ވިކްޓްރީގެ ހުށަހެޅުމުގައި ސޮއިކުރި ކްލަބްތަކުގެ އަދަދާ މެދު ސުވާލުތަކެއް
ވިކްޓްރީގެ ހުށަހެޅުމުގައި ސޮއިކުރި ކްލަބްތަކުގެ އަދަދާ މެދު ސުވާލުތަކެއް

އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްޓަކައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައިދޭން އެދި ވިކްޓްރީ ސްޕޯޓްސް ކްލަބުން ހުށަހެޅި ސިޓީގައި 19 ކްލަބަކުން ސޮއިކޮށްފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގެއް ކަމަށާއި އޭގައި ސޮއިކޮށްފައިވަނީ 15 ކްލަބަކުން ކަމަށް އެފްއޭއެމުން މިއަދު ބުނެފި އެވެ.

އެކަމަކު ވިކްޓްރީގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު (ނާޝް) މިއަދު ވެސް ވިދާޅުވީ އޭގައި 19 ކްލަބަކުން ސޮއިކޮށްފައި އޮންނާނެ ކަމަށެވެ.

"އެއްވެސް ކްލަބަކުން ނަން ނެގި ކަމަށް ކަމަށް އަޅުގަނޑަށް އަންގާއެއް ނުވޭ،" ނާޝިދު ވިދާޅުވި އެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސޮއިކޮށްފައިވާ 15 ކްލަބުގެ ތެރެއިން ނިއު ރޭޑިއަންޓަކީ ސަސްޕެންޑްކޮށްފައިވާ ކްލަބެއް ކަމަށާއި ފޯކައިދޫ ފުޓްބޯޅަ ކްލަބާއި ކްލަބް ރޮކް ސްޓްރީޓް އަކީ މެމްބަޝިޕް ލިބިފައިނުވާ ދެ ކްލަބެއް ކަމަށެވެ. އަދި އިތުރު ހަތަރު ކްލަބަކުން ސޮއި އަނބުރާ ގެންގޮސްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

"އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލުކުރުމަށް ކަމަށް ބުނެ ވަކި ބައެއްގެ ލާބަ އާއި މަންފާއަށްޓަކައި ކުރެވޭ މިފަދަ ގާނޫނާއި ގަވާއިދާއި ހިލާފު އެންމެހައި މަސައްކަތްތަކުގައި ބައިވެރިނުވާނެ ކަމަށާއި މިފަދަ އެއްވެސް ކަމެއްގައި އެ ކްލަބްތަކުގެ ބައިވެރިވުން ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ހަތަރު ކްލަބަކުން ފޮނުވާފައިވާ ސިޓީތަކުން މި އެސޯސިއޭޝަނަށް ވަނީ އަންގައިފަ އެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންވެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށްޓަކައި އެދި ހުށަހަޅަން ޖެހޭ ގާނޫނީ އަދަދު ހަމަނުވާކަން ވެސް މި ފުރުސަތުގައި ފާހަގަކުރާ ކަމަށާއި ކްލަބްތަކުން ހުށަހަޅާފައިވާ ސިޓީތަކާއި ވިކްޓްރީ ސްޕޯޓްސް ކްލަބުން ހުށަހަޅާފައިވާ ސިޓީ ފީފާއާ ހިއްސާކޮށްފައިވާ ކަމަށް އެފްއޭއެމުން ބުނެ އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުގައި ވޯޓްލެވޭ ކްލަބްތަކުގެ 50 ޕަސެންޓަށް ވުރެ ގިނަ ކްލަބްތަކުން ލިޔުމަކުން ހުށަހަޅައިފި ނަމަ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް 14 ދުވަހުގެ ތެރޭ ބާއްވަން ޖެހެ އެވެ. އެ އަދަދަކީ 13 ކްލަބެވެ. ވިކްޓްރީގެ ސިޓީގައި ސޮއިކުރި 19 ކްލަބުގެ ތެރެއިން ނިއު، ފޯކައިދޫ އަދި ރޮކް ސްޓްރީޓްގެ ނަން (ހައިސިއްޔަތެއް ނެތުމުން) ވަގުތުން ވަގުތަށް އުނިކުރިޔަސް ގާނޫނީ އަދަދު ހަމަވާނެ އެވެ. އެކަމަކު އެފްއޭއެމުން ބުނެފައިވާ އަދަދު ކަމަށްވާ 15 ކްލަބުގެ ތެރެއިން އެ ތިން ކްލަބް އުނިކޮށްފި ނަމަ ގާނޫނީ އަދަދު ހަމަނުވާނެ އެވެ. އެހެންވެ މިހާރު ހަގީގީ އަދަދާ މެދު މިވަނީ ސުވާލުތަކެއް އުފެދިފަ އެވެ.

އެފްއޭއެމުން އަދަދާ މެދު ސުވާލު އުފައްދާފައި މިވަނީ، އެ ލިޔުން ހުށަހެޅިތާ ހަތް ދުވަސް ފަހުންނެވެ. އަދި އޯޑިނަރީ ކޮންގްރެސްއެއް އޮތުމުން ފީފާ އިން ލަފާދީފައިވަނީ މިވަގުތު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ނުބާއްވަން ކަމަށްވާތީ ވިކްޓްރީން އެދުނު ގޮތަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވެން ނެތް ކަމަށް ހުކުރު ދުވަހު ބުނެފައިވަނިކޮށެވެ. ސަބަބަކީ އޯޑިނަރީ ކޮންގްރެސްގައި ކްލަބްތަކަށް ހިޔާލުފާޅުކުރުމުގެ ފުރުސަތު އޮތުމެވެ.

އެކަމަލު އޯޑިނަރީ ކޮންގްރެސްގައި ކަންކަން އެޖެންޑާ ކުރުމުގެ ބާރު އޮންނަނީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ އަށެވެ. ވިކްޓްރީން އެދިފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެ ކޮމިޓީގެ މެމްބަރުން މަގާމުން ދުރުކުރުމަށްވާއިރު، އެ ކޮމިޓީން އެފަދަ ކަމެއް އެޖެންޑާކޮށްފާނެ ކަމާމެދު ސުވާލު އުފެދެ އެވެ. އޭގެ ބަދަލުގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި، އެ ކޮންގްރެސް ބާއްވަން އެދޭ ކްލަބަކުން ހުށަހަޅާ ކަންތައްތައް އެޖެންޑާކުރަން މަޖުބޫރުވާނެ އެވެ.

އެފްއޭއެމުން އިތުރަށް ބުނީ ވިކްޓްރީ ފަދަ ފުޓްބޯޅައިގެ މުއްސަނދި ތާރީހެއް އޮތް އަދި ފުޓްބޯޅަ އަށް ނުހަނު އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ އަދި ކޮށްދެމުންދާ ދިވެހިރާއްޖޭގެ އެންމެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅޭ ކްލަބެއްގެ ފަރާތުން މިފަދަ ޒިންމާދާރު ކުޑަގޮތަކަށް ހަގީގަތާއި ހިލާފު ވާހަކަތައް މީޑިއާގައި ފަތުރަމުންދާތީވެ އެކަމާ މެދު އެ އެސޯސިއޭޝަނުން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.

އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވިކްޓްރީން ހުށަހެޅީ އެ ކްލަބް ފަދައިން ފުޓްބޯޅައިގެ މުއްސަނދި ތާރީހެއް އޮތް ކްލަބެއް ކަމަށްވާ ނިއު ރޭޑިއަންޓުން އެ މައްސަލަ ހުށަހަޅަން އުޅުމުން އެކަން ވިޔަނުދޭން އެފްއޭއެމުން އެ ކްލަބް ސަސްޕެންޑްކުރުމުން ކަމަށް ވިކްޓްރީން ބުނެފައިވެ އެވެ.

އެފްއޭއެމުން ނިއު ސަސްޕެންޑްކުރީ، އެ ކްލަބުން ކުޅުންތެރިންނަށް މުސާރަ ނުދީ އޮތުމުން ކަމަށް ބުނެ އެވެ. އެކަމަކު ނިއު އިން ދެކޭ ގޮތުގައި އެއީ އެ ކްލަބުން އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ނަގަން އުޅުމުން އެޅި ޒާތީ ފިޔަވަޅެކެވެ. ސަބަބަކީ ރާއްޖޭގެ ގިނަ ކްލަބްތަކެއްގައި މުސާރަ ނުދިނުމުގެ މައްސަލަ އޮއްވާ ހަމައެކަނި ނިއު އަށް އަދަބު ދިނުމެވެ.