19 ފެބުރުއަރީ 2019 - 09:32

އަންނަ މަހުގެ 15 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު ފޮޓޯގްރާފް" ގެ ޓްރެއިލާ ދައްކާލައި އެވެ.
މި ފިލްމަކީ 2013 ވަނަ އަހަރު ރިލީޒްކޮށް، ކްރިޓިކުންނާއި ބެލުންތެރިންގެ ލޯބި ވެސް ވަރަށް ބޮޑަށް ހޯދި "ދަ ލަންޗް ބޮކްސް" ގެ ހުނަރުވެރި ޑައިރެކްޓަރު ރިތޭޝް ބަޓްރާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މޮޅު އަދި ޝައުގުވެރި ފިލްމަކަށް ވާނެ ކަމަށް ބެލެވޭ "ފޮޓޯގްރާފް" ގެ ބަތަލަކީ "ދަ ލަންޗް ބޮކްސް" ގައި ވެސް މުހިއްމު ރޯލެއް ކުޅުނު ނަވާޒުއްދީން ސިއްދީގީ އާއި ސާނިޔާ މަލްއުތުރާ އެވެ.
ފިލްމުގައި ކިޔައިދޭނީ ކާމިޔާބު ފޮޓޯގްރާފަރަކަށް ވާން މަސައްކަތްކުރާ ފިރިހެނަކާއި އޭނާއާ ދިމާވާ އަންހެނެއްގެ ވާހަކަ އެވެ.
"ފޮޓޯގްރާފް" އަންނަ މަހު ސިނަމާތަކަށް ގެންނަ އިރު، މި ފިލްމު ވަނީ ދާދި ފަހުން ބޭއްވި ބާލިން އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ބީއައިއެފްއެފް) އާއި ސަންޑާންސް ފިލްމު ފެސްޓިވަލްގައި ވެސް ޕްރިމިއާކޮށްފަ އެވެ.
އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި މިހާރު ގުނައިލެވޭ ނަވާޒުއްދީންގެ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒް ކުރި "ތަކެރީ" އިންނެވެ. ސާނިޔާގެ ދެ ފިލްމެއް މި ދިޔަ އަހަރު ރިލީޒްވި އެވެ. އެއީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ބަދާއީ ހޯ" އާއި ފްލޮޕް ބޯޑް އަޅުވަން ޖެހުނު "ޕަޓާޙާ" އެވެ.
ރިތޭޝް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ 2017 ގެ ހޮލީވުޑް ފިލްމު "އަވާ ސޯލްސް އެޓް ނައިޓް" އެވެ.
ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނަ ރަންވީރު ސިންގްގެ ކްރިކެޓް ފިލްމު "83" ގެ ރޯލަކަށް ޒުވާން އެކްޓަރު ސާގިބް ސަލީމް ވެސް ސޮއިކޮށްފި އެވެ.
މިދިޔަ އަހަރު ރިލީޒް ކުރި "ރޭސް 3" ގެ މުހިއްމު ރޯލެއް ކުޅުނު އެކްޓަރު، ކަބީރު ހާން ޑައިރެކްޓް ކުރާ "83" ގައި ފެނިގެން ދާނީ 1983 ގެ ކްރިކެޓް ވޯލްޑް ކަޕް އިންޑިއާ އިން ކާމިޔާބު ކުރި ޓީމްގައި ހިމެނުނު މޮހިންދަރު އަމާނަތުގެ ރޯލެވެ.
މި ފިލްމުގައި ރަންވީރު ފެނިގެން ދާނީ ޓީމްގެ ކެޕްޓަން ކަޕިލް ދޭވްގެ ރޯލުން ކަމަށްވާ އިރު، އޭނާއާ އެކު ޓީމްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންގެ ރޯލްތައް ކުޅޭނެ އެކްޓަރުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން ކުރީގެ ކްރިކެޓް ތަރި ސުނިލް ގަވަސްކަރުގެ ރޯލަށް، ރާނީ މުކަރްޖީގެ 2014 ގެ ފިލްމު "މަރުދާނީ" ގައި ވިލަންގެ ރޯލް ކުޅުނު ތާހިރު ރާޖް ބާސިން ވަނީ ސޮއިކޮށްފަ އެވެ.
