17 ފެބުރުއަރީ 2019 - 12:01

މެޑްރިޑް (ފެބްރުއަރީ 17) – ރެއާލް މެޑްރިޑުން އޭނާ އަށް އެކަށީގެންވާ ވަގުތު ނުދިންކަމުގެ ހިތާމަކުރާކަމަށް އެ ޓީމުގެ ކޯޗުކަމުން މި ސީޒަނުގެ ކުރީކޮޅު ވަކިކުރި ހުލެން ލޮޕެޓީގް ބުނެފި އެވެ.
ލޮޕެޓީގް ވިދާލީ ސްޕެއިން ގައުމީ ޓީމުގައި ނެރުނު ރަނގަޅު ނަތީޖާތަކުންނެވެ. ވޯލްޑް ކަޕުގައި ވެސް ބޮޑު ކާމިޔާބެއް ހޯދާނެ ކަމަށް ބެލެވިފައިވަނިކޮށް މައްސަލަ ދިމާވީ މުބާރާތް ފެށެން ގާތްވެފައިވަނިކޮށް، ކުރިއަށް އޮތް ސީޒަނުގައި ރެއާލް މެޑްރިޑާ ހަވާލުވާން ސޮއިކުރުމުންނެވެ. އެ ހިސާބުން ސްޕެއިނުން އޭނާ ވަކިކުރީ އެވެ. އެންމެ ފަހުން ރެއާލް މެޑްރިޑާ ހަވާލުވެ އެ ޓީމުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނުނެރެވި، އެއްވެސް ދިމާލަކުން މޮޅެއް ނުލިބުނީ އެވެ.
ސްޕެނިޝް ލީގުގައި ބާސެލޯނާ އަތުން 5-1 އިން ބަލިވެ، 10 މެޗަށް ފަހު ތާވަލުގެ ނުވަ ވަނަ އަށް ވެއްޓުމުން މަގާމް ގެއްލުނު ލޮޕެޓީގް އެކަމަކު ބުނަނީ އޭނާ އަށް އެކަށީގެންވާ ވަގުތު އެ ކްލަބުން ނުދިން ކަމަށެވެ.
"އަހަރެންގެ އަތުގައި ވަގުތެއް ނެތް. އެއީ އަހަންނަށް އެކަން އެންމެ ސާފުކޮށް ކިޔައިދެވޭނެ ގޮތަކީ. އަހަރެމެންގެ ފެށުން ރަނގަޅުވި. ޓީމުން ރަނގަޅަށް ކުޅެމުން އައީ. އެކަމަކު ވަރަށް ގޯސް ތިން ހަފުތާއެއް އައީ،" ލޮޕެޓީގް ބުންޏެވެ.
އޭނާ ބުނީ އެ މައްސަލަތައް ހައްލުކުރަން ވަގުތު ލިބޭނެ ނަމައޭ އުއްމީދުކުރެވިދާނެ ކަމަށާއި ސަބަބަކީ މުޅި ސީޒަނުގެ މަސައްކަތުން ދަށްކޮށް ދިޔަ ހަފުތާތަކުގެ ނަތީޖާތައް ބެލެންސްކުރުމުގެ ފުރުސަތު އޮތުން ކަމަށެވެ.
"އަހަރެމެންނަށް ޔަގީންކޮށް އޮތް ގޯސް ދުވަސްތައް ވޭތުވެގެން ދާނެކަމުގެ،" ލޮޕެޓީގް ބުންޏެވެ. "އާ ކޯޗު ސެންޓިއާގޯ ސޮލާރީ އަށް އަހަރެންގެ ފުރިހަމަ އިހުތިރާމް އެބައޮތް. އަހަރެމެން ރެއާލް މެޑްރިޑާ މެދު ދުވަހަކު ވެސް ގޯސް އެއްޗެއް ނުބުނާނަން. އެ ކްލަބަށް ކޯޗުކުރެވުމަކީ ކޮންމެ ކޯޗަކަށް ވެސް ލިބޭނެ ތަޖުރިބާއެއް. އަހަރެން އުއްމީދުކުރިން އިތުރު ވަގުތު ލިބޭނެ ކަމަށް."