18 ފެބުރުއަރީ 2019 - 07:34

އަނޫރާގް ބާސޫ މިހާރު ޑައިރެކްޓް ކުރަމުން އަންނަ ފިލްމުގެ ޝޫޓިން އަދިތިޔާ ރޯއި ކަޕޫރާއި ސާނިޔާ މަލްއުތުރާ ފަށައިފި އެވެ.
އަދި ނަން އިއުލާންކޮށްފައި ނުވާ މި އެންތޮލޮޖީ ފިލްމަކީ ޓީ ސީރީޒުން ޕްރޮޑިއުސްކޮށް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމެކެވެ. އާދީ އާއި ސާނިޔާ ފިލްމުގެ ޝޫޓިން ފެށުމަށް ފަހު، ސެޓުން ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ގެނެސް ދިން "ޖައްގާ ޖާސޫސް" އަށް ފަހު އަނޫރާގް ޑައިރެކްޓް ކުރާ ފިލްމުގެ ކާސްޓުންގެ ތެރޭގައި އަބީޝެކް ބައްޗަން، ފާތިމާ ސަނާ ޝެއިހް އަދި ރާޖްކުމާރް ރާއޯ ވެސް ހިމެނެ އެވެ.
އާދީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އެޕްރީލް މަހުގެ 19 ގައި ރިލީޒް ކުރާ ތާރީހީ ލޯބީގެ ފިލްމު "ކަލަންކް" އެވެ. ސާނިޔާގެ "ފޮޓޯގްރާފް" އަންނަ މަހުގެ 15 ގައި ސިނަމާތަކަށް އަންނާނެ އެވެ.
"އާޝިގީ" އާއި "ހަމާރީ އަދޫރީ ކަހާނީ" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު މޯހިތު ސޫރީގެ އައު ފިލްމަށް އަދިތިޔާ ރޯއި ކަޕޫރާއި ޑިޝާ ޕަޓްނީ ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކޮށްފައި ވަނިކޮށް، އެ ފިލްމަށް އިތުރު ކާސްޓުންތަކެއް ސޮއިކޮށްފި އެވެ.
އަދި ނަން އިއުލާންކޮށް ނުވާ ފިލްމަށް މި ފަހަރު ސޮއި ކުރި ތަރިންނަކީ އަނިލް ކަޕޫރާއި ކުނާލް ކޭމޫ ހިމެނެ އެވެ.
ބޮލީވުޑްގެ ހަންގާމާ އިން ބުނި ގޮތުގައި މޯހިތުގެ މި ފިލްމަކީ ރިވެންޖް ތުރިލާއެކެވެ. އަދި ފިލްމުގެ ބޮޑު ބައި ޝޫޓް ކުރާނީ ގޯއާގައި ކަމަށްވެ އެވެ. މޯހިތު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ 2017 "ހާފް ގާލްފްރެންޑް" އެވެ.
އަނިލް މި ވަގުތު އަންނަނީ އިނގިރޭސިވިލާތުގެ ލީޑްސްގައި އަނީސް ބަޒްމީގެ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" ގެ މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރު "ގޯލްމާލް އެގެއިން" އިން ފެނިގެން ދިޔަ ކުނާލްގެ ކުރިއަށް އޮތް ފިލްމަކީ "ކަލަންކް" އެވެ.
މިދިޔަ މާޗް މަހުން ފެށިގެން އިނގިރޭސިވިލާތުގައި ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަ އިރުފާން ހާން މި ވަގުތު އިންޑިއާގައި ހުރި ނަމަވެސް، އެއްވެސް ފިލްމެއްގެ މަސައްކަތް އޭނާ ނުކުރާނެ ކަމަށާއި "ހިންދީ މީޑިއަމް" ގެ ދެވަނަ ބައި ވެސް އޭނާ ނުކުޅޭނެ ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނެފި އެވެ.
އިރްފާންގެ ގާތް މީހަކާ ހަވާލާދީ މީޑިއާތަކުން ބުނީ "ހިންދީ މީޑިއަމް 2" އޭނާ ނުކުޅޭނެ ކަމަށެވެ. އަދި ފަރުވާ އަށް މިހާރު ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބެމުން ދިޔަ ނަމަވެސް އަވަސް މުސްތަގުބަލެއްގެ ތެރޭގައި އިރްފާން ފިލްމީ މަސައްކަތަކަށް އެނބުރި ނާންނާނެ ކަަމަށް ވެސް ބުންޏެވެ.
ނަމަވެސް "ހިންދީ މީޑިއަމް" ގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަން ކުރިން ބުނެފައިވާ ގޮތުގައި އިރްފާނާ އެކީގައި ނޫނީ "ހިންދީ މީޑިއަމް 2" ނަހަދާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސަކެޓް ޗައުދަރީ ޑައިރެކްޓް ކުރި ފިލްމުގެ ދެވަނަ ޑައިރެކްޓް ކުރާނީ ހޯމީ އަދަޖާނިއާ އެވެ.
ބޮލީވުޑްގެ އެތައް ފިލްމަކަށް މަގުބޫލު އެތައް ލަވައެއް ކިޔައި ދީފައިވާ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ނީތީ މޯހަން ކައިވެނިކޮށްފި އެވެ.
އުމުރުން 39 އަހަރުގެ ނީތީ ކައިވެނީ ކުރީ ކުރީގެ މޮޑެލް ނިހާރް ޕާންޑިއާއާ އެވެ. އޭނާއަކީ ބަތަލާ ދީޕިކާ ޕަދްކޯންއާ ވެސް ކުރިން ލޯބީގެ ގުޅުމެއް ބޭއްވި މީހެކެވެ.
ނީތީ އާއި ނިހާރްގެ ކައިވެނީގެ ހަފުލާ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ރައްޓެހިންނާ އެކު ވަރަށް ކުލަ ގަދަކޮށް ބާއްވާފައިވެ އެވެ. އަދި މި ހަފުލާގައި މަޝްހޫރު ބައެއް މީހުން ވެސް ބައިވެރިވެފައިވެ އެވެ.
ކައިވެނީގެ ހަފުލާ އޮތީ ހައިދަރުއާބާދުގެ ތާޖް ފަލަކްނަމާ ޕެލަސްގަ އެވެ.
ކައިވެންޏަށް ފަހު މި މަހުގެ ފަހުކޮޅު މުމްބާއީގައި ބޮޑު ރިސެޕްޝަނެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
ނީތީއަކީ މަޝްހޫރު އަންހެން ދެ ނެށުންތެރިން ކަމަށްވާ ޝަކްތީ މޯހަން އާއި މުކްތީ މޯހަންގެ ދައްތަ އެވެ.