25 އޯގަސްޓް 2016 - 14:11

ހަތް ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު ބަންގްލަދޭޝްގައި ފަށަން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ނިންމައިފި އެވެ.
އަންނަ އަހަރުގެ މުބާރާތް ބޭއްވުމުގެ ފުރުސަތު މި އަހަރުގެ ކުރީކޮޅު ބަންގްލަދޭޝް އަށް ދޭން ނިންމާފައިވާއިރު މުބާރާތް ބާއްވާނެ ތާރީހު ފައިނަލްކުރީ ސްރީ ލަންކާގެ ނިގަމްބޯގައި މިއަދު ބޭއްވި ސާފްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް އޮންނާނީ އަންނަ އަހަރުގެ ޑިސެމްބަރު 25 އިން ޖެނުއަރީ 5 އަށެވެ.
މީގެ އިތުރުން ސާފްގެ އެގްޒެކެޓިވް ކޮމިޓީން ވަނީ ކްލަބް ޗެމްޕިއަންޝިޕް އަންނަ އަހަރު ފަށަން ނިންމައިފަ އެވެ. މި މުބާރާތް ބާއްވަން މީގެ ފަސް އަހަރު ކުރިން ފެށިގެން މަސައްކަތްކުރަމުން އައި ނަމަވެސް މިހާތަނަށް ބޭއްވިފައެއް ނުވެ އެވެ.
މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި ސާފްގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި އެފްއޭއެމްގެ ނައިބް ރައީސް އަލީ އުމަރެވެ. ތޯރިގާއި އަލީ އުމަރަކީ، ސާފް ޗެމްޕިއަންޝިޕުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ފޯވާޑުންގެ ތެރޭގައި ހިމެނޭ ކުރީގެ ދެ ކުޅުންތެރިންނެވެ.
އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ ސާފް ސުޒުކީ ކަޕުގެ ނަމުގައި މިދިޔަ އަހަރުގެ ޑިސެމްބަރު 23 އިން މި އަހަރުގެ ޖެނުއަރީ 3 އަށް އިންޑިއާގެ ޓްރިވެންޑްރަމުގަ އެވެ. މި މުބާރާތަކީ 1997 ވަނަ އަހަރުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.
މި މުބާރާތް ވަނީ މީގެ ކުރިން 2003 އަދި 2009 ވަނަ އަހަރު ބަންގްލަދޭޝްގައި ބާއްވައިފަ އެވެ. އޭގެ ތެރެއިން 2003 ގައި ދިވެހިރާއްޖެ ބަލިކޮށް ބަންގްލަދޭޝް ޗެމްޕިއަންކަން ހޯދިއިރު 2009 ގައި ރާއްޖެ ބަލިކޮށް ތަށި ހޯދީ އިންޑިއާ އެވެ.