މިހާރު ފަސް ދުވަހުން ބޯޓެއް ހުސްކުރެވޭނެ: އެމްޕީއެލް
މިހާރު ފަސް ދުވަހުން ބޯޓެއް ހުސްކުރެވޭނެ: އެމްޕީއެލް

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރަން ބޯޓުތަކުން މީގެ ކުރން 15 ދުވަސް ހޭދަކުރަން ޖެހުނަސް މިހާރު ފަސް ދުވަހުން މުދާ ހުސްކުރެވޭ ވަރަށް މަސައްކަތް ހަލުވިކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ ވިޔަފާރި ބަނދަރުގައި މުދާ ކްލިއާ ކުރުން އަވަސްވީ، ބަނދަރުގައި ހުރި ގިނަ އަދަދެއްގެ ހުސް ކޮންޓެއިނަރުތައް މަދުކޮށް، ހަލާކުވެފައިވާ ގިނަ ވެހިކަލްތައް މަރާމާތުކުރުމުން ކަމަށެވެ.

ޝާހިދު ވިދާޅުވީ މީގެ ކުރިން ބޯޓެއް ހުސްކުރަން ދެ ހަފުތާ ހޭދަވާ ކަމަށާއި އެކަމަކު މިދިޔަ ހަފުތާއިން ފެށިގެން ފަސް ދުވަހުން ބޯޓެއް ހުސްކޮށްލެވޭ ކަމަށެވެ.

ރާއްޖެ އަށް މުދާ އެތެރެކުރާ ބައެއް ވިޔަފާރިވެރިން ވެސް ވަނީ މިހާރު ބަނދަރުގެ މަސައްކަތް ހަލުވިވެފައިވާކަން ފާހަގަކޮށްފަ އެވެ. އަދި ކުރީ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު މި އަހަރު މުދާ ގެންނަ ވަރު މަދުކަން ވެސް ވިޔަފާރިވެރިން ފާހަގަކުރި އެވެ. އަދި ބަނދަރުގެ ހާލަތު ހުރި ގޮތުން، ކުރިން 1،000 ކޮންޓެއިނަރު ގެނައި މީހުން މިހާރު ގެންނަނީ 700 ކޮންޓެއިނަރު ކަމަށްވެ އެވެ.

އެމްޕީއެލް އިން ބަނދަރުގެ މަސައްކަތް އަވަސްކުރަން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް މިދިޔަ މަހު ބުންޏެވެ. އެގޮތުން، ހަލާކުވެފައިވާ ވެހިކަލްތައް ހެދުމާއި ބަނދަރު ސަރަހައްދުގައި ހުރި މަގުތައް މަރާމާތު ކުރުމުގެ އިތުރުން ބަނދަރުގެ ޖާގަ ބޮޑުވާނެ ގޮތަކަށް ބަނދަރު ރީއެރޭންޖުކުރަން ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.

ބޯޓުތަކުން މުދާ ނުބޭލި ގިނަ ދުވަސްވުމުގެ ސަބަބުން ގެއްލުންވާ ކަމަށް ބުނެ ވިޔަފާރިވެރިންގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ.