20 ފެބުރުއަރީ 2019 - 07:23

ފިޓް ޖެހި، ކޯމާގައި އޮތުމަށް ފަހު ހޭ އެރި އިރު، އިނގިރޭސި ވިލާތުގެ ޒުވާން އަންހެނަކަށް ދަރިއަކު ލިބިފައި އޮތުމުން އޭނާ އަށް ބޮޑު ހައިރާންކަމެއް ލިބިއްޖެ އެވެ.
އީބޮނީ ސްޓީވެންސަން، 18، އަށް އަންހެން ދަރިއަކު ލިބުނީ ކޯމާގައި އޮއްވަ އެވެ. ބީބީސީން ބުނި ގޮތުގައި މި މީހާ ކޯމާ އަށް ދިޔައީ ނިދަން އޮއްވައި ފިޓް ޖެހުމަށް ފަހުގަ އެވެ. ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމުގެ ތެރޭގައި، އޭނާ ބަނޑުބޮޑުކަން އެނގުނެވެ.
ހައިރާންކަން ލިބުނީ، އޭނާގެ ދެ ރަހިމު އިން ކަމާއި ފޮރުވިފައި އޮތް ރަހިމުގެ ތެރޭގައި ދަރިއަކު އޮތްކަން އެނގުމުންނެވެ. މިއީ "ޔޫޓެރަސް ޑައިޑަލްފިސް" ކިޔާ ވަރަށް ނާދިރު ސިއްހީ ހާލަތެކެވެ.
މި ހާލަތުގައި އެއް ރަހިމުގައި ދަރިއެއް ހެދި ބޮޑުވަމުން އަންނައިރު އަނެއް ރަހިމުން މައްސަރުކަންތައް ވެސް ޖެހޭނެ އެވެ.
މި ޒުވާން އަންހެނާގެ ދަރިފުޅު އޮތީ ހަށިގަނޑުގެ ފުރަގަހަށްވާ ގޮތަށް އިން ރަހިމުގަ އެވެ. އެހެންވެ ދަރިފުޅު ބޮޑުވަމުން ދިޔަ ނަމަވެސް އެކަން ބަނޑަކުން ނޭނގެ އެވެ.
ސްޕޯޓްސް ފިޒިއޮތެރަޕީ ދަރިވަރެއް ކަމަށްވާ ސްޓީވެންސަން ކޯމާގައި އޮއްވައި ވިހެއީ މިދިޔަ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު އެވެ. ވިހެއުމާ ހަމަޔަށް ވެސް، ބަލިވެ އިނުމުގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވެ އެވެ. ހޮޑުލެވުމާއި ބަނޑު ބޮޑުވުމާއި ހަށިގަނޑުގެ އެހެން ބަދަލުތަކުން ވެސް ތަފާތު ކަމެއް ފާހަގައެއް ނުވެ އެވެ.
ސްޓީވެންސަން ބުނީ ދަރިއަކު ލިބެން އުޅޭކަން އެއްވެސް ގޮތަކަށް ނޭނގި ހުއްޓާ މިހެން ދިމާވުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށާއި ދަރިއަކު ލިބޭތީ އެކަމަށް ތައްޔާރު ނުވެވުނީތީ ދެރަވާ ކަމަށެވެ.
ސްޓީވެންސަންގެ މަންމަ ބުނީ ދަރިފުޅު ބަލިވެ އިން ކަމަށް ޕެރަމެޑިކުން ބުނުމުން، އެހެން ނުވާނެ ކަމަށް ބުނެ ތަކުރާރުކޮށް ވާހަކަ ދައްކާފައިވާނެ ކަމަށެވެ. އެކަން ގަބޫލު ނުކުރެވިގެން އުޅެނިކޮށް ސްޓީވެންސަންގެ ބަނޑު ކުއްލިއަކަށް ބޮޑުވި ކަމަށް އޭނާ ބުންޏެވެ.
ލިބުނު ކުއްޖާގެ ބަރުދަން އެވްރެޖް ވަރެއްގައި ހުރުމުން ޑޮކްޓަރުން ގަބޫލުކުރަނީ ސްޓީވެންސަން ވިހެއީ ދުވަސް ފުރާ ކަމަށެވެ.