19 ފެބުރުއަރީ 2019 - 10:48

މިނިވަންކަމާއި ނަޒާހަތްތެރިކަމާއެކު މަސައްކަތް ކޮށްދެއްވުމަށް ފަނޑިޔާރުންގެ ކިބައިން ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އެދިވަޑައިގެންފި އެވެ.
ޝަރުއީ ދާއިރާ މިނިވަންކުރުމާއި ހަރުދަނާކުރުމާ ގުޅޭގޮތުން ބާއްވާ ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި ފައިސަލް ވަނީ އިލްމީ އަސާސްތަކުގެ މައްޗަށް އިންސާފު ގާއިމުކޮށްދޭ ފަނޑިޔާރު ގެއެއް ރައްޔިތުންނަށް ގާއިމުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
ފަނޑިޔާރުގެއަކީ އަދުލު އިންސާފު ދެމެހެއްޓުމަށް މަސައްކަތްކުރާ އަދި ރައްޔިތުން އިތުބާރުކުރާ ތަނަކަށް ހަދަންޖެހޭ ކަމަށާއި އެންމެންގެ ވެސް އުއްމީދަކީ އެއީ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި ފަނޑިޔާރުގެ އިސްލާހު ކުރުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވަނީ ފަނޑިޔާރުން ކަމަށްވާއިރު އެކަން އެންމެ ރަނގަޅަށް ކޮށްދިނުމަށް އެދިވަޑައިގަތެވެ.
އަދުލުވެރިކަން ނެތް މުޖުތަމައެއްގައި ހަމަޖެހުން ގާއިމު ނުވާނެ ކަމަށާއި އިންސާފަކީ ވަކި މީހަކަށް ލިބޭ އެއްޗެއްގެ ގޮތުގައި އޮތްހާ ހިނދަކު ގައުމުގައި ސުލްހަމަސްލަސްކަން ގާއިމު ނުވާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
"މިއިން ކޮންމެ ކަމަކުން އަޅުގަނޑުމެންނަށް އެނގިގެންދަނީ ފަނޑިޔާރުންގެ މަސްއޫލިއްޔަތުގެ މަތިވެރިކަމާއި އަދުލުވެރިކަމުގެ މުހިންމުކަން،" އުއްތަމަފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ގިނަ އަދަދެއްގެ ފަނޑިޔާރުން ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް، އެ ކޮންފަރެންސްގެ މަގުސަދަށް އަލިއަޅުއްވާލަށްވަމުން ވިދާޅުވީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން އެފަދަ ކޮންފަރެންސްތައް ބާއްވާފައި ވާއިރު އެއީ މުޅި ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ކުރެވުނު ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ.
"[ކޮންފަރެންސްގެ މަގުސަދަކީ] ގާނޫނު އަސާސީގެ ތަރަހައިގެ މަތީގައި އަދި ދުސްތޫރީ ނިޒާމުތައް ބިނާވެގެންވާ އުސޫލުތަކާ އެއްގޮތަށް ފަނޑިޔާރުގެތައް އިސްލާހުކޮށް ތަރައްގީ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ޝާމިލުވާގޮތެއްގައި ފާހަގަ ކުރުމާއި އެކަންކަން ކުރުމަށް އަމަލީ ޕްލޭންތައް އެކުލަވާލުން،" ނައިބު ރައީސް ވިދާޅުވި އެވެ.
ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަގްސަދުގައި މިއަދު ފެށި މަހާސިންތާގައި ގާނޫނީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން އެކި މައުލޫމާތަކަށް ކަރުދާސްތައް ހުށަހަޅުއްވައި، އެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ.