މޫސުމަށް ސަމާލުވޭ، ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެ!
މޫސުމަށް ސަމާލުވޭ، ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެ!

ކުރިޔަށް އޮތް 24 ގަޑިއުރު އުތުރާއި މެދު ރާއްޖެ ތެރެއަށް ބޯކޮށް ވާރޭވެހި، ކަނޑުގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

އެސިސްޓެންޓް މީޓިއޮރޮލޮޖިކަލް ފޯކާސްޓާ ހުސެއިން ވަހީދު "މިހާރާ" ވާހަކަދައްކަވަމުން ވިދާޅުވީ މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން ހއ. އިން ފެށިގެން ލ. އަތޮޅާ ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ. މިއީ ކޮޅިގަނޑެއް ނުވަތަ ތޫފާނެއްގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެއް ނޫން،" ހުސެއިން ވިދާޅުވި އެވެ.

މިމަހުގެ ނުވަ ދުވަހު ފެށުނު ހުޅަނގު މޫސުމުގެ ވިއްސާރަ އަދިވެސް އަލިނުވެ އެކި ދުވަސްތަކުގައި ދަނީ ބޯކޮށް ވާރޭ ވެހެމުން ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.

އެ އިދާރާއިން ބުނީ ކުރިޔަށް އޮތް 24ގަޑިއިރުގެ ތެރޭގައި އުތުރާއި މެދުރާއްޖެ ތެރެއަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 40 މޭލުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.