ކެޓްރީނާ ކެއިފް ހުރީ ލޯބިވެރިއެއްގެ އިންތިޒާރުގައި
ކެޓްރީނާ ކެއިފް ހުރީ ލޯބިވެރިއެއްގެ އިންތިޒާރުގައި

ބޮލީވުޑްގެ ވަރަށް ގިނަ ތަރިން މިހާރު ކައިވެނި ކުރަމުން އަންނައިރު ކެޓްރީނާ ކައިފް އަދި ހުރީ ހުސްކޮށެވެ. މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ރަންބީރު ކަޕޫރާ ވަކިވުމަށް ފަހު، ކެޓްރީނާގެ ލޯބިވެރިޔަކު ނެތެވެ.

ފިލްމުފެއާ އަށް ދިން އިންޓަވިއުއެއްގައި ކެޓްރީނާ، 35، ބުނީ މި އަހަރު އެންމެ އުންމީދުކުރާ އެއް ކަމަކީ ބައިވެރިއެއް ލިބުން ކަމަށެވެ.

"މި އަހަރު އަހަރެން ބޭނުން ޕްރޮޑިއުސަރަކަށް ވެސް ވާން. އަނެއް ކަމަކީ ލޯބިވެރިއެއް ވެސް އަހަރެންގެ ހަޔާތަށް މި އަހަރު އަންނަން ބޭނުންވޭ،" ޑިސެމްބަރު މަހު ރިލީޒް ކުރި ފްލޮޕް ފިލްމު "ޒީރޯ" ގެ ބަތަލާ ބުންޏެވެ. "މިހާރު ބޭނުމެއް ނޫން ހުސްކޮށް ހުންނާކަށް."

ކެޓްރީނާ ބުނި ގޮތުގައި ހިތްއެދޭ ކަހަލަ ބައިވެރިޔަކު ލިބިއްޖެ ނަމަ އޭނާ މިހާރު ހުރީ ކައިވެނި ކުރަން ތައްޔާރަށެވެ.

ރަންބީރާ ގުޅުމުގެ ކުރިން ކެޓްރީނާ ވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ސަލްމާން ހާނާ ވެސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ވެސް ސަލްމާނާ އެކު ފެނިގެން ދާނެ ފިލްމެކެވެ. އެއީ ފިތުރު އީދަށް ތާވަލުކޮށްފައިވާ "ބާރަތު" އެވެ.

ރަންބީރު ކަޕޫރް މިހާރު އުޅެނީ ބަތަލާ އާލިއާ ބަޓާ ހިތާވެގެންނެވެ. ބެލެވޭ ގޮތުން މި ދެ ތަރިން އަންނަ އަހަރު ކައިވެނި ކުރާނެ އެވެ.