25 އޯގަސްޓް 2016 - 14:16

ރޯމް (އޮގަސްޓް 25) - އިޓަލީގެ މެދުތެރޭގެ ހިސާބުތަކަށް 6.2 ގެ ބާރުމިނުގައި އިއްޔެ އައި ބިންހެލުމުގައި މަދުވެގެން 247 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު މެދުތެރޭގެ އެމަޓްރިސް އާއި އަކުމޮލީ އަދި ޕެސްކަރާ ޑެލް ޓްރޮންޓޯގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް އެތައް ހާސް ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ. މީހުން ސަލާމަތް ކުރުމުގައި އުޅޭ 4،300 މީހުން ދަނީ އިމާރާތްތަކުން ވެއްޓިފައިވާ ބައިތައް ނެގުމަށް ހެވީ މެޝިން ވެސް ބޭނުން ކުރަމުންނެވެ.

އިޓަލީގެ ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވީ ބިންހެލުމުގައި ގިނައިން މަރުވެފައި ވަނީ ކުޑަ ކުދިން ކަމަށެވެ. އަދި މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ބިންހެލުމުގައި ވަނީ އިޓަލީގެ ތާރީޚީ ޓައުނެއް ކަމަށްވާ އެމަޓްރިސްގެ ތާރީޚީ ބައެއް ތަންތަން ހަލާކުވެފަ އެވެ. އެ ޓައުނުގެ ރޯމާ ހޮޓަލުގެ އެއްޓިފައިވާ ބައިތަކުގެ ދަށުން މިއަދު ވަނީ ފަސް މީހުން ސަލާމަތްކޮށްފަ އެވެ. ބިންހެލުން އައި އިރު އެ ހޮޓަލުގައި 70 ޓޫރިސްޓުން ތިއްބެވެ. އެމަޓްރިސްގެ މޭޔަރު ވިދާޅުވީ އެ ޓައުނުގެ ތިންބައިކުޅަ އެއްބައި އިމާރާތް ހަލާކުވެފައިވާ ކަމަަށާއި އެއްވެސް އިމާރާތެއް ދިރިއުޅެން މިހާރު ރައްކާތެރި ނޫން ކަމަށެވެ.
ޕެސްކަރާ ޑެލް ޓްރޮންޓޯ އިން ރޭ ވަނީ ބިންހެލުން އައިތާ 17 ގަޑިއިރު ފަހުން އަންހެން ކުއްޖަކު ސަލާމަތްކޮށްފަ އެވެ. ޑެލް ޓްރޮންޓޯގެ ގާތްގަނޑަކަށް ހުރިހާ އިމާރާތެއް ބިމާ ހަމަވެފައިވާ ކަމަށް މޭޔަރު ވަނީ ވިދާޅުވެފަ އެވެ.
އިޓަލީ އަށް 2009 ވަނަ އަހަރު އައި ބިންހެލުމެއްގައި ވަނީ 309 މީހުން މަރުވެފަ އެވެ. އަދި 2012 ވަނަ އަހަރު އައި ބިންހެލުމުގައި ވަނީ 20 މީހުން މަރުވެފަ އެވެ.