ސައޫދީގައި އަންހެނުންނަށް ފާރަލާ އެޕެއްގެ މައްސަލަ ހޫނުވެއްޖެ
ސައޫދީގައި އަންހެނުންނަށް ފާރަލާ އެޕެއްގެ މައްސަލަ ހޫނުވެއްޖެ

އަންހެނުންނާ ގުޅުން ހުރި ކަންކަމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅެމުން އަންނަ ސައުދީ އަރަބިއްޔާގައި އަންހެނުން އުޅޭނޫޅޭ ގޮތް ޓްރެކް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މޮބައިލް އެޕެއްގެ މައްސަލަ ހޫނުވެއްޖެ އެވެ.

އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ މީހުންނާއި ޖަމައާތްތަކުން ބުނާ ގޮތުގައި "އެބްޝާ" ނަމަކަށް ކިޔާ މި އެޕަކީ ފިރިހެނުން އަންހެނުން ކޮންޓްރޯލްކުރަން މަގުފަހި ކުރުމަށް ހަދާފައިވާ އެޕެކެވެ. މި އެޕުން، އަންހެނުން އުޅޭ ތަންތަނާއި އެ މީހުންގެ ހަރަކާތްތައް މޮނިޓަ ކުރެވެ އެވެ. އަދި އާއިލާ އަށް ނޭނގި ސައުދީ އަންހެނަކު ގައުމުން ބޭރަށް ދާން މަސައްކަތްކުރާ ނަމަ އެކަން އެޕް މެދުވެރިކޮށް އަންގައި ދޭނެ އެވެ.

ސައުދީ ސަރުކާރުން ފަރުމާކޮށްފައިވާ "އެބްޝާ" ގެ މައްސަލަ ހޫނުވެ، ގިނަ ބަޔަކު މި އެޕާ ދެކޮޅަށް ނުކުތީ ގޫގުލް އާއި އެޕަލް ސްޓޯރް ފަދަ ޕްލެޓްފޯމްތަކުން "އެބްޝާ" ހޯސްޓް ކުރާތީ އެވެ.

އެހެންވެ ވަރަށް ގިނަ ބަޔަކު ވަނީ ގޫގުލް އާއި އެޕަލް އިން ސައުދީގެ މި އެއަޕަށް ފޯރުކޮށްދޭ އެހީ ހުއްޓާލަން ގޮވާލައިފަ އެވެ. އޭގެ ތެރޭގައި އެމްނެސްޓީ އިންޓަނެޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗް ހިމެނެ އެވެ.

އަދި މިކަމާ ގުޅިގެން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުންގެ ބައެއް މެމްބަރުން ވެސް ވަނީ އެޕަލް އާއި ގޫގުލް ސްޓޯރުން "އެބްޝާ" ބޭރުކޮށްލަން ގޮވާލައިފަ އެވެ.

ސައުދީގައި މި ފަހަކަށް އައިސް އަންހެނުންނަށް އަންނަނީ ލުއިތަކެއް ދެމުންނެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މިދިޔަ އަހަރުން ފެށިގެން ޑްރައިވިން ލައިންސަންސް ދޭން ފެށުމެވެ.