ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއް އިޝާން ހައްތަރު އަށް؟
ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއް އިޝާން ހައްތަރު އަށް؟

މިދިޔަ އަހަރު "ދަޅަކް" އިން މޮޅު އެކްޓިންއެއް ދެއްކި ޒުވާން އެކްޓަރު އިޝާން ހައްތަރު އަށް ސަންޖޭ ލީލާ ބަންސާލީގެ ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް އިޝާން އަށް ހުށަހެޅީ ބަންސާލީ ޑައިރެކްޓް ކުރާ ފިލްމެއްތޯ ނުވަތަ ޕްރޮޑިއުސް ކުރާ ފިލްމެއްތޯ މީޑިއާތަކުން ހާމައެއް ނުކުރެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރާ އެކު އިޝާން ކުޅުނު "ދަޅަކް" ގައި އިޝާން ދެއްކި އެކްޓިން ބަންސާލީ އަށް ވަރަށް ކަމުގޮސްފައިވެ އެވެ. އެހެންވެ އޭނާގެ ފިލްމަކުން އުންމީދީ އެކްޓަރަށް ފުރުސަތު ދޭން ނިންމީ އެވެ.

"ދަޅަކް" އަށް ފަހު އިޝާން ކުޅޭނެ ފިލްމެއް އަދި އިއުލާނެއް ނުކުރެ އެވެ. ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ޝަޝަންކް ކައިތާން ޑައިރެކްޓް ކުރި "ދަޅަކް" އަކީ އިޝާންގެ ދެވަނަ ފިލްމެވެ. އޭނާގެ ފުރަތަމަ ފިލްމަކީ އީރާނުގެ ޑައިރެކްޓަރު މާޖިދު މާޖިދީ މިދިޔަ އަހަރުގެ ކުރީކޮޅު ގެނެސް ދިން "ބިޔޯންޑް ދަ " އެވެ.

ބަންސާލީގެ ފިލްމެއް އިޝާން އަށް ހުށަހަޅާފއިވާ ކަމަށް ބުނާ އިރު، އޭނާ މިދިޔަ އަހަރު ގެނެސް ދިން "ޕަދުމާވަތު" ގައި އިޝާންގެ ބޭބެ ޝާހިދު ކަޕޫރް ވަނީ މުހިއްމު ރޯލެއް ކުޅެފަ އެވެ. އެކަމަކު އެ ފިލްމަށް ފަހު، ބަންސާލީ ދެން ހަދާނެ ފިލްމެއް އަދީ އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.

މީޑިއާތަކުން ބުނާ ގޮތުގައި ސަލްމާން ހާނާ އެކު "އިންޝާﷲ" ކިޔާ ފިލްމެއް ހަދަން ބަންސާލީ ތައްޔާރުވަމުން އަންނަ އިރު، އޭނާ ދެން ހަދާ ފިލްމުން ސަލްމާނާއި ޝާހްރުކް ހާން އެކީގައި ފެނިދާނެ އެވެ.

ގިނަ ބަޔަކު މިހާރު ތިބީ ބަންސާލީ ދެން ޑައިރެކްޓް ކުރާ ފިލްމު އިއުލާން ކުރާނެ އިރެއްގެ އިންތިޒާރީގަ އެވެ.