19 ފެބުރުއަރީ 2019 - 12:13

އޮޑިޓާ ޖެނެރަލް އޮފީހާއި ސައުދީގެ ޖެނެރަލް އޮޑިޓިން ބިއުރޯއާ އެކު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުގެ ފަރާތުން ސޮއިކުރެއްވީ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތެވެ. ސައޫދީގެ ޖެނެރަލް އޮޑިޓިން ބިއުރޯގެ ފަރާތުން ސޮއިކުރެއްވީ އެ ބިއުރޯގެ ރައީސް ޑރ. ހުސައިން އަލަންގާރީ އެވެ.
އޮޑިޓާ ޖެނެރަލް ޒިޔަތު ވިދާޅުވީ، މި އެމްއޯޔޫގެ ސަބަބުން ދެ ގައުމުގެ އޮޑިޓް މަސައްކަތްތަކުގައި އެހީތެރިކަން ހޯދޭނެ ކަމަށެވެ. އަދި މުވައްޒަފުން ތަމްރީނުކުރުމުގައި ވެސް އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ މި އެއްބަސްވުމާ އެކު ދެ އޮޑިޓް އޮފީހުގެ ތަޖުރިބާ ހިއްސާކޮށް އެހީތެރިކަން ހޯދޭނެ ކަމަށެވެ. މީގެ އިތުރުން ފައިނޭޝަލް އާއި ޕާފޯމެންސް އޮޑިޓްގެ ދާއިރާއިން ދެ އޮޑިޓް އޮފީހަށް ވެސް އެހީތެރިކަން ހޯދޭނެ ކަމަށް ވިދާޅުވި އެވެ.
ސައުދީގެ ޖެނެރަލް އޮޑިޓީން ބިއުރޯގެ ރައީސް ޑރ އަލަންގާރީ ވިދާޅުވީ، މިއީ ދެ ގައުމުގެ އޮޑިޓިން ދާއިރާ ކުރިއެރުވުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށާއި މި އެއްބަސްވުމާ އެކު މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.