20 ފެބުރުއަރީ 2019 - 07:26

އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ނިންމާފައިވާ ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" ކުރިން ޕްލޭންކޮށްފައިވާ ގޮތަށް ޕާކިސްތާނުގައި ނުދައްކާ ގޮތަށް ނިންމައިފި އެވެ.
އެ ފިލްމުގެ ޓީމުން މިގޮތަށް ނިންމީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ޕާކިސްތާނުގެ ޓެރަރިސްޓުންތަކެއް އިންޑިއާގެ ސިފައިންގެ ބަޔަކު މަރާލުމާ ގުޅިގެންނެވެ. މިކަމާ މުޅި އިންޑިއާ މިހާރު އަންނަނީ ޕާކިސްތާނާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
އެގޮތުން ފިލްމު އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު އަންނަނީ ޕާކިސްތާނުގެ ފިލްމީ ތަރިންނާއި ލަވަކިޔުންތެރިންނާއި އެ ނޫން ވެސް އާޓިސްޓުންނަށް އިންޑިއާ އިން ފުރުސަތު ނުދީ އެ މީހުން ބޮއިކޮޓްކުރަން ގޮވައިލަމުންނެވެ.
މިކަންތަގަނޑުގެ ތެރެއިން "ޓޯޓަލް ދަމާލް" ވެސް ޕާކިސްތާނުގައި ނުދައްކަން ނިންމިކަން އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނޭ އަޖޭ ދޭވްގަން ކުރި ޓްވީޓެއްގައި ވަނީ ކަށަވަރުކޮށް ދީފަ އެވެ. ކަޝްމީރު ޕުލްވާމާ ޑިސްޓްރިކްޓްގައި ދިން ހަމަލައާ ގުޅިގެން މަރުވި ސިފައިންގެ އޮފިސަރުންގެ އާއިލާތަކަށް އެހީވުމުގެ ގޮތުން "ޓޯޓަލް ދަމާލް" ގެ ޓީމުން ވަނީ 50 ލައްކަ ރުޕީސް ވެސް ހަދިޔާކޮށްފަ އެވެ.
އިންދަރު ކުމާރު ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ތަރިންނަކީ އަޖޭގެ އިތުން މަދޫރީ ޑިކްސިޓް، އަނިލް ކަޕޫރް، އަރުޝަދު ވަރްސީ، އީޝާ ގުޕްތާ، ޖާވިދު ޖެފްރީ، ރިތޭޝް ދޭޝްމުކް އަދި އަރުޝަދު ވަރްސީ އެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން މިހާރު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، ޕާކިސްތާނަކީ އިންޑިއާގެ ފިލްމުތަކަށް ބޮޑު މަގުބޫލެއް ކަމެއް އޮންނަ ގައުމެކެވެ. އެކަމަކު ދޭތެރެ ދޭތެރެއިން އިންޑިއާގެ ފިލްމުތައް އެ ގައުމުގައި ދެއްކުން މަނާ ވެސް ކުރެ އެވެ.