އިންޓަ ކޮންޓިނެންޓަލް ކަޕުން ރާއްޖޭގެ ޖޫނިއާ ޓީމަށް ފުރުސަތު ލިބިއްޖެ!
އިންޓަ ކޮންޓިނެންޓަލް ކަޕުން ރާއްޖޭގެ ޖޫނިއާ ޓީމަށް ފުރުސަތު ލިބިއްޖެ!

ޔޫރަޕުގެ މަޝްހޫރު އެތައް ކްލަބެއް ބައިވެރިވާ 13 އަހަރުން ދަށުގެ އިންޓަކޮންޓިނެންޓަލް ފުޓްބޯޅަ މުބާރާތުގައި އަންނަ އަހަރު ރާއްޖޭގެ 13 އަހަރުން ދަށުގެ ގައުމީ ޓީމު ބައިވެރިކުރުމުގެ ފުރުސަތު ލިބިއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އިންޓަ ކޮންޓިނެންޓަލް ކަޕުން ރާއްޖޭގެ ޖޫނިއާ ޓީމަށް ފުރުސަތު ލިބިއްޖެ!
އިންޓަ ކޮންޓިނެންޓަލް ކަޕުން ރާއްޖޭގެ ޖޫނިއާ ޓީމަށް ފުރުސަތު ލިބިއްޖެ!

ރާއްޖޭގެ "ވިޒިޓް މޯލްޑިވްސް" އިން ޕްލެޓިނަމް ސްޕޮންސަރުކަން މި އަހަރު ނެގި އެ މުބާރާތް ބައްލަވާލެއްވުމަށް ދުބައީ އަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރި ވަޑައިގެން މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މުސްތަގުބަލުގައި އެ މުބާރާތް ބޭއްވުމުގެ ފުރުސަތު ވެސް ރާއްޖެ އަށް ލިބިފައިވާ ކަމަށެވެ.

ސްޕެއިނުގެ ރެއާލް މެޑްރިޑާއި ބާސެލޯނާ އާއި އިންގްލެންޑުގެ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގެ ޔުވެންޓަސްގެ އިތުރުން ދުނިޔޭގެ މަޝްހޫރު ވަރަށް ގިނަ ފުޓްބޯޅަ އެކަޑަމީތަކުގެ ޓީމުތައް ބައިވެރިވާ މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ވެގެންދާނީ ރާއްޖޭގެ ޖޫނިއާ ފުޓްބޯޅަ ޓީމަކަށް މިހާތަނަށް ލިބޭނެ އެންމެ ބޮޑު ފުރުސަތަށެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓުން 2013 ވަނަ އަހަރު ތާރީގީ ކާމިޔާބީތަކެއް ހޯދިއިރު އެ ކްލަބުގެ ޗެއާމަންކަން ކުރެއްވި އަލީ ވަހީދު ވިދާޅުވީ "މިއީ ތާރީހުގައި އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުސަތެއް" ކަމަށެވެ

"މިއީ ދިވެހިރާއްޖެ އަށް ފަތުރުވެރިކަމުގެ ރޮނގުން ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން ދިވެހިރާއްޖޭގެ ޒުވާން ޖީލަށް ވެސް ލިބިގެންދާ ވަރަށް ބޮޑު އޮޕަޗިއުނިޓީއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

"ތަފާސް ހިސާބުތައް ދައްކާ ގޮތުން މިކަހަލަ މުބާރާތެއްގެ ތެރެއިން އެ އަންނަ ޓީމުތަކުގެ ތެރެއިން އެއް ކުޅުންތެރިޔަކު ދެ ކުޅުންތެރިއަކު އެއީ، އެ ޓީމެއްގެ ސީނިއާ ޓީމަށް، މާޒީގެ ތަޖުރިބާއަށް ބަލާއިރު ގޮސްފައި ހުރި ކުޅުންތެރިއެއް. އެކަހަލަ ޖެނެރޭޝަނެއްގެ ކުޅުންތެރިންނާ އެކު ދިވެހިރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ލިބިގެން ދިއުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޮޑު ކާމިޔާބެއް."

ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ވެސް ކުރެއްވި އަދި ސްކޫލް ދައުރުގައި މޮޅަށް ފުޓްބޯޅަ ކުޅުއްވި އަލީ ވަހީދު ވިދާޅުވީ މި ފަހަރު ދުބާއީގެ ސްޕޯޓްސް ސިޓީގެ ވަސީލަތްތައް ވެސް ތަޖުރިބާކުރެއްވި ކަމަށާއި ރާއްޖެ އަށް ޓޫރިޒަމަށް އިތުރު ފަރާތްތަކުގެ ލޯ އަމާޒުކުރުވުމަށްޓަކައި ރާއްޖެ އަށް އެފަދަ ވަސީލަތްތައް އަންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ މަންޒިލް އިތުރަށް އިޝްތިހާރުކޮށް ދުނިޔޭގެ ޗާޓުގައި ވަރުގަދަކުރުމަށްޓަކައި އަޅުގަނޑުމެންނަށް މި ދަތުރުން އޮޕަޗިއުނިޓީ ލިބިފައި އެބައޮތް މިކަހަލަ މުބާރާތެއް ދިވެހިރާއްޖޭގައި، ދިވެހިން ހޯސްޓްކުރުމުގެ ފުރުސަތު ލިބޭ ގޮތަށް،" އަލީ ވަހީދު ވިދާޅުވި އެވެ.

އެކަމަކު އެއީ އެ ވަސީލަތްތައް ވަކި މުއްދަތެއްގެ ތެރޭގައި ގާއިމްކުރެވިއްޖެ ނަމަ އެވެ. އަދި އެކަމުގައި ސަރުކާރުން ކުރަން ޖެހޭ ކަންކަން ކުރުމަށް ފަހު ތަފްސީލް ދެއްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ރާއްޖޭން މި ފަހަރުގެ މުބާރާތުގެ ޕްލެޓިނަމް ސްޕޮންސާކަން ނަގާފައިވަނީ 25،000 ޑޮލަރު (385،500ރ.) އަށެވެ. މުބާރާތް ކުޅޭ ދެ ޕިޗުގެ ތެރެއިން އެއް ޕިޗަށް ވަނީ "ވިޒިޓް މޯލްޑިވްސް" ނަން ދީފަ އެވެ.

ރާއްޖޭން އެ ފުރުސަތު ހޯދީ، ދާދި ފަހުން މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ ހާއްސަ މެހެމާނަކަށް ރާއްޖެ އައި، މި މުބާރާތުގެ ފައުންޑާ ކަމަށްވާ ރެއާލް މެޑްރިޑުގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯއާ އެކު އަލީ ވަހީދު މާލޭގައި ބޭއްވި ބައްދަލުކުރުންތަކަށް ފަހު އެވެ. މިނިސްޓަރު ވަނީ ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި ސްޕެއިނުގެ މަޝްހޫރު ޑިފެންޑަރަށް ޝުކުރުއަދާކުރައްވައިފަ އެވެ.

"ރާއްޖެއާ ދޭތެރޭ އޮތް ވަރަށް ގާތް ކަމަކުން ލިބުނު ފުރުސަތެއް މިއީ،" މިނިސްޓަރު ވިދާޅުވި އެވެ.