މެއި މަހު ލަންޑަނުގައި ޝޫޓިން ފަށާ "83" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޕަންކަޖް ތުރިޕަތީ، މުހައްމަދު ޒީޝާން އައްޔޫބް، އަމީ ވާކް އަދި ޖިވާ ހިމެނެ އެވެ
މި ފިލްމު ސިނަމާތަކަށް އަންނާނީ އެޕްރީލް، 10، 2020 ގަ އެވެ.
"ޕިޔާރު ކާ ޕަންޗް ނާމާ" އިން ވިދައިލި އެކްޓަރުން ކަމަށްވާ ސަނީ ސިންގް އާއި ސޮނާލީ ސޭގަލް ލީޑް ރޯލް ކުޅޭ ފިލްމު "ޖެއި މަންމީ ދީ" އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
މި ދެ ތަރިން އެންމެ ފަހުން އެކީގައި ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިންނެވެ.
"ޖެއި މަންމީ ދީ" އަކީ އެ ފިލްމު ވެސް ގެނެސް ދިން ލަވް ރަންޖަންގެ ފިލްމު ކުންފުނި ލަވް ފިލްމްސް އާއި ޓީ ސީރީޒް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ ނަވްޖޯތު ގުލާތީ އެވެ. "ޖެއި މަންމީ ދީ" އަކީ ރޮމޭންޓިކް ކޮމެޑީއެކެވެ.
ލަވް ފިލްމްސް އިން އެންމެ އަވަހަށް ދެން ގެނެސް ދޭނީ މެއި މަހުގެ 17 ގައި ރިލީޒް ކުރާ "ދޭ ދޭ ޕިޔާރު ދޭ" އެވެ. އާކިވް އަލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ތަރިންނަކީ އަޖޭ ދޭވްގަން، ތައްބޫ އަދި ރަކުލް ޕްރީތު ސިންގެވެ.
ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ ވަނަ ސީޒަން ނިމުމަކާ ހަމައަށް އަންނަ އިރު، މި ޝޯގެ އެންމެ ޝައުގުވެރި އެޕިސޯޑަކަށް ވާނީ ކަރީނާ ކަޕޫރާއި ޕްރިޔަންކާ ޗޯޕްޅާ އެކީގައި ފެނިގެންދާ އެޕިސޯޑެވެ.
ކުރިން ވަރަށް ބޮޑު ވާދަވެރި ކަމެއް ވެސް އޮތް މި ދެ ބަތަލާއިން އެކީގައި ފެނިގެންދާ އެޕިސޯޑްގެ ޕްރޮމޯއެއް ވެސް ސްޓާ ވޯލްޑުން ވަނީ ދައްކާލައިފަ އެވެ.
ޔަގީނުން ވެސް މިއީ ކަރީނާ އާއި ޕްރިޔަންކާގެ ފޭނުންނަށް ވަރަށް ހާއްސަ އެޕިސޯޑަކަށް ވެގެން ދާނެ އެވެ. އަދި މިއީ އެ ދެ ތަރިންނާ ބެހޭ ވަރަށް ގިނަ އައު ކަންކަން ވެސް އެނގިގެން ދާނެ އެޕިސޯޑަކަށް ވާނެ އެވެ.
އިންތިޒާރުކޮށްލަން ޖެހެނީ އަންނަ އާދީއްތަ ދުވަހުގެ ރެއަށެވެ.
ކަރީނާ އާއި ޕްރިޔަންކާ އެކީގައި ވަނީ ފިލްމެއް ވެސް ކުޅެފަ އެވެ. އެއީ 2004 ގެ "އެއިތުރާޒް" އެވެ.