ބްރިޓްނީ ސްޕިއާސްގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަނީ
ބްރިޓްނީ ސްޕިއާސްގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަނީ

ޕޮޕް ލަވައިގެ ދުނިޔޭގައި ވިދާލި އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިއުންތެރިޔާ ބްރިޓްނީ ސްޕިއާސްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައިފި އެވެ.

ބްރިޓްނީ ސްޕިއާސްގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަނީ
ބްރިޓްނީ ސްޕިއާސްގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަނީ

ފިލްމަށް ދީފައިވާ ނަމަކީ "ބްރިޓްނީ" އެވެ.

ހޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން އެސައިލަމް އެންޓަޓައިންމަންޓުން ޕްރޮޑިއުސް ކުރާ މި ފިލްމުގައި ބްރިޓްނީގެ ރޯލުން ފެނިގެން ދާނީ އޮސްޓްރޭލިއާ އަށް އުފަން "ހެއިލް، ސީޒާ!" ގެ ބަތަލާ ނަތާޝާ އެވެ.

ފިލްމުގެ ޝޫޓިން އަންނަ މަހުގެ 19 ވަނަ ދުވަހު ވެންކޫވާގައި ފަށަން ތާވަލްކޮށްފައިވާ އިރު، ސީބީއެސް އިން "ބްރިޓްނީ" ޕްރިމިއާ ކުރާނީ 2017ގަ އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.

އޭން މާރީ-ހެސް ސްކްރިޕްޓް ލިޔާ ފިލްމް ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ "މެންޝަންސް ލޮސްޓް ގާލްސް" ގެ ޑައިރެކްޓަރު ލެސްލީ ލިބްމަން އެވެ.

އެސައިލަމުން ބުނީ ފިލްމުގައި ބްރިޓްނީގެ ކެރިއާ ފެށިގެން އައި ގޮތާއި އޭނާގެ އެންމެ ބޮޑެތި ކާމިޔާބީތަކާއި އަޑިގުނޑަންތައް ދައްކުވައި ދޭނެ ކަމަށެވެ.

މީގެ އިތުރުން ލަވަ ކިއުންތެރިޔާ/އެކްޓަރު ޖަސްޓިން ޓިމްބަލޭކާއި ބްރިޓްނީގެ ލޯބީގެ ގުޅުން ފެށިގެން އައި ގޮތާއި އޭގެ ހިތި ނިމުމާއި ފަހުން ކެވިން ފެޑެލިން އާ ބްރިޓްނީ ކައިވެނި ކުރުން ފަދަ ހާދިސާތައް ފިލްމުން ދައްކުވައި ދޭނެ އެވެ.

ކެވިން އާ ކައިވެނިކޮށް މިހާރު އުރުން 34 އަހަރުގެ ބްރިޓްނީ އަށް ދެ ދަރިން ވެސް ލިބިފައިވެ އެވެ. އެ ދެ މީހުން 2004 ގައި ކުރި ކައިވެނި ރޫޅުނީ 2007 ގަ އެވެ.

ކެވިންގެ ކުރިން ވެސް ބްރިޓްނީ ކައިވެންޏެއް ކުރި އެވެ. އެއީ ޖޭސަން އެލެން އެލެގްޒެންޑާ އެވެ. އެކަމަކު 2004 ގައި ކުރި އެ ކައިވެނި ހަމަ އެ އަހަރު ވަނީ ރޫޅިފަ އެވެ.

ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްވަރު ބްރިޓްނީ އަށް ވަނީ ތަފާތު އެކި ކަހަލަ މައްސަލަތަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި އޭނާގެ ފަރާތުން އަހުލާގީ ގިނަ މައްސަތަކެއް ވެސް ފެންމަތިވެ، މަސްތުގެ ދަލުގައި ވެސް ޖެހި ދުވަސްތަކެއް ވަންދެން ރިހެބްގައި ވެސް އުޅެން ޖެހުނެވެ.

މި ހާޖާނުގަނޑުގެ ތެރޭގައި އޭނާގެ ރީތި ބްލޮންޑް އިސްތަށިގަނޑު ކޮށާލައި، ބޯ ވެސް ބާލައި އެތައް ބަޔަކު ސިއްސުވާލާފައިވެ އެވެ.

ހަޔާތުގައި ދިމާވި އެތައް މައްސަލަތަކަކާއި ހިތްދަތިކަމަކުން އަރައި ގަނެ، ބްރިޓްނީ މިހާރު ވަނީ އަނެއްކާ ވެސް މިއުޒިކީ ދުނިޔެ އަަށް އެނބުރި އައިސް އެތައް ބައެއްގެ ލޯބި ހޯދައިފަ އެވެ.

އޭނާގެ ނުވަ ވަނަ އަލްބަމް "ގްލޮރީ" ވެސް އިއްޔެ ވަނީ ރިލީޒްކޮށްފަ އެވެ. އެ އަލްބަމްގައި 17 ލަވަ ހިމެނެ އެވެ. އާދީއްތަ ދުވަހުގެ ރޭ އޮންނަ އެމްޓީވީ މިއުޒިކް އެވޯޑްގައި ވެސް ބްރިޓްނީ ޕަފޮމް ކުރާނެ އެވެ.