19 ފެބުރުއަރީ 2019 - 08:50

މެޑްރިޑް (ފެބްރުއަރީ 19) – ހުކުރު ދުވަހުގެ ރެޔާއި ހޯމަ ދުވަހުގެރޭ ސްޕެނިޝް ލީގު (ލަ ލީގާ) މެޗުތައް ކުރިއަށް އޮތްތަނުގައި ނުބާއްވަން ސްޕެނިޝް ލީގުން ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހަފުތާ ބަންދާ ލައްވާނުލާ ގޮތަށް އެ ދެ ރޭ މެޗުތައް ބާއްވަނީ ޓީވީން ވީހާ ވެސް ގިނަ މެޗުތަކެއް ދައްކައި އެކަމުން މާލީ ފައިދާ ހޯދުމަށެވެ. އެކަމަކު އޭގެ ސަބަބުން ދަނޑަށް ވަންނަ ސަޕޯޓަރުން ހިތްހަމަނުޖެހެ އެވެ. ރަޔޯ ވަޔެކާނޯ އާއި އަލަވެސްގެ ސަޕޯޓަރުން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލައިފަ އެވެ.
އޭޝިއާގެ ޓީވީ މާކެޓަށް ވިސްނައި ޔޫރަޕުގެ ލީގުތަކުގެ ޝެޑިއުލް ރާވާތީ ސަޕޯޓަރުން އަބަދުވެސް ހިތްހަމަނުޖެހެ އެވެ. ޔޫރަޕުގެ މެޗުތައް އާއްމުކޮށް ކުޅޭ ގަޑި އޭޝިއާގެ ގިނަ ގައުމުތަކަށް ދިމާވަނީ ދަންވަރާ އެވެ. އެހެންވެ ދާދި ފަހުން ވަނީ ބާސެލޯނާ އާއި ރެއާލް މެޑްރިޑުގެ އެލް-ކްލެސިކޯ މެޗު ވެސް އޭޝިއާ އަށް ރަނގަޅު ގަޑިއަކާ ދިމާކުރަން ސްޕެއިން ގަޑިން ހަވީރުގެ ވަގުތެއްގައި ކުޅެފަ އެވެ.
ސްޕެނިޝް ލީގުން އެ އުސޫލު ބަދަލުކުރަން ނިންމަނީ ރިޕޯޓްތައް ބުނާ ގޮތުގައި ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނާ އެކު، ސްޕެއިނުގެ މަތީ ފަންތީގެ ފުޓްބޯޅައިގެ އޮނިގަނޑު އޮންނާނެ ގޮތަކާ މެދު އެއްބަސްވުމަކަށް އަންނަ އައުމުގެ ތެރޭގަ އެވެ. ސްޕެނިޝް ފެޑެރޭޝަނާއި ސްޕެނިޝް ލީގާ މެދު އަބަދުވެސް ދެބަސްވުންތަކެއް އުޅެ އެވެ. އެންމެ ފަހުން މައްސަލަ ޖެހުނީ ލީގުގެ މެޗުތަކެއް އެމެރިކާގައި ކުޅެން ލީގުން ނިންމުމުންނެވެ.
ސްޕެނިޝް ލީގަކީ އިނގިރޭސި ލީގު ނެގުމަށް ފަހު ދުނިޔޭގެ އެންމެ ވަރުގަދަ އަދި މަޝްހޫރު ލީގެވެ. މިދިޔަ 10 ވަރަކަށް އަހަރު ޔޫރަޕުގެ މުބާރާތްތައް ވެސް ޑޮމިނޭޓްކުރީ އެ ގައުމުގެ ކްލަބްތަކުންނެވެ.