19 ފެބުރުއަރީ 2019 - 13:59

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމުގައި މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އޮފިޝަލުން ލިބުން ދަތިވެފައިވާ މައްސަލަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އޭޕްރީލް ހައެއްގައި ބާއްވާ އިންތިހާބުގެ ތައްޔާރީތަކާ ބެހޭގޮތުން ބޭއްވ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާވީ މަޖިލިސް އިންތިހާބަށް 4،000 އޮފިޝަލުން ބޭނުންވާ ކަމަށެވެ. އެކަމަކު މިހާތަނަށް ލިބިފައި ވަނީ 1،800 އޮފިޝަލުން ކަމަށް ވެސް ވިދާޅުވި އެވެ.
އިންތިޚާބުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ގިނަ ފަރާތްތަކެއްގެ ޝައުގުވެރިކަން ގެއްލުނީ، އަކްރަމް ވިދާޅުވި ގޮތުގައި، މިދިޔަ ރިޔާސީ އިންތިހާބުގައި އޮފިޝަލުންނަށް ކުރިމަތިވި މައްސަލަތަކާ ހެދި ވެ.
"އިންތިހާބަށް ފަހު އެ ބޭފުޅުންނަށް ބިރުދެއްކުމާ، ހައިޖެކްކުރުމާ އަދި އެބޭފުޅުން ނާންގާ ތަންތަނަށް ގެންދިއުން ކަހަލަ ބިރުވެރި ކަންތައްތަކާ ދިމާވީމާ އެކަމަށް ވަރަށް ގިނަ ފަރާތްތަކަކުން ފަސް ޖެހެމުން ދަނީ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލުން ލިބުމުގެ ދަތިކަން ހައްލުކުރަން ސިޔާސީ ޕާޓީތަކާއި ސިވިލް ސާވިސް ކޮމިޝަނުގެ އެހީތެރިކަމަށް އީސީން މިހާރު އެދިފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބުގައި 39 ރިސޯޓެއްގައި ވޯޓް ފޮށި ބަހައްޓަން ވަނީ ނިންމައިފަ އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ވޯޓް ފޮށި ބެހެއްޓި ހަތަރު ރިސޯޓެއްގައި މިފަހަރު ފޮށި ނުބަހައް ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ. އެގޮތުން ވޯޓްފޮށި ނުބަހައްޓަން ނިންމި ރިސޯޓްތަކަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް މިހާރު ވާނީ އެފަރާތްތައް ރަށްވެހިވެފައިވާ ތަނަށް ބަދަލުކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އިންތިހާބުގައި ވޯޓްލާން ރީ ރަޖިސްޓްރީ ކުރަން ޖެހޭނީ ރިޔާސީ އިންތިހާބުގައި ވޯޓްލާން ރަޖިސްޓްރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓްލާ މީހުން އެކަންޏެވެ. ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ ދޭއްގެ ނިޔަލަށެވެ.
ކުރިން ބޭއްވި އިންތިހާބުތަކުގައި ވޯޓްފޮށި ބަހައްޓާފަައި ނުވާ، ބޭރުގެ ބައެއް ތަންތަނުގައި މިފަހަރު ފޮށި ބަހައްްޓާނެ އެވެ. އެގޮތުން އިންޑިއާގެ ވެރި ރަށް ނިއު ދިއްލީ އާއި ބަންގްލަދޭޝްގެ ވެރި ރަށް ޑާކާ އަދި ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ވެސް މިފަހަރު ފޮށި ބަހައްޓާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ. އޭގެ އިތުރުން ސިންގަޕޫރުގައި ވެސް މިފަހަރު ފޮށި ބަހައްޓާނެ އެވެ. ނަމަވެސް އެ ތަންތަނުގައި ފޮށި ބަހައްޓާނީ 100 މީހުން ވޯޓްލާން ރަޖިސްޓްރީ ކުރުމުން ކަމަށް އިލެކްޝަންސުން ބުންޏެވެ.