ސަންޖޭ ކަޕޫރްގެ ދަރިފުޅު ޝަނާޔާ އެސިސްޓެންޓް ޑައިރެކްޓަރަކަށް
ސަންޖޭ ކަޕޫރްގެ ދަރިފުޅު ޝަނާޔާ އެސިސްޓެންޓް ޑައިރެކްޓަރަކަށް

އާއިލާގެ ގިނަ މީހުންގެ ޝައުގުވެރިކަން އެކްޓް ކުރުމަށް އޮތަސް، ސަންޖޭ ކަޕޫރްގެ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރް މުޅިން އެހެން ދިމާއަކަށް މިސްރާބު ޖަހައިފި އެވެ.

ބައްޕަ ސަންޖޭ އާއި ބޮޑުބޭބެ އަނިލް ކަޕޫރާއި އަރުޖުން ކަޕޫރާއި ސޯނަމް ކަޕޫރާއި ޖާންވީ ކަޕޫރާއި އަދި މިހާރު މިހާރު ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ ހުޝީ ކަޕޫރާ ހިލާފަށް ޝަނާޔާ މިސްރާބު ޖެހީ ކެމެރާގެ ފަހަތަށެވެ. އޭނާ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމުގެ ޝޫޓިން ވެސް މިހާރު ވަނީ ލަކްނޫގައި ފަށައިފަ އެވެ. އެކަމަކު އެއީ ކޮން ފިލްމެއް ކަމެއް ނޭނގެ އެވެ.

ޝަނާޔާގެ މަންމަ މަހީޕް ކަޕޫރް ދަރިފުޅު ބައްޕަޔާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރަމުން ބުނީ ދެ ހަފުތާ އަށް ޝަނާޔާ ލަކްނޫ އަށް ގޮސްފައިވާ ކަމަށާއި މިހާރު ވެސް އޭނާ މިސްވާން ފަށައިފި ކަމަށެވެ. އޭގައި މަހީޕް ބުނީ ޝަޔާނާ މަސައްކަތް ކުރާނީ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި ކަމަށާއި ދަރިފުޅާ މެދު ފަހުރުވެރިވާ ކަމަށެވެ.

އަދި ސަންޖޭ ވެސް ޝަނާޔާއާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު އިންސްޓަގްރާމްގައި ބުނީ "ދަރިފުޅު އާ ދަތުރުގެ ކާމިޔާބީ އަށް އެދޭ" ކަމަށެށެވެ.

އުމުރުން މިހާރު 19 އަހަރުގެ ޝަނާޔާ ބޮލީވުޑްގެ ދަތުރު ފަށައި ގަންނަނީ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި ކަމަށް ވިޔަސް، ބަތަލާއެއްގެ ގޮތުގައި އޭނާ ނުފެންނާނެ ކަމަށް ގަބޫލުކުރެވޭކަށް ނެތެވެ. ސަބަބަކީ ސޯނަމް އާއި އަރުޖުން ވެސް ފިލްމު ކުޅެން ފެށުމުގެ ކުރިން މަޝްހޫރު ބައެއް ޑައިރެކްޓަރުންނާ އެކު އެސިސްޓަންޓް ޑައިރެކްޓަރުންގެ ގޮތުގައި މަސައްކަތްކޮށްފައިވާތީ އެވެ.

ފިލްމު "ސާވަރިޔާ" އިން 2007 ގައި ބޮލީވުޑަށް ނުކުތުމުގެ ކުރިން ސޯނަމް ވަނީ ސަންޖޭ ލީލާ ބަންސާލީގެ 2005 ގެ ފިލްމު "ބްލެކް" ގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އަރުޖުން ވަނީ ނިކިލް އަދްވާނީއާ އެކު 2007 ގެ "ސަލާމޭ އިޝްގް" އާއި 2003 ގެ "ކަލް ހޯ ނަ ހޯ" ފަދަ ފިލްމުތަކުގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުންގެ ދަރިންނަކީ ފިލްމު ކުޅެން ފެށުމުގެ ކުރިން އެސިސްޓަންޓަންޓް ޑައިރެކްޓަރުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހުންނެވެ. މި ލިސްޓްގައި ރިތިކް ރޯޝަން، އިމްރާން ހާން، ރަންބީރު ކަޕޫރް، ވަރުން ދަވަން އަދި ސިދާތު މަލްއުތުރާ ފަދަ އެކްޓަރުން ހިމެނެ އެވެ.

ޝަނާޔާގެ އިތުރުން ސަންޖޭ އާއި ފިލްމީ މަސައްކަތްތަކާ ދުރުގައި އުޅޭ މަހީޕްގެ ދެން ހުންނަނީ ޖަހާން ކަޕޫރް ކިޔާ ފިރިހެން ކުއްޖެކެވެ. އޭނާ އަށް މިހާރު 14 އަހަރެވެ