18 ފެބުރުއަރީ 2019 - 09:49

އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެގުމަށްޓަކައި ވިކްޓްރީ ސްޕޯޓްސް ކްލަބުން ހުށަހެޅި ލިޔުމުގައި ސޮއިކޮށްފައިވަނީ 15 ކްލަބަކުން ކަން އެފްއޭއެމުން ކަށަވަރުކޮށްދީފި އެވެ.
ވިކްޓްރީން ލިޔުން ހުށަހެޅި ދުވަހު ބުނެފައިވަނީ 19 ކްލަބަކުން ސޮއިކުރި ކަމަށެވެ. އޭގެ ފަހުން އިއްޔެ އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ އެއީ ހަގީގަތެއް ނޫން ކަމަށާއި ސޮއިކޮށްފައިވަނީ 15 ކްލަބް ކަމަށެވެ. އެކަމަކު ފަހުން އަނެއްކާ ވިކްޓްރީން ވަނީ އެއްވެސް ކްލަބަކުން ނަން އަނބުރާ ގެންދިޔަކަން އަންގާފައިނުވާ ކަމަށާއި އޭގައި 19 ކްލަބަކުން ސޮއިކޮށްފައިވާނެ ކަމަށް ބުނެފަ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވަނީ އެ ލިޔުމުގައި ސޮއިކޮށްފައިވަނީ 15 ކްލަބަކުން ކަން ރޭ "މިހާރަ"ށް ކަށަވަރުކޮށްދީފަ އެވެ.
އެފްއޭއެމުން އިއްޔެ ބުނީ އެ 15 ކްލަބުގެ ތެރެއިން ނިއު ރޭޑިއަންޓަކީ ސަސްޕެންޑްކޮށްފައިވާ ކްލަބެއް ކަމަށާއި ފޯކައިދޫ ފުޓްބޯޅަ ކްލަބާއި ކްލަބް ރޮކް ސްޓްރީޓް އަކީ މެމްބަޝިޕް ލިބިފައިނުވާ ދެ ކްލަބެއް ކަމަށެވެ. އަދި އިތުރު ހަތަރު ކްލަބަކުން ސޮއި އަނބުރާ ގެންގޮސްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެހެންވެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށްޓަކައި އެދި ހުށަހަޅަން ޖެހޭ ގާނޫނީ އަދަދު ހަމަނުވާ ކަމަށާއި ކްލަބްތަކުން ހުށަހަޅާފައިވާ ސިޓީތަކާއި ވިކްޓްރީ ސްޕޯޓްސް ކްލަބުން ހުށަހަޅާފައިވާ ސިޓީ ފީފާއާ ހިއްސާކޮށްފައިވާ ކަމަށް އެފްއޭއެމުން ބުނެ އެވެ.
އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުގައި ވޯޓްލެވޭ ކްލަބްތަކުގެ 50 ޕަސެންޓަށް ވުރެ ގިނަ ކްލަބްތަކުން ލިޔުމަކުން ހުށަހަޅައިފި ނަމަ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް 14 ދުވަހުގެ ތެރޭ ބާއްވަން ޖެހެ އެވެ. އެ އަދަދަކީ 13 ކްލަބެވެ.
އެފްއޭއެމުން އަދަދާ މެދު ސުވާލު އުފައްދާފައި މިވަނީ، އެ ލިޔުން ހުށަހެޅިތާ ހަތް ދުވަސް ފަހުންނެވެ. އަދި އޯޑިނަރީ ކޮންގްރެސްއެއް އޮތުމުން ފީފާ އިން ލަފާދީފައިވަނީ މިވަގުތު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ނުބާއްވަން ކަމަށްވާތީ ވިކްޓްރީން އެދުނު ގޮތަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވެން ނެތް ކަމަށް ހުކުރު ދުވަހު ބުނެފައިވަނިކޮށެވެ. ސަބަބަކީ އޯޑިނަރީ ކޮންގްރެސްގައި ކްލަބްތަކަށް ހިޔާލުފާޅުކުރުމުގެ ފުރުސަތު އޮތުމެވެ.
އެކަމަލު އޯޑިނަރީ ކޮންގްރެސްގައި ކަންކަން އެޖެންޑާ ކުރުމުގެ ބާރު އޮންނަނީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ އަށެވެ. ވިކްޓްރީން އެދިފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެ ކޮމިޓީގެ މެމްބަރުން މަގާމުން ދުރުކުރުމަށްވާއިރު، އެ ކޮމިޓީން އެފަދަ ކަމެއް އެޖެންޑާކޮށްފާނެ ކަމާމެދު ސުވާލު އުފެދެ އެވެ. އޭގެ ބަދަލުގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި، އެ ކޮންގްރެސް ބާއްވަން އެދޭ ކްލަބަކުން ހުށަހަޅާ ކަންތައްތައް އެޖެންޑާކުރަން މަޖުބޫރުވާނެ އެވެ.