ކޯޓުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން: އުއްތަމަ ފަނޑިޔާރު
ކޯޓުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން: އުއްތަމަ ފަނޑިޔާރު

ކޯޓުތަކުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

"ޖުޑީޝަލް އިޔާ 2019" އިފްތިތާހު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖާގައިގެ ދަތިކަމުގެ ސަބަބުން ކޯޓުތަކުގެ ޕާފޯމެންސަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"ޝަރުއީ ދާއިރާގެ ޕާފޯމަންސް ރަނގަޅުކޮށް ކޯޓުތަކުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމުގައި އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޯޓުތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގައި ޖާގައިގެ ދަތިކަން ހުރިކަން ފާހަގަ ކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޑްރަގް ކޯޓާއި ޖުވެނައިލް ކޯޓު ބާވެފައިވާތީ ކޯޓު ހިންގުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ޝަރުއީ ދާއިރާ އިން ކޮށްފައިވާ ބައެއް މުހިންމު ކަންތައްތަކުގެ ތެރޭގައި ހުކުމްތައް އާންމުކޮށް ފެންނަ ގޮތަށް ހުރުމާއި ޝަރުއީ ދާއިރާގެ މައުލޫމާތު ޓީވީ އާއި އެހެނިހެން މީޑިއާ ބޭނުންކޮށްގެން އާންމުންނާ ހިއްސާ ކުރުން ހިމެނޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އިންސާފު ލިބިދިނުން ކަށަވަރު ކުރުމުގެ ގޮތުން ސްޓްރަކްޗަރަލް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"ޝަރުއީ ނިޒާމުގެ ތެރެއިން އަދުލް އިންސާފު ލިބިދިނުން އަވަސްކޮށް، އަދުލް އިންސާފަށް ވާސިލްވުން ކަށަވަރު ކުރުމުގެ ގޮތުން ކޯޓުތަކުގެ ހިންގުން ހަރުދަނާކޮށް އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން ސްޓްރަކްޗަރަލް ބޮޑެތި ބަދަލުތަކެއް ފާއިތުވެދިޔަ ތަނުގައި ވަނީ ގެނެވިފައި،" އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެކި ދާއިރާތަކުގެ ފަރާތްތަކާ ގުޅިގެން ތަފާތު ސިމްޕޯޒިއަމްތައް، ނިމިގެންދިޔަ އަހަރު ބާއްވާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ކުރިއަށް މިއޮތް އަހަރުގެ ތެރޭގައި ވެސް އެފަދަ ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރިޓަޔާ ކުރައްވާފައިވާ ފަނޑިޔާރުންނަށް ޝަރަފުވެރިކަން މިރޭގެ ހަފުލާގައި ވަނީ ހަވާލުކޮށްފަ އެވެ. އެގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިންނާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ މުއުތަސިމް އަދުނާނާއި މުހްތާޒް ފަހުމީ އަށް ވަނީ ޝަރަފުވެރިކަން އަރުވައިފަ އެވެ.