ޑިޓިއުން ބޭންޑުން އަނެއްކާވެސް އެހެން ކަހަލަ ލަވައެއް
ޑިޓިއުން ބޭންޑުން އަނެއްކާވެސް އެހެން ކަހަލަ ލަވައެއް

"ވައި ސޯންގް" އާއި "ނަށާލަން" ފަދަ ލަވަތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޑިޓިއުން ބޭންޑުން އަނެއްކާ ވެސް މުޅިން ތަފާތު ވައްތަރެއްގެ ވީޑިއޯ ލަވައެއް ގެނެސް ދޭން ތައްޔާރުވެއްޖެ އެވެ.

"ސިން ސިޓީ"ގެ ކެރެކްޓާތަކާ އެއްގޮތަށް ބޭންޑްގެ މެމްބަރުން ފެނިގެންދާ ވީޑިއޯ ލަވަ ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ގަ އެވެ.

ލަވައިގެ ޓީޒާ އާއި މޭކިންގެ ބައެއް މަންޒަރުތަކާއި މި ލަވައާ ބެހޭ ގޮތުން ބޭންޑުގެ މެމްބަރުންނާއި ޗޮޕާޓްގެ ވާހަކަތައް މިހާރު ޑިޓިއުންގެ ރަސްމީ ފޭސްބުކް ޕޭޖުން ވެސް ބަލައި ލެވޭނެ އެވެ.

އެ ބޭންޑުން ބުނީ އަލަށް ނެރޭ ލަވައަކީ ބޭންޑަށް ދިމާވި ހަގީގީ ހާދިސާއެއްގެ މައްޗަށް އެކަމަކު ތަފާތު ގޮތަކަށް ހަދާފައިވާ ލަވައެއް ކަމަށެވެ. ލަވައިގެ ސްޓޯރީ ބޯޑް ރާވައި، ލަވައިގެ މަސައްކަތްކޮށްފައި ވަނީ ޗޮޕާޓުންނެވެ.

ބޭންޑްގެ މެމްބަރުން ބުނެފައިވާ ގޮތުން ލަވަ އަށް ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވެ އެވެ.

އެގޮތުން ކެރެކްޓާތަކުގެ ސިފަޔާއި ވީޑިއޯ އަށް ޗޮޕާޓުން ގިނަ މަސައްކަތްތަކެއްކޮށްފައިވެ އެވެ.

ލަވައިން ވަރަށް ތަފާތު މޭކަޕްތަކެއް ފެނިގެންދާ އިރު، މޭކަޕް ހަދާފައި ވަނީ މިހާރު އަރަމުން އަންނަ ޒުވާން މޭކަޕް އާޓިސްޓް ޖަސްޓިން އެވެ. އޭނާއަކީ ޔާރާ ޕްރޮޑަކްޝަންގެ ފިލްމް "ވިޝްކާ" ގެ ވެސް މޭކަޕް އާޓިސްޓެވެ.

އާންމުކޮށް ރިސޯޓްތަކުގައި މިއުޒިކް ކުޅޭ ޑި ޓިއުންގެ ލަވަތަކުގެ ތެރެއިން އާންމުންގެ ތެރޭގައި މި ފަހުން އެންމެ ބޮޑަަށް މަޝްހޫރުވެގެން ދިޔަ ލަވައަކީ "ނޫން ނޫން ނުދޭ" އެވެ.

އެ ލަވައަކީ މި އަހަރު މިހާތަނަށް އެޅުވި އެންމެ ކާމިޔާބު ފިލްމް "ވާށޭ މަށާއެކީ" ގައި ހިމެނޭ ލަވައެކެވެ.

ޑިޓިއުންއަކީ ފަސް މެމްބަރުން ހިމެނޭ ބޭންޑެކެވެ. ބޭންޑްގައި ހިމެނެނީ އެންމެ އަންހެން މެމްބަރެކެވެ. އެއީ ވޯކަލިސްޓް ފާތުމަތު ފެޒްލީން (ފެޒޫ) އެވެ.

މިއުޒިކް ކުޅޭތާ 10 އަހަރުވީ ބޭންޑްގައި ދެން ހިމެނޭ މެމްބަރުންނަކީ ލީޑް ވޯކަލިސްޓް އަހުމަދު ފުރުގާން (ފުޖީ) އާއި ހަސަން ފާތިހް (ފާތި)، އަލީ ޝާފިއު (އައްޔަ) އަދި އަހުމަދު އާސިފް (އައްމަޑޭ) އެވެ.