އޯލް ސްޓާ ޓީމަކާއި ވަރުގަދަ ކްލަބެއް ރާއްޖެ ގެންނަނީ
އޯލް ސްޓާ ޓީމަކާއި ވަރުގަދަ ކްލަބެއް ރާއްޖެ ގެންނަނީ

ދުނިޔޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ހިމެނޭ އޯލް ސްޓާ ޓީމެއް މި އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ ގެންނަ ގޮތަށް އަދި އަންނަ އަހަރު ދުނިޔޭގެ ވަރުގަދަ ކްލަބެއް ގެންނަ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ މި ހަރަކާތުގައި މި އަހަރުގެ އޮކްޓޯބަރު މަހު އަންނަ ޓީމުން ރާއްޖޭގެ ކުރީގެ ކުޅުންތެރިންގެ ޓީމަކާ ދެކޮޅަށް މެޗެއް ކުޅޭނެ ކަމަށެވެ. އަންނަ އަހަރު ގެންނަ ކްލަބުން ކުޅޭނީ ގައުމީ ޓީމާ ދެކޮޅަށެވެ. އެ ޓީމު ވެގެންދާނީ އިނގިރޭސި ލީގު، ސްޕެއިން ލީގު ނުވަތަ އިޓާލިއަން ލީގުގެ ގަދަ ފަހެއްގައި ހިމެނޭނެ ޓީމަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރު ގެންނަ އޯލް ސްޓާ ޓީމުގައި އިޓަލީ، އިންގްލެންޑް، ސްޕެއިން އަދި ދެކުނު އެމެރިކާ ބައްރުގެ ކުޅުންތެރިން ހިމަނަން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ ޓީމުގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ ކުޅުންތެރިން ވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިޓަލީއާ އެކު 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިންގެ ޓީމެއް 1997 ވަނަ އަހަރު ރާއްޖެ އައިސް ގައުމީ ޓީމާ މެޗެއް ކުޅުނެވެ. ޖަރުމަނުގެ ހާތާ ބާލިން އިން 2002 ގައި ގައުމީ ޓީމާ އެކު މެޗުތަކެއް ކުޅެފައިވާއިރު، ފްރާންސްގެ ކުރީގެ ކުޅުންތެރިންގެ ޓީމެއް 2005 ވަނަ އަހަރު ރާއްޖެ އައިސްފައިވެ އެވެ.

"އެއަށް ވުރެ މާ ފުރިހަމަކޮށް މާ ވަރުގަދަކޮށް ދިވެހިންގެ ތެރޭގައި މަގުބޫލު ކުޅުންތެރިން ހިމެނޭ ކުރީގެ ތަރިންގެ ޓީމެއް އޮކްޓޯބަރު މަހު، އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ދުވަސް ސެލެބްރޭޓްކުރުމުގެ ތެރޭގައި އިވެންޓެއްގެ ގޮތުގައި ގެނައުމަށް ވަނީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިއީ ދިވެހިރާއްޖޭގައި މިފަހަކަށް އައިސް ބޭއްވޭނެ އެންމެ ވަރުގަދަ މެޗަށް ވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެޅިގެން މިދިޔަ ބިންގަލަކީ ދިވެހިރާއްޖޭގެ މާކެޓްކުރުމަށާއި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓް ޑައިވާސިފައިކުރުމަށް ލިބިގެންދިޔަ ފެހި ސިގްނަލްތަކެއް ކަމަށެވެ.

"މިކަންކަމުން ރައީސް ކަނޑައަޅުއްވާފައިވާ ޓާގެޓް އެއީ މި އަހަރު 1.5 މިލިއަން (ޓޫރިސްޓުން ގެނައުން އަދި) ފަސް އަހަރުގެ ތެރޭގައި 2.5 މިލިއަންގެ ޓާގެޓަށް ވާސިލްވެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.