ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓްގެ ވެރިޔަކަށް ބޭފުޅަކު އައްޔަންކޮށްފި
ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓްގެ ވެރިޔަކަށް ބޭފުޅަކު އައްޔަންކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އިސްވެރިޔާގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

އެމްއެމްއޭ އިން ނެރުނު ބަޔާނުގައި ބުނީ އެ މަގާމަށް ހަމަޖެއްސީ އިބްރާހިމް އަހުމަދު ނާސިރު ކަމަށެވެ. އޭނާ އަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރެއްވުމުގެ އިތުރުން އެ ދެ ކުންފުނީގެ ސީއީއޯކަން ވެސް ތިން އަހަރު ވަންދެން ކުރެއްވި ބޭފުޅެކެވެ. އަދި އެމްއެމްއޭގެ ކްރެޑިޓް ގެރެންޓީ ޔުނިޓްގެ ހެޑްކަމާއި އެޗްއެސްބީސީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރުކަން ކުރެއްވުމުގެ އިތުރުން ފުލުހުންގެ ޚިދުމަތުގައި 11 އަހަރު އޭނާ ހޭދަ ކުރެއްވި އެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގެ އެތެރޭގައި އުފައްދާފައ އޮންނަ ޔުނިޓެކެވެ. މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާއި އެ ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ މައުލޫމާތު ހޯދައި، އެހެން ފަރާތްތަކަށް ފޯރުކޮށްދޭ ގައުމީ މައި އިދާރާއަކީ އެފްއައިޔޫ އެވެ.

އެ ޔުނިޓްގެ އިސްވެރިޔާ ކަމަށް ބޭފުޅުން އައްޔަން ކުރާނީ ގަވަރުނަރެވެ. ކުރިން އެ މަގާމުގައި ހުންނެވީ އާތިފް ޝަކޫރެވެ. އޭނާ 2015 ގައި ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.