17 ފެބުރުއަރީ 2019 - 08:09

އެމްއެމްޕީއާރްސީގެ ފައިސާ ބޭނުން ކޮށްގެން އެސްއޯއެފް އިން ހިންގި ބޮޑު ހިޔާނާތުގެ ރިޕޯޓް އޭސީސީން މިދިއަ ހަފުތާގައި ނެރުނު އިރު އެނގުނު އެއް ކަމަކީ ގަވާއިދާ ހިލާފަށް ހިންގާ ޑޮލަރު މާރުކުރުމުގެ ވިޔަފާރީގެ ތެރޭގައި އެތައް ބަޔަކު ބެދިދާނެ ކަމެވެ. އެގޮތުން އެސްއޯއެފްއާ އެކު 60 އަށް ވުރެ ގިނަ ކުންފުނިން ޑޮލަރުގެ މުއާމަލާތް ހިންގާފައިވެ އެވެ.

އެއިން ކޮންމެ ކުންފުންޏަކުން ވެސް ބުނާނީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ. އެސްއޯއެފުން ބޭނުންކުރީ ހިޔާނާތުގެ ފައިސާކަން ނޭނގޭ ކަމަށެވެ. ޑޮލަރު ގަތުމަކީ މުދާ އިމްޕޯޓްކުރާ ކުންފުނިތަކުން އާންމުކޮށް ކުރާ ކަމެކެވެ. އެގޮތަށް ޑޮލަރު ހޯދާއިރު އެއީ ކިހިނެއް ލިބޭ ޑޮލަރެއްތޯ ނުވަތަ ޑޮލަރު ވިއްކާ ކުންފުންޏަކީ އެވަރުގެ ބޮޑު އަދަދެއް ވިއްކުމުގެ ގާބިލުކަން ހުރި ބައެއްތޯ ވެސް ބަލައެއް ނުލާނެ އެވެ.
ޑޮލަރުގެ ވިޔަފާރިއަކީ ރާއްޖޭގައި ބަލަނީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގަ އެވެ. ހަމައެކަނި ކުންފުނިތައް އެކަންޏެއް ވެސް ނޫނެވެ. މިސާލަކަށް އަމިއްލަ މީހުން ބޭރަށް ދާއިރު ވެސް އެކި ފަރާތްތަކުގެ އަތުން ޑޮލަރު ގަނެ އެވެ. އެހެންކަމުން ވިޔަފާރިވެރިންނަށް ވެސް އަދި އާންމު މީހާ އަށް ވެސް ޑޮލަރު ލިބެނިކޮށް އެ ނިމުނީ އެވެ.
އެކަމަކު 1.3 ބިލިއަން ރުފިޔާގެ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ އެކު އެތައް ބަޔަކަށް މިހާރު މި އޮތީ ފިކުރުކުރަން ޖެހިފަ އެވެ. އެސްއޯއެފުން ވިއްކި ޑޮލަރަކީ ހަލާލު އެއްޗެއް ނޫންކަން އެނގިފަ އެވެ. އެހެންކަމުން އެ ކުންފުނީގެ އަތުން ޑޮލަރު ގަތް ކޮންމެ ބަޔަކަށް ވެސް، އެއްގޮތަކުން ބަލަންޏާ އެ ތިބެވުނީ، ހިޔާނާތުގެ ފައިސާ އިން މުއާމަލާތްކުރެވިފަ އެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ވިދާޅުވީ ޑޮލަރުގެ މުއާމަލާތްތައް ގަވައިދާ ހިލާފަށް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ކުރަން ޖެހޭ މުއާމަލާތްތައް ފިޔަވާ ގައުމުގެ އެތެރޭގެ އެހެން ހުރިހާ މުއާމަލާތްތަކެއްގައި ވެސް ދިވެހި ރުފިޔާއަށް އިސްކަން ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މިހާރު މަރުކަޒީ ބޭންކް އެމްއެމްއޭގައި މަސައްކަތްކުރައްވަމުން އަންނަ އިނާޒު ގަބޫލުކުރައްވާ ގޮތުގައި ޑޮލަރުގެ މުއާމަލާތްތަކަށް އެހާ ފަސޭހައިން ހުއްދަ ވެސް ދެވިގެން ނުވާނެ އެވެ. އެގޮތުން ކަންމަތީ ފިހާރައިން ފެށިގެން ރިސޯޓުތަކުގައި ދިވެހި ރުފިޔާއިން މުއާމަލާތްކުރުމުގެ އުސޫލުތައް އެކުލަވައިލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ސީޝެލްސް ފަދަ ގައުމުތަކުން އިނާޒު މިސާލު ނެންގެވި އެވެ. އެގޮތުން ރާއްޖެ ފަދަ ކުޑަ އެގައުމައި ބޭރު ފައިސާއިން މުއާމަލާތްތަކެއް ނުހިންގޭނެ އެވެ.
"އެހެން ހެދުމުން މުޅި ގައުމުގެ މާލީ ދާއިރާ ރެގިއުލޭޓް ކުރަން ވެސް ފަސޭހަ ވެގެންދާނެ،" އިނާޒު ވިދާޅުވި އެވެ.
ގިނަ އަދަދަކަށް އާންމުންގެ އަތަށް ޑޮލަރު އަރާ ނަމަ ނުވަތަ ޑޮލަރުގެ މުއާމަލާތް ކުރުމުގެ ހުއްދަ ކޮންމެ ބަޔަކަށް ދެންޏާ ނާޖައިޒް ގޮތުގައި އޭގެ ބޭނުން ކުރުމުގެ ފުރުސަތު ބޮޑުވެ އެވެ.
އޭގެ އެންމެ ބޮޑު މިސާލު މިހާރު ފެންނަން މި އޮތީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގަ އެވެ. ޓޫރިޒަމް އިންވެސްޓްމަންޓަށް ރަށްރަށާއި ފަޅުތައް ގަންނަ މީހުން ޑޮލަރުން އެމްއެމްޕީއާރުސީއަށް ދެއްކި ފައިސާ، ގަވާއިދާ ހިލާފަށް އެސްއޯއެފްގެ އެކައުންޓްތަކަށް ލަނީ އެވެ. ދެން އެސްއޯއެފުން އެ ލާރި މާރުކޮށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭނުންވާ ގޮތަކަށް ހޭދަކުރަނީ އެވެ. އޭގެ ތެރޭގައި ސިޔާސީ މީހުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މީހުންނާއި ފުލުހުންނާއި ސިފައިންގެ ބައެއް މީހުންނަށް ރިޝްވަތު ދިނުން ހިމެނެ އެވެ.
ގައުމުގެ މުޅި ނިޒާމް ފުނޑާލި ހިޔާނާތުގައި ރާއްޖޭގެ ބައެއް ކުންފުނިތަކަށް މި އޮތީ ބައިވެރިވެވިފަ އެވެ. "ނޭނގުނިއްޔޭ" ކިޔާފައި މިކަން ހަމަޖައްސާލެވޭކަށް ނެތެވެ. އެއަށް ވުރެ މި މައްސަލަ ސީރިއަސް އެވެ.
ޑޮލަރުގެ މުއާމަލާތް ކުރެވެން ޖެހޭނީ ފުރިހަމަ ނިޒާމެއްގެ ތެރޭގަ އެވެ. މީގައި އެންމެ ބޮޑު ރޯލެއް އަދާކުރެވޭނީ މަރުކަޒީ ބޭންކަށެވެ. އެހެންކަމުން ސިޔާސީ ނުފޫޒުތަކުން ސަލާމަތްވާން ފުރަތަމަ ޖެހޭ ބަޔަކީ އެމްއެމްއޭ އެވެ.