށް އެހީތެރިވުމުގެ ކުރާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކޮށްފަ އެވެ. މި ފަންޑާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރަމުންދާ މަސައްކަތްތައް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފަންޑު އުފެއްދީ މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭންކުން ކުރިއަށްގެންދާ ޕްރޮގްރާމް ދަށުންނެވެ.
މުޖުތަމައަކަށް އަމާޒުކޮށް ހިންގުމަށް ގަސްދުކުރާ ހަރަކާތްތައް، ދެމެހެއްޓެނެވި ގޮތެއްގައި ހިންގުމަށް އަހަރެންގެ ބޭންކް "ކޮމިއުނިޓީ ފަންޑު" އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ބީއެމްއެލުން ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތް، ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަން ކުރުމަށް ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ.
މިއަހަރުގެ ކޮންމެ ކުއާޓާއެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާގެ ދޭން ވަނީ ކަނޑައަޅައިފަ އެވެ.