19 ފެބުރުއަރީ 2019 - 12:45

"މިހާރު އެވޯޑްސް" ގައި ހިމެނޭ މި އަހަރުގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ އާއި ޒުވާން ކުޅުންތެރިޔާ އަށް ވޮލީބޯލް އެސޯސިއޭޝަން ކަޕުން ވާދަކުރާ ކުޅުންތެރިން ހޮވައިފި އެވެ.
އެސޯސިއޭޝަން ކަޕުން އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ އަށް ވާދަކުރަނީ ޗެމްޕިއަން ކްލަަބް ވެމްކޯގެ އައިޝަތު މާޖިދާ އާއި އައިމިނަތު އަރީޝާ އާއި ރަނަރަޕް، ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާ (ހައްވަ) އާއި ޝަހާ ޝާމިން އަދި ތިން ވަނަ އަށް ދިޔަ ލޮރެންޒޯ ސްޕޯޓްސް ކްލަބްގެ ޖޫޒާން ޒަރީރް އެވެ.
ވެމްކޯ އިން މުޅި މުބާރާތުގައި ކުޅުނު ގިނަ މެޗުތަކުގައި މާޖިދާ އާއި އަރީޝާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް މުބާރާތުގެ ފައިނަލު މެޗުގައި އަރީޝާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޕޮލިސް ކްލަބް ފައިނަލަށް މެޗަކުން ބަލިނުވެ ދަތުރުކުރިއިރު އެ ޓީމު ކުޅުނު މެޗުތަކުގައި މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ހައްވަ އެވެ. އަދި އެ މެޗުތަކުގައި ޝަހާ ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ތިން ވަނަ އަށް ދިޔަ ލޮރެންޒޯގެ މެޗުތަކުގައި ޖޫޒާން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އެސޯސިއޭޝަން ކަޕުން އެންމެ މޮޅު ޒުވާން އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް އެސޯސިއޭޝަން ކަޕުން ވާދަކުރަނީ ޕޮލިހުގެ ޝަހާ އާއި ވެމްކޯގެ ޝާނިޔާ އަހުމަދާއި ޝަމްހާ ރިޔާޒުގެ އިތުރުން ލޮރެންޒޯގެ އައިމިނަތު އަފާފް ނާޒިމް އަދި އައިމިނަތު ރުދައިނާ އެވެ.
ވޮލީބޯޅައިގެ މި ދެ އެވޯޑުގެ އިތުރުން ފިރިހެން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް މިހާރު އެވޯޑްސްގައި ހޮވާނެ އެވެ. އަދި ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް ރަން ބޫޓު ދޭނެ އެވެ. މީގެ އިތުރުން ޓޭބަލް ޓެނިސް، އެތުލެޓިކްސް، ބެޑްމިންޓަން އަދި ސްވިމިން އެއްކޮށްލައިގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ.
މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބީ ހޯދާ ދިވެހި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ އެވޯޑަކާއި ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ވެސް ހާއްސަ އެވޯޑެއް ދޭނެ އެވެ. އެ އިނާމް ޚާއްސަކުރަނީ ދިވެހި ކުޅިވަރަށް ބައި ގަރުނެއްހާ ދުވަހު ޚިދުމަތްކުރެއްވި މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއި ޝަރަފަށެވެ.