18 ފެބުރުއަރީ 2019 - 20:01

އަޅަން ޖެހޭ ފިޔަވަޅު އެޅުމަކީ އަނިޔާވެރިވުން ނޫން ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޓްވީޓަކުން އިމްރާން މިހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން އަމުރުކުރިތާ އިރުކޮޅެއް ފަހުންނެވެ. އޭނާ ވަނީ، ހައްގު ގޮތުގައި ކުރަން ޖެހޭ ކަމެއްކޮށް، އަޅަން ޖެހޭ ފިޔަވަޅު އެޅުމަކީ އަނިޔާވެރިވުން ކަމަށް ބުނެވޭނީ ކިހިނެތްތޯ ސުވާލު ކުރައްވާފަ އެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، ޓެރަރިޒަމްގެ ތުހުމަތުގައި އިމްރާން ވަނީ 11 އަހަރަށް ޖަލަށް ލައިފަ އެވެ.
މަނީ ލޯންޑަރިންގެ މައްސަލައިގައި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ އެކު ޔާމީން ވަނީ މާފުށީ ޖަލަށް ގެންގޮސްފަ އެވެ.
އެ މަނިކުފާނުގެ މައްޗަށް ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރި މައްސަލައިގަ އެވެ. އިސްލާމިކް ބޭންކްގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް ދެ ޗެކަކުން އެސްއޯއެފުން ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވި މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.
އެހެންވެ، ޔާމީން ހެއްކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ގަބޫލު ކުރެވޭތީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕީޖީގެ ވަކީލް ވަނީ އެދިވަޑައިގެންފަ އެވެ. އަދި އޭނާ އެދިވަޑައިގެންނެވި ގޮތަށް ގާޒީ އަހުމަދު ހައިލަމް ވަނީ ޔާމީން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރު ކުރައްވައިފަ އެވެ.