19 ފެބުރުއަރީ 2019 - 07:10

ގޫގުލްގައި "ބެސްޓް ޓޮއިލެޓް ޕޭޕަ އިން ދަ ވޯލްޑް" ޖެހުމުން ޕާކިސްތާނުގެ ގައުމީ ދިދައިގެ ފޮޓޯ ފެންނަ ގޮތް ވެއްޖެ އެވެ.
މިހެން ދިމާވީ ކަޝްމީރުގައި ޕާކިސްތާނު ހަނގުރާމަވެރިން ހަމަލާދީ އިންޑިއާ ސިފައިންގެ 40 މީހަކު މަރާލި މައްސަލާގައި ނުރުހުން ފާޅުކުރާ މީހުން ކޮށްފައިވާ ޕޯސްޓްތަކާ ހެދި އެވެ.
މިއީ ކަޝްމީރުގައި އިންޑިއާ ސިފައިންނަށް އަމާޒުކޮށް ދިން އެންމެ ނުރައްކާތެރި އެއް ހަަމަލާ އެވެ. އެކަމުގެ ޒިންމާ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޖައީޝީ މުހައްމަދުން ވަނީ އުފުލައިފަ އެވެ.
މި މަހުގެ 14 ވަނަ ދުވަހު ހަމަލާ ދިނުމާ އެކު، ޕާކިސްތާނަށް ބަހުގެ ހަމަލާތައް ދީ ނުރުހުން ފާޅުކުރި ބައެއް މީހުން ވަނީ ޕާކިސްތާނު ދިދަ އަކީ ޓޮއިލެޓް ޕޭޕަރު ކަމަށް ބުނެ ޕޯސްޓްތަކެއް ކޮށްފަ އެވެ. މިގޮތަށް ބްލޮގްތަކުގައި ވެސް އާޓިކަލްތައް ލިޔެ، އެ ޓޮޕިކް ޓްރެންޑްވާން ފެށީ އެވެ. ނަތީޖާއަކަށްވީ، ގޫގުލް އިމޭޖަށް ގޮސް "ބެސްޓް ޓޮއިލެޓް ޕޭޕާ އިން ދަ ވޯލްޑް" ޖެހުމުން ޕާކިސްތާނު ދިދަތައް ފެންނަން ފެށުމެވެ.
މިކަމާ ބެހޭ ގޮތުން ގޫގުލް އިން އަދި ވާހަކައެއް ނުދައްކަ އެވެ.
މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފޮޓޯ ވެސް، ހުތުރު ބަސްތައް ސާޗުކުރުމުން ފެންނަ ގޮތް ގޫގުލްގައި މެދުވެރިވި އެވެ.