ސިއްހީ ހިދުމަތްދޭ ތަންތަނުގައި އުފެދޭ ކުނި ނައްތާލަން ދެ ލައްކަ ޑޮލަރުގެ ޕްރޮޖެކްޓެއް
ސިއްހީ ހިދުމަތްދޭ ތަންތަނުގައި އުފެދޭ ކުނި ނައްތާލަން ދެ ލައްކަ ޑޮލަރުގެ ޕްރޮޖެކްޓެއް

ސިއްހީ ހިދުމަތްދޭ ތަންތަނުގައި އުފެދޭ ކުނި ނައްތައިލުމުގެ ފުރަތަމަ މަޝްރޫއު އަންނަ އަހަރު ލ. އަތޮޅުގައި ފަށާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. މިއީ ވޯލްޑް ހެލްތް އޯގަނިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ އެހީތެރިކަމާއެކު ދެ ލައްކަ ޑޮލަރު ހަރަދުކޮށްގެން ހިންގާ ޕައިލެޓް ޕްރޮޖެކްޓެވެ.

ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ހެލްތް މިނިސްޓްރީން އެކުލަވާލާފައިވާ، ސިއްހީ ހިދުމަތްދޭ ތަންތަނުގައި އުފެދޭ ކުނި ނައްތާލުމުގެ ގައުމީ ސިޔާސަތާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު، މަޝްވަރާކުރަން، ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ސިއްހީ ހިދުމަތްދޭ ތަންތަނުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާނުލައިފިނަމަ، އެކަމުގެ ނުރައްކާ ބޮޑުވާނެ ކަމަށާއި އެހެންކަމުން އެކަމަށް ސަމާލުކަން ދީގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން މައްސަލަތަކަށް ހައްލު ހޯދައިދޭނެ ކަމަށާއި އެގޮތުން އާއްމުންނާ ގުޅޭ މިފަދަ ސިއްހީ ކަންކަމަކީ ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން އަންނަ ކަންތައްތައް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ހެޔޮގޮތުގައި ކުނި ނައްތާލަން ސަރުކާރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް ކާމިޔާބު ވާކަން ތިމާވެއްޓާ ބެހޭ މިނިސްޓަރު ފާހަގަކުރެއްވި އެވެ. ތޯރިގް ވިދާޅުވި ގޮތުގައި ސިއްހީ ހިދުމަތްދޭ ތަންތަނުގައި އުފެދޭ ކުނި ނައްތާލަން އެންވަޔަރްމަންޓް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ އެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނުގައި އުފެދޭ ކުނި ނައްތާލުމުގެ ޕްލޭން އެކުލަވައިލާފައިވަނީ މައިގަނޑު ފަސް ކަމެއްގެ މައްޗަށެވެ. އޭގެ ތެރޭގައި އިންސާނުންގެ ސިއްތަހަށް ގެއްލުން ނުލިބޭނެ ފަދަ ގޮތަކަށް ކުނި ނައްތައިލުމާއި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކުނި ނައްތައިލުމަށް އަލިއަޅުވާލާފައި ވެ އެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނުގެ ތެރެއިން 10-15 ޕަސެންޓު ކުންޏަކީ ހާއްސަ ސަމާލުކަމެއް ދީގެން ނައްތާލަން ޖެހޭ ބާވަތްތަކެވެ. ޑަބްލިއުއެޗްއޯގެ ތަފާސްހިސާބު ތަކަށް ބަލާއިރު އެޗްއައިވީ، ހެޕަޓައިޓިސްބީ ފަދަ ލޭގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ކޮންމެ އަހަރަކު އެތައް މިލިއަން މީހުންނަށް ޖެހެ އެވެ. އަދި އެކި ބާވްތަތަކުގެ ކުނި އެންދުމުން ޖައްވަށް ބޭރުވެގެންދާ ވިހަ މާއްދާތަކުގެ ސަބަބުން ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.