17 ފެބުރުއަރީ 2019 - 11:19

މިދިޔަ އަންގާރަ ދުވަހު ދެ އަންހެނަކު ކަފިހިހުރަހަކުން މަގު ހުރަސް ކުރަނިކޮށް، އެ މީހުންގެ ގައިގައި ޖެހުނު ޓެކްސީ ޑްރައިވަރު ކަމަށް ބުނާ މީހާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކުރި އިރު ވެސް އޭނާ ހައްޔަރެއް ނުކުރެ އެވެ. އަދި އޭނާއާ ދޭތެރޭ ފިޔަވަޅެއް އެޅިކަން ނުވަތަ ނޫންކަން ވެސް ފުލުހުން ނުބުންޏެވެ.
އަންގާރަ ދުވަހުގެ އިރުއޮއްސުނު ވަގުތު މޫންލައިޓް ހިނގުމުގެ ކަފިހިހުރަހުން މަގު ހުރަސް ކުރަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ދެ އަންހެނުންގެ ގައިގައި ޖެހި ލިބުނު އަނިޔާތަކުގެ ސަބަބުން އޭގެ ތެރެއިން އެކަކު އަދިވެސް އޮތީ ވެންޓިލޭޓާގަ އެވެ. އަނެއް އަންހެން މީހާގެ ފައި ދުޅަވެ ކުދިކުދި އަނިޔާތައް ވަނީ ލިބިފަ އެވެ.
އެ އެކްސިޑެންޓުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ފުލުހުން ވަނީ އާންމުކޮށް އިއުލާން ވެސް ކޮށްފަ އެވެ. އޭގައި ބުނެފައިވާ ގޮތުން އެކްސިޑެންޓްގެ މަންޒަރު ފެނުނު މީހަކު ވިއްޔާ އެކަން ފުލުހުންނާ ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ. އެ ޓެކްސީ ދުއްވި ޑްރައިވަރު ކަމަށް ބުނާ މީހާގެ ފޮޓޯ އާއި އޭނާ ދުއްވި ޓެކްސީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކޮށް ގިނަ ބަޔަކު އަންނަނީ އޭނާއާ ދޭތެރޭ ފިޔަވަޅު އަޅަން ގޮވާލަމުންނެވެ.
ފޮޓޯތަކާއި މައުލޫމާތު އާންމުކުރި އިރު، ޑްރައިވަރާ ދޭތެރޭ އެޅި ފިޔަވަޅަކާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލާ ތަކުރާރުކޮށް ސުވާލު ކުރުމުން އޭނާ ވަކި ޖަވާބެއް ނުދެއްވި އެވެ.
އެ އެކްސިޑެންޓްގައި އަނިޔާވެ، އައިސީޔޫގައި ފަރުވާ ހޯދަމުން އަންނަ 46 އަހަރުގެ އަންހެން މީހާއަކީ 18 މަހުގެ ކުއްޖެއްގެ މަންމަ އެކެވެ. އޭނާގެ ހާލަތު ވަރަށް ސީރިއަސް ކަމަށް އޭޑީކޭއިން ބުނެ އެވެ.
ކަފިހުރަހުން މީހަކު ހުރަސް ކުރަން އުޅޭ ނަމަ ހުރިހާ އުޅަނދެއް ވެސް މަޑުކޮށް ހިނގާ މީހާއަށް ތަންދޭން ޖެހެ އެވެ. އެކަމަކު ބަައެއް ވެހިކަލް ދުއްވާ ޑްރައިވަރުން އެކަންކަމަށް ސަމާލުކަމެއް ނުދެ އެވެ.