17 ފެބުރުއަރީ 2019 - 14:04

ޑާކާ (ފެބްރުއަަރީ 17) - ބަންގްލަދޭޝްގެ 100 އަށް ވުރެ ގިނަ ޑްރަގު ޑީލަރުން އަމިއްލަ އަށް އަމާން ދީފި އެވެ.
އެ މީހުން އަމާން ދީފައި ވަނީ އަދަބަށް ލުއި ހޯދުމަށެވެ. އަދި އަލުން އާދައިގެ ދިރިއުޅުމަކަށް ދިއުމަށެވެ. ޑްރަގު ލީޑަރުންނާ ދެކޮޅަށް ބަންގްލަދޭޝް އިން ވެސް ވަނީ ފިލިޕީންސް-ސްޓައިލްގެ އޮޕަރޭޝަނެއް ފަށައިފަ އެވެ. ޑްރަގާ ދެކޮޅު ކެމްޕޭން ބަންގްލަދޭޝް އިން ފެށީ މިދިޔަ އަހަރު އެވެ.
ބަނދަރުމަތީގެ ރަށެއް ކަމަށްވާ ކޮކްސް ބާޒާރުގައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާންގެ ކުރިފުޅުމަތީ އަމާން ދިން ބައެއް މީހުން ވަނީ އެ މީހުންގެ ދިރިއުޅުމުގައި ނުބައި މަގަކުން ހިނގި ކަމަށް އެއްބަސްވެފަ އެވެ.
ބަންގްލަދޭޝްގެ ނާކޮޓިކްސް ކޮންޓްރޯލް ޑިޕާޓްމަންޓުން ބުނި ގޮތުގައި 165 މިލިއަން މީހުންގެ އާބާދީއެއް އޮތް ގައުމުގެ ހަތް މިލިއަން މީހުން ޑްރަގު ބޭނުން ކުރެ އެވެ.
ބޮޑު ވަޒީރު ޝެއިޚް ހަސީނާ މިދިޔަ އަހަރުގެ މެއި މަހު ވަނީ ޑްރަގާ ދެކޮޅަށް ޒީރޯ-ޓޮލަރެންސް ސިޔާސަތެއް އިއުލާން ކުރައްވައިފަ އެވެ.
ހޯމް މިނިސްޓަރު ޚާން ވިދާޅުވީ އަމިއްލަ އަށް އަމާންދޭ ޑްރަގު ޑީލަރުންނަށް ދެ ވަނަ ފުރުސަތު ދޭނެ ކަމަށެވެ. ބަންގްލަދޭޝް ފުލުހުންގެ އިންސްޕެކްޓާ ޖެނެރަލް ޖާވިދު ޕަޓްވަރީ ވިދާޅުވީ އަމިއްލަ އަށް އަމާން ދިން ޑްރަގު ޑީލަރުން އާދައިގެ ދިރިއުޅުމަކަށް ދިއުމަށް ފުލުހުން އެހީތެރިވާނެ ކަމަށެވެ.
ޑްރަގާ ދެކޮޅަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ 2016 ވަނަ އަހަރު ފެއްޓެވި ކެމްޕޭނުގައި ވަނީ ޑްރަގު ޑީލަރުން އަމާން ނުދީފި ނަމަ ބަޑިޖަހާ މެރުމަށް ފުލުހުންނަށް އަމަރު ކުރައްވައިފަ އެވެ.