18 ފެބުރުއަރީ 2019 - 15:15

ދަރުމަވަންތަ ޕާޓީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) ން އަހުމަދު ޝަފީގު މޫސާ (ޑީއޯ ސައްޕެ) އަށް މިއަދު ދީފި އެވެ.
ސައްޕެ އަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދި "ދިވެހި އޮބްޒާވަރު"ގެ ނަމުގައި ވެބްސައިޓެއް ހިންގައި މަގްބޫލުކަން ހޯއްދެވި ބޭފުޅެކެވެ.
އޭނާ ވަނީ އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މާމިގިލި ދާއިރާ އަށް ވާދަކުރައްވަން އެމްޑީޕީގެ ޓިކެޓު ހޯއްދަވަން ވެސް މަސައްކަތް ކުރައްވައިފަ އެވެ. އެމްޑީޕީގެ ޕްރައިމަރީން ފުރުސަތު ލިބިވަޑައިނުގަތަސް މި ފަހަރުގެ އާންމު އިންތިޚާބުގައި އަމިއްލަ ގޮތުން މާމިގިލި ދާއިރާ އަށް ވާދަކުރައްވަން ސައްޕެ ވަނީ ނިންމަވައިފަ އެވެ.
ސައްޕެ އަށް އެމްޑީޕީގެ ޕްރައިމަރީން ފުރުސަތު ގެއްލުނީ އެ ޕާޓީގެ މެމްބަރުންގެ ލިސްޓުގައި އޭނާގެ ނަން ނެތުމުންނެވެ. އިނގިލީގެ ނިޝާން ޖަހައިގެން ފޯމު ލާން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހިސާބުން ސައްޕެގެ ނަމެއް އެމްޑީޕީގެ ދަފްތަރުގައި ނެތެވެ.
"ފިންގާ ޕްރިންޓު ޖަހައިގެން ފޯމެއް ވެސް ހުށަހެޅިން. އެކަމަކު ޕްރޮސެސް ނުވެ އޮތީ،" ސައްޕެ ވިދާޅުވެފައި ވެ އެވެ.
އޭނާ "މިހާރު" އަށް ކުރިން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އާ ޕާޓީ އުފެއްދުމުގެ މަސައްކަތް ނިންމަވާނެ ކަމަށެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި، އެމްޑީޕީން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމެވީ ސިޔާސީ މާހައުލުގައި ރަނގަޅު ޕާޓީއެއް، ލީޑަރެއް އަދި މީހަކު ހަރަކާތްތެރި ނުވާތީ ފުރިހަމަ ސިޔާސީ ޕާޓީއެއް ވުޖޫދަށް ގެނައުމަށެވެ.
ރާއްޖޭގައި މިހާރު ހަރަކާތްތެރިވަނީ އަށް ސިޔާސީ ޕާޓީ އެވެ.
އިނގިރޭސި ވިލާތުގައި ހުންނަވައިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލު ކުރުމަށް ސައްޕެ ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ. އެ ދުވަސްވަރު މީޑިއާގެ މިނިވަންކަން ނެތުމުން، އެމްޑީޕީގެ ޚަބަރުތަކާއި ރާއްޖޭގެ ސިޔާސީ މާހައުލު ބޭރުގެ މީޑިއާތަކުގެ ސަމާލުކަމަށް ގެނައުމަށް ވެސް ސައްޕެ ވަނީ ބޮޑު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.