26 އޯގަސްޓް 2016 - 07:10

ސްޓްރެސްގެ ސަބަބުން ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމަށާއި ޒުވާން އަންހެނުންގެ ހިތަށް ވަކިން ބޮޑަށް ނުރައްކާވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ރިސާޗަރުން ވަނީ ހިތުގެ ބަލި ހުރި 700 މީހަކަށް، ނަފްސާނީ ގޮތުން ބާރު ބޮޑުވާ ފަދަ ގޮތަކަށް އާންމު ތަނެއްގައި ވާހަކަ ދައްކަން ހަވާލުކޮށްފަ އެވެ. އޭގެ ފަހުން އެ މީހުންގެ ހިތަށް ލޭ ދައުރުވާ ގޮތަށް އައި ބަދަލު ބެލި އެވެ.
ސްޓްރެސްގެ ސަބަބުން، ހިތަށް ލޭ ދައުރުވުން މަދުވުމުގެ މައްސަލަ އުމުރުން 50 އަހަރުން ފެށިގެން ދަށުގެ އަންހެނުންނަށް ކުރިމަތިވި މިންވަރު ހަމަ އެ އުމުރުގެ ފިރިހެނުންނާ އަޅާބަލާއިރު މާބޮޑު ކަމަށް، ދިރާސާގައި އިސްކޮށް ހުންނެވި އިމޯރީ ޔުނިވަސިޓީ ރޯލިންސް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ޑރ. ވިއޯލާ ވެކަރީނޯ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ހިތަށް ލޭ ފޯރާ މިންވަރު މަދުވުމަކީ ހާޓް އެޓޭކް ޖެހުމަށް މެދުވެރިވާ ކަމެކެވެ.
"ސްޓްރެސްގެ ސަބަބުން މި ނުރައްކާ ޒުވާން އަންހެނުންނަށް މާ ބޮޑަށް އޮންނަ ކަމަށް ދިރާސާއިން ވަނީ އެނގިފައި،" ވިއޯލާ ވިދާޅުވެފައިވެ އެވެ.
ދިރާސާ ޓީމުން ވަނީ އަންހެނުން ސްޓްރެސްއާ ދުރުވެ ތިބުން ވަކިން ބޮޑަށް މުހިންމުކަން މި ދިރާސާ އިން ހާމަވާ ކަމަށް ބުނެފަ އެވެ.
ތަޖުރިބާކާރުން މީގެ ކުރިން ވެސް ވަނީ ހާޓް އެޓޭކް ޖެހުމަށް ފަހު އަންހެނުންނަށް ކުރިމަތިވާ ސިއްހީ މައްސަލަތައް މާބޮޑު ކަމަށް، ދިރާސާތަކާ ހަވާލާދީ ބުނެފަ އެވެ. ނަމަވެސް މިއީ ކީއްވެގެން އަންނަ ތަފާތެއްކަން ޔަގީންކަމާ އެކު ބުނެދޭން އަދި ނޭނގޭ ކަމަށް ބުނެފައިވެ އެވެ.