20 ފެބުރުއަރީ 2019 - 07:27

ވިދަމުން އަންނަ ޒުވާން އެކްޓަރު ކާތިކް އާރިޔަން އަށް މިހާރު ފިލްމުތައް އޮހެމުން އަންނަ އިރު، އޭނާ ޑައިރެކްޓަރު އަނީސް ބަޒްމީގެ ރޮމޭންޓިކް ކޮމެޑީއަކަށް ވެސް ސޮއިިކޮށްފި އެވެ.
މި ފިލްމުގައި ކާތިކްއާ އެކު ބަތަލާގެ ރޯލުން ފެންނާނީ ޓައިގާ ޝްރޮފްގެ ލޯބިވެރިޔާ ޑިޝާ ޕަޓްނީ އެވެ.
މި ދެ ތަރިން އަނީސްގެ އަދި ނަން އިއުލާންކޮށްފައި ނުވާ ފިލްމަށް ސޮއިކުރިކަން ކަށަވަރުކޮށް ދެމުން ޓީ ސީރީޒްގެ ޕްރޮޑިއުސަރު ބުޝަން ކުމާރު ބުނީ ފިލްމުވެގެން ދާނީ އަނީސް ސިގްނޭޗާ ސްޓައިލްގެ ވަރަށް މަޖާ ފިލްމަކަށް ކަމަށެވެ. އަދި މި ފިލްމުން ކާތިކާއި ޑިޝާގެ ޖޯޑު އެކީގައި އަލަށް ސްކްރީނަށް އަންނަ އިރު، ފިލްމު ބެލުންތެރިން ގަޔާވާ ކަހަލަ ފިލްމަކަށް ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.
"އަހަރެން އަބަދު ވެސް ބޭނުންވޭ ކުރިން އެކީގައި ފިލްމުތައް ކުޅެފައި ނުވާ ތާޒާ ޖޯޑުތައް ސްކްރީނަށް ގެންނަން. މިއީ ހަމަ އެކަހަލަ ހިތްގައިމު ޖޯޑަކަށް ވާނެ،" ބުޝަން ބުންޏެވެ.
ޑިޝާ ބުނީ އަންނަ ފިތުރު އީދުގައި ރިލީޒް ކުރާ ޓީ ސީރީޒްގެ "ބާރަތު" އަށް ފަހު އަނެއްކާ ވެސް އެ ސްޓޫޑިއޯގެ ފިލްމެއް ކުޅެން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އަނީސްއާ އެކު މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ބުންޏެވެ.
ޑިޝާ ދާދި ފަހުން ވަނީ މޯހިތު ސޫރީ ޑައިރެކްޓް ކުރާ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ.
މިދިޔަ އަހަރުގެ އެންމެ ބޮޑު ހިޓްތަކުގެ ތެރޭގައި ހިމެނޭ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އަށް ފަހު، ކާތިކް މި އަހަރު ފެނިގެން ދާނެ ފުރަތަމަ ފިލްމަކީ އަންނަ މަހުގެ 1 ގައި ރިލީޒް ކުރާ "ލުއްކާ ޗުއްޕީ" އެވެ. އެ ފިލްމުގެ ބަތަލާއަކީ ކްރިތީ ސެނަން އެވެ.
ކާތިކް މިހާރު އަންނަނީ އަނަންޔާ ޕާންޑޭ އާއި ބޫމީ ޕެޑްނޭކަރާ އެކު "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމެކްގެ މަސައްކަތް ވެސް ކުރަމުންނެވެ.
ދެހާސް ސަތާރަ ވަނަ އަހަރު "މުބާރަކަން" ގެނެސް ދިން އަނީސް މި ވަގުތު ހުރީ "ޕާގަލްޕަންތީ" ގެ ޝޫޓިން އަށް އިނގިރޭސިވިލާތުގަ އެވެ. މި އަހަރުގެ ޑިސެމްބަރު 6 ގައި ރިލީޒް ކުރާ އެ ފިލްމުގެ ތަރިންނަކީ ޖޯން އަބްރަމް، އިލިއާނާ ޑި ކްރޫޒް، އަނިލް ކަޕޫރް، ކްރިތީ ކަރްބަންދާ، ޕުލްކިތު ސަމްރާޓް، އުރްވަޝީ ރޯޓޭލާ އަދި އަރުޝަދު ވަރްސީ އެވެ.
ބުޝަން ބުނީ ކާތިކާއި ޑިޝާ ލީޑް ރޯލް ކުޅޭ އަނީސްގެ ފިލްމުގެ ޝޫޓިން މި އަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށެވެ. އަދި މަންޒަރުތައް ނަގާނީ މުމްބާއީ އާއި އިންޑިއާ އިން ބޭރުގައި ކަމަށް ބުންޏެވެ.