19 ފެބުރުއަރީ 2019 - 11:53

ކެލިފޯނިއާ (ފެބްރުއަރީ 19) - މެކްސިކޯ ބޯޑަރުގައި ރާނާ ފާރަށް ފައިސާ ހޯދުމުގެ ބޭނުމުގައި ކުއްލި ހާލަތު އިއުލާން ކުރި މައްސަލާގައި ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރާ ދެކޮޅަށް އެމެރިކާގެ 16 ސްޓޭޓެއް ގުޅިގެން ކޯޓަށް މައްސަލަ ވައްދައިފި އެވެ.
ކެލިފޯނިއާގެ ނޮދަން ޑިސްޓްރިކްޓް ކޯޓަށް މައްސަލަ ވެއްދީ ފާރު ރޭނުމަށް ބޭނުންވާ ފަންޑް ހޯދުމަށް ކޮންގްރެސް ބައިޕާސްކޮށް ކުއްލި ހާލަތުގެ ބާރުތަކުގެ ބޭނުން ހިއްޕެވުމުންނެވެ. މެކްސިކޯ ބޯޑަރުގައި ފާރެއް ރޭނުމަކީ ޓްރަމްޕުގެ އިންތިޚާބީ މުހިންމު ވައުދެކެވެ.
ޑިމޮކްރެޓުން ވަނީ "ބޭނުން ކޮންމެ ފަރުވާއެއް" ހޯދައިގެން ނަމަވެސް ޓްރަމްޕުގެ ނިންމެވުމުން ހުއްޓުވާނެ ކަމަށް ބުނެފަ އެވެ. ކެލިފޯނިއާގެ އެޓާނީ ޖެނެރަލް ޒާވިއާ ބެކައްރާ ވިދާޅުވީ ޓްރަމްޕް ކޯޓަށް ގެންދަނީ ރިޔާސީ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމަށްޓަކައި ކަމަށެވެ.
"ރައީސްއާ ދެކޮޅަށް މައްސަލަ ވެއްދީ ކޮންގްރެސް ފަހަނަޅައި، ޓެކްސް ދައްކާ މީހުންގެ ފައިސާ ގާނޫނާ އެއްގޮތަށް ކަމަށް ބުނެ ފޭރުން ހުއްޓުވަން. އަޅުގަނޑުމެންނަށް ރައީސްގެ އޮފީހަކީ ތިއޭޓަރެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ކުއްލި ހާލަތުގެ ބާރުތައް ޓްރަމްޕް އިއުލާން ކުރެއްވީ ފާރު ރޭނުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނުމަށް ކޮންގްރެސް އިން ދެކޮޅު ހެދުމުންނެވެ.
ކެލިފޯނިއާއާ އެކު ކޮލޮރާޑޯ، ކަނެކްޓިކަޓް، ޑެލްވެއާ، ހަވާއީ، އިލިނޯއިސް، މައިން، މެރީލޭންޑް، މިނެސޮޓާ، ނެވާޑާ، ނިއު ޖާޒީ، ނިއު މެކްސިކޯ، ނިއު ޔޯކް، އޮރެގަން، ވާޖީނިއާ އަދި މިޝިގަން އިން ވަނީ ކޯޓަށް މައްސަލަ ވައްދައިފަ އެވެ.
މެކްސިކޯ ބޯޑަރުގައި ފާރު ރޭނުމަށް ޓްރަމްޕް ހިންގެވި ކުއްލި ހާލަތުގެ ބާރުތަކުގެ ދަށުން އަށް ބިލިއަން ޑޮލަރު ހޯދޭނެ އެވެ. އެކަމަކު 2،000 މޭލު (3،200 ކިލޯ މީޓަރު) ގެ ފާރު ރޭނުމަށް 23 ބިލިއަން ޑޮލަރު ބޭނުންވެ އެވެ.
"ނޭޝަނަލް އިމަޖެންސީސް އެކްޓް" ގެ ދަށުން ކުއްލި ހާލަތު ހިންގޭނީ ގައުމީ ކާރިސާތައް ދިމާވެފައިވާ ދަނޑިވަޅުތަކުގަ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އެމެރިކާގެ ދެކުނުގެ ބޯޑަރުން އެތެރެވޭ މީހުންގެ މައްސަލަ އަކީ ގައުމީ ކާރިސާއެއް ކަމަށެވެ. މި ގާނޫނުގެ ދަށުން ބައެއް މުއައްސަސާތައް ބައިޕާސްކޮށް ރައީސް އަށް ކަންކަން ކުރުމުގެ ބާރު ލިބިދެ އެވެ.