ކޯ ލޯޑް މޯލްޑިވްސް އިން އާކަށް ބޮޑު އެހީއެއް
ކޯ ލޯޑް މޯލްޑިވްސް އިން އާކަށް ބޮޑު އެހީއެއް

ކޯ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އަށް 35،000ރ. ފައިސާގެ އެހީއެއް ދީފި އެވެ.

މިއީ ކޯ ލޯޑް މޯލްޑިވްސްގެ ސްޓާފުންނާއި މެނޭޖްމަންޓުގެ ފަރާތުން ދިން އެހީގެ އިތުރުން އޭސް ހާޑްވެއާ އިން މިދިޔަ ނޮވެމްބަރު ކުރިއަށް ގެންދިޔަ ޓޯއީސް ސޭލުން ލިބުނު ފައިދާ އިން ވެސް ފައިސާ ހަދިޔާކޮށްފައިވެ އެވެ.

އޭސް ހާޑްވެއާ އަކީ ކޯ ލޯޑް މޯލްޑިވްސްގެ ދަށުން ހިންގާ ކުންފުންޏެކެވެ.

މިމަހުގެ ހަ ވަނަ ދުވަހު އެ ފައިސާގެ އެހީ ކޯ ލޯޑް މޯލްޑިވްސްގެ ފަރާތުން އާކް ޖަމިއްޔާއާ ހަވާލުކުރީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހާނީ އެވެ. އާކްގެ ފަރާތުން އެ އެހީއާ ހަވާލުވެވަޑައިގަތީ މެނޭޖިން ޑިރެކްޓަރު މުރުތަލާ މޫސާ އެވެ.

ފައިސާގެ އެހީ ހަވާލުކުރުމަށް ފަހު ހާނީ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އާކް ޖަމިއްޔާއާ އެކު މިހާރަށް ވުރެ ގާތުން މަސައްކަތްކުރަން ކޯ-ލޯޑުން ބޭނުންވާ ކަމަށެވެ.

އާކްގެ ފަރާތުން އެ ޖަމިއްޔާގެ ކޯ ފައުންޑަރު އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ކޯ ލޯޑުން ދިން އެ އެހީ ބޭނުންކުރާނީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭގޮތުން މާލެ އާއި އަތޮޅުތެރޭގައި ހިންގާ ހޭލުންތެރި ކުރުމުގެ ކެމްޕެއިން ހަރަކާތްތަކުގައި ކަމަށެވެ.

އާކް އަކީ ރާއްޖޭގެ ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތު ކުރުމުގެ ގޮތުން 2009 ވަނަ އަހަރު އުފައްދާފައިވާ އަމިއްލަ ޖަމިއްޔާއެކެވެ.