18 ފެބުރުއަރީ 2019 - 12:44

ލިޔޯން، ފްރާންސް (ފެބްރުއަރީ 18) - ފްރާންސް ލީގުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް މިިދިޔަ ޑިސެމްބަރު މަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ދެ އަހަރާއި ބަޔަށް ފަހު ޔުނައިޓެޑްގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރީ އެ ޓީމުގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެ، ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމެންޓުގެ ބައެއް މީހުންނާ އޭނާއާ ދެބަސްވުމަކަށް ގޮސްފައިވަނިކޮށެވެ. އޭރު މޮރީނިއޯ ހުރީ 2020 ވަނަ އަހަރާ ހަމައަށް ޔުނައިޓެޑްގެ ކޮންޓްރެކްޓްގަ އެވެ. މަގާމުން ވަކިކުރުމުން ޔުނައިޓެޑުން ވަނީ ބަދަލެއްގެ ގޮތުގައި މޮރީނިއޯ އަށް 25 މިލިއަން ޑޮލަރު ދައްކައިފަ އެވެ.
މޮރީނިއޯ މިހާރު މަސައްކަތްކުރަމުން އަންނަނީ ބެއިން ސްޕޯޓްސްގެ ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގަ އެވެ. މޮރީނިއޯ ރޭ ވަނީ ފްރާންސް ލީގުގައި ލިއްލޭ އާއި މޮންޓެޕިއޭ ކުޅުނު މެޗު ބަލަން ދަނޑަށް ގޮސްފަ އެވެ. މޮރީނިއޯ މެޗު ބަލަން އިނީ ލިއްލޭގެ ސްޕޯޓިން އެޑްވައިޒަރު ލުއިސް އޮކަމްޕޯސްއާ އެކު އެވެ
"އަހަރެން ފްރާންސް ލީގުގެ ޓީމަކުން ފެނުމުގެ ފުރުސަތު އެބައޮތް. އަހަންނަކީ ތަފާތު ހަތަރު ގައުމެއްގައި މަސައްކަތް ކޮށްފައިވާ މީހެއް. އަހަންނަކީ އިތުރު ގައުމުތަކުގެ ސަގާފަތް ދެނެގަންނަން މަސައްކަތްކުރާ މީހެއް،" ބެއިން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުންޏެވެ.
"އަހަންނަކީ އަބަދުވެސް ދަސްކުރަން މަސައްކަތްކުރާ މީހެއް. ކުރިން މަސައްކަތް ނުކުރާ ތަފާތު ލީގެއްގައި އުޅެފިނަމަ އެއީ އަހަންނަށް ލިބޭނެ އާ ތަޖުރިބާތަކެއް. އަހަރެން މި އަންނަނީ ފުޓްބޯޅައިގައި ދެން މަސައްކަތްކުރާނެ ރަނގަޅު މާހައުލެއް ހޯދަމުން."
މޮރީނިއޯ، އޭނާގެ ކޯޗިން ކެރިއަރު ފެށި ބެންފީކާއާ ހަވާލުވާން ލިބުނު ފުރުސަތު ދޫކޮށްލާފައިވާއިރު، އޭނާ އަލުން ގެންނަން ރެއާލް މެޑްރިޑުން ވެސް ޝައުގުވެރިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީ އަށް މި ފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވިއްޖެނަމަ އެ ޓީމުގެ ކޯޗަކަށް މިހާރު ހުރި ތޯމަސް ޓުޗެލް އަށް މަގާމު ގެއްލުމުގެ ފުރުސަތު ބޮޑެވެ. އަދި ޕީއެސްޖީން ދެން ވިސްނާނީ ތަޖުރިބާކާރު ކޯޗަކަށް ކަމަށާއި މޮރީނިއޯ އަކީ އެ ކްލަބުގެ ޓާގެޓެއް ކަމަށެވެ.
މޮރީނިއޯ ވަނީ މީގެ ކުރިން ޕޯޗުގަލްގެ ޕޯޓޯ އާއި އިޓަލީގެ އިންޓަ މިލާނާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އޭގެ އިތުރުން މޮރީނިއޯ ވަނީ ރެއާލާއި ޗެލްސީގެ އިތުރުން ޔުނައިޓެޑުގައި ވެސް ކާމިޔާބީތަކެއް ހޯދައިފަ އެވެ.