18 ފެބުރުއަރީ 2019 - 07:31

އައިފޯނުތައް ފަތްޖެހޭ ދުވަސް ކައިރިވެއްޖެ އެވެ. މަސްރަހުގައި ވާހަކަތައް ހުރި ގޮތަށް ބަލާއިރު، ފަތްޖެހޭ އައިފޯނެއް އުފެއްދުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއް، އެޕަލް ވަނީ ވެފަ އެވެ. ޑިޒައިން މަރުހަލާއިން ފެށިގެން ހާޑްވެއާ އަދި ސޮފްޓްވެއާ ވެސް ވަނީ ކަނޑައަޅައިފަ އެވެ.
ސްމާޓްފޯން މާކެޓްގައި މިހާރު އެންމެ ގަދަ އަޑަކީ ފަތްޖެހޭ ފޯނުތަކުގެ ވާހަކަ އެވެ. މި ޒާތުގެ ފޯނެއް އުފެއްދުމަށްޓަކައި ކިޔޫގައި ތިބި ކުންފުނިތަކަށް ބަލާއިރު، މޮޓޮރޯލާ، ޝޯމީ، ސެމްސަންގް، ވާވޭ، އެލްޖީ އަދި ލެނޮވޯ ވެސް ހިމެނެ އެވެ. ކޮންމެ ކުންފުންޏަކުން ވެސް ވާދަވެރިންނަށް ވުރެ ކުރި ހޯދަން ވަނީ ނިޔަތްގަނެފަ އެވެ.
ފަތްޖެހޭ ފޯނެއް އެންމެ ފުރަތަމަ ނެރޭނެ ބަޔަކަށް ވާވޭ ވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. ސެމްސަންގަކީ ވެސް މި ވައުދުގައި މަސައްކަތްކުރާ ކުންފުންޏެކެވެ. ޝޯމީ ވެސް ފުކެއް ދޫކުރާކަށް ބޭނުމެއް ނުވެ އެވެ. އެ ކުންފުނިން ބުނަނީ ފަތްޖެހޭ ފޯނެއް ނުއުފައްދައި ދޫނުކުރާނެ ކަމަށެވެ.
އެޕަލް އިން ވެސް ފަތްޖެހޭ ފޯނު ރޭހުގައި މިވަނީ ބައިވެރިވެފަ އެވެ. ނަމަވެސް، މިހާ ހިސާބުން ވެސް ބުނަން އެނގޭ އެއްޗަކީ، ފަތްޖެހޭ ފޯނު ރޭހުގައި ވެސް އެޕަލް ތަފާތުވާނެކަމެވެ. އެހެންކަމުން، ފަތްޖެހޭ އައިފޯނެއް މި އަހަރު ނުފެނުމަކީ ވެސް އެކަށީގެންވާ ކަމެވެ.
އެޕަލް ގެންގުޅޭ ވިސްނުމަށް ބަލާއިރު، ކަންތައްތަކަށް އަވަސްވެގަތުމަކީ އެ މީހުން ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ސްމާޓްފޯން މާކެޓްގައި ވަޔަލެސް ޗާޖަރުތައް ކިތަންމެ ގިނަ ނަމަވެސް، އެޕަލް އެންމެ ހިތްހަމަޖެހޭ ފެންވަރުގައި އަދި އެކަހަލަ ޗާޖަރެއް ނުއުފައްދަ އެވެ. ފަތްޖެހޭ ފޯނާ މެދު ވެސް ބެލެވެނީ މި ގޮތަށެވެ. އައިފޯނު ފަތްޖަހާލުމުން އޮންނާނެ ގޮތް އަދި ބޭނުންކުރާ މީހުންނަށް ކަމުދާނެ ގޮތަކަށް، އައިފޯނުތައް ފަތްޖަހަން އެޕަލް ބޭނުންވާނެ އެވެ.
ސްމާޓްފޯން ސިނާއަތަށް ތައާރުފުކުރާ ޓެކްނޮލޮޖީ، ފޯނުތަކުގައި ގާއިމުކުރުމަށްޓަކައި ހާޑްވެއާ ކުންފުނިތަކުން އަވަދިނެތި އުޅެ އެވެ. އެޕަލްއާ މެދު ވެލެވެނީ މި އުސޫލަކުން ނޫނެވެ. އައިފޯނުގައި އާ ޓެކްނޮލޮޖީ ގާއިމުކުރުމުގައި އެޕަލް އުޅެނީ ވަރަށް ފަހަތުގަ އެވެ. އަދި ބޭނުންކުރާ މީހުންނަށް ފަސޭހަތައް ފޯރުކޮށްދެނީ ވަރަށް ބަލައިގެން، ވަރަށް ލަސްލަހުންނެވެ